ޚަބަރު

އަލިފާނުގެ ހާދިސާގައި އަރިއަޅާލި އިމާރާތް ތަޅާލުމުގެ މަސައްކަތް ފަށައިފި


މިދިޔަ ހުކުރު ދުވަހުގެ ރޭ މާލޭގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާގައި އަނދައި ބޮޑެތި ގެއްލުންތަކެއްވެ، އަރިއަޅާލި އިމާރާތް ތަޅާލުމުގެ މަސައްކަތް ފަށަން ތައްޔާރުވެއްޖެއެވެ.

މިހާރު ކުރިއަށްދަނީ އެ ސަރަހައްދުބަލައި މަސައްކަތް ފެށުމަށް ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތައް ވަމުންނެވެ. އެމްއެންޑިއެފުން ވަނީ އެ މަސައްކަތުގައި އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުންދާކަމަށް ވިދާޅުވެފައެވެ. އެމްއެންޑީއެފުން ވިދާޅުވީ އަރިއަޅާލާފައިވާ އިމާރާތަކީ ދަނގަޑު ހޮޅިން ހަދާފައިވާ ހަތަރުބުރީގެ އިމާރާތެއް ކަމަށެވެ. އަދި އިމާރާތުގައި ބޭނުންކޮށްފައިވަނީ ޓިނު ކަމަށްވެސް އެމްއެންޑީއެފުން ވިދާޅުވެއެވެ.

މި މަސައްކަތް ފެށުމަށް ތައްޔާރުވަމުންދާއިރު މިހާރު އެ ސަރަހައްދުގެ ބައެއް ވަނީ، އެ ސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކަށް ހުޅުވާލާފައެވެ މި އަލިފާނުގެ ހާދިސާއާ ގުޅިގެން އެކުލަވާލި ޓާސްކް ފޯސްއިން ވަނީ، މީހުން ހުސްކުރި ގެތަކުގެތެރެއިން ޕްލިމިނަރީ އެސެސްމަންޓަށްފަހު މީހުން ވެއްދޭނެ ގެތަކަށް މީހުން ވެއްދުމުގެ މަސައްކަތްވެސް ކުރަމުންދާކަމަށް ވިދާޅުވެފައެވެ.

ހެންވޭރު، އަބަދަށްފަހި މަގުގައި ހުރި ގުދަނެއްގައި ރޯވެ ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާގައި 7 އިމާރާތެއްގައި އަލިފާން ރޯވެ ބޮޑެތި ގެއްލުންތަކެއް ވެފައިވާއިރު މި ހާދިސާގައި އެކަކު ވަނީ މަރުވެފައެވެ.

އަލިފާނުގެ ހާދިސާއަށް ފަހު އެ ސަރަހައްދުގެ ގޭގެއިން މީހުން ހުސްކޮށް މުޅި އެ ސަރަހައްދު ބަލަހައްޓަމުން އަންނަނީ އެމްއެންޑީއެފާއި ފުލުހުންނެވެ.