ކުޅިވަރު

މިހާރުގެ ހާލަތަށް ބަލާއިރު، 2 އަހަރުން ފަހުން ލީގުވެސް ނޯންނާނެ: އިންމަ


ފުޓްބޯޅައިގެ ހާލަތު މިހާ ދަށަށް ގޮސްފައި އޮތް ދަނޑިވަޅުގައި އެކަން ރަނގަޅުކުރަން ކޮންމެވެސް ކަމެއް މިހާރުން މިހާރަށް ފަށަންޖެހޭކަމަށާއި، އެހެންނޫންނަމަ ދެ އަހަރު ތެރޭގައި ރާއްޖޭގެ ފުޓްބޯޅަ ލީގުވެސް ނޯންނާނެކަމަށް ދަ ގްރާންޑޭ ސްޕޯޓްސް ކްލަބުގެ ކޯޗު އިސްމާއިލް މަހުފޫޒް (އިންމަ) ބުނެފިއެވެ.

ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި މިރޭ ކްލަބް އީގަލްސްއާއި ދެކޮޅަށް ނުކުތުމުގެ ކުރިން ވާހަކަ ދައްކަމުން އިންމަ ބުނީ، މިހާރު ރާއްޖޭގެ ފުޓްބޯޅަ މި އޮތް ހާލަތުން އަރައިގަތުމަށް މަސައްކަތް ނުކުރާނަމަ ދެ އަހަރެއްގެ ތެރޭގައި ރާއްޖޭގައި ލީގުވެސް ނޯންނާނެކަމަށާއި، އޭރު އޮންނާނީ ވަގުތު ފާއިތުވެފައިކަމަށެވެ. އިންމަ ބުނީ ފުޓްބޯޅަ ކުޅޭނެ ކުޅުންތެރިން ނެތި ފުޓްބޯޅައިގެ މަތިން ފޫހިވާ ހިސާބުން ފެންވަރު ރަނގަޅު ދަނޑުތަކާއި، ވަސީލައްތައް ޤާއިމުކުރުމުގެ ބޭނުމެއް ނެތްކަމަށެވެ.

އިންމަ ބުނީ ފުރަތަމަ ޑިވިޝަންގައި ކުޅޭ ގިނަ ކްލަބްތަކަށް މިހާރު ދިމާވެގެން މިއުޅޭ މާލީ ހާލަތުގެ ސަބަބުން މެޗުތަކުގައި ކުޅުންތެރިންނަށް ސަތޭކަ ޕަސެންޓް ދިނުމަށް އުނދަގޫތަކެއް ވާނެކަމަށެވެ. ގައުމީ ޓީމުގެ އެސިސްޓެންޓް ކޯޗެއްގެ ގޮތުގައި ހުރެ ހެޑް ކޯޗެއްގެ ޒިންމާ ވެސް ބައެއް މެޗުތަކުގައި ނެގި އިންމަ ބުނީ ރާއްޖޭގެ ލީގު ފުޓްބޯޅަ ހުއްޓާލައިގެން ހަމައެކަނި ގައުމީ ޓީމުތައް ކުޅޭ ގޮތަށް އޮންނަ ހާލަތާ ދިމާލަށް ދާން ޖެހުން އެއީ ފުޓްބޯޅަ ކުރިއެރުން ކަމުގައި ބަލައިގަނެވެން ނެތް ކަމަށެވެ.

"އަޅުގަނޑު ބުނާނީ މި ހާލަތު މީ ހަމަ ވަރަށް މުހިންމު މިކަމުގައި ހަވާލުވެގެން އުޅޭ ބަޔަކު ހުރިހާ ފަރާތްތަކަށް މީހަމަ ވަރަށް މުހިއްމު ދަނޑިވަޅެއް މިއަށް ކޮންމެސްކަހަލަ މަސައްކަތްތަކެއް ކުރުން. އެހެންނޫނީވާކަމަށްވަންޔާ އަޅުގަނޑު ބުނާނީ މިއީ ދެ އަހަރެއްގެ ތެރޭގައި ރާއްޖޭގައި މި ކުޅޭ ފުޓްބޯޅަ ލީގުވެސް ނޯންނާނެއޭ." ދަ ގްރާންޑޭގެ ކޯޗު އިސްމާއިލް މަހުފޫޒު ބުންޏެވެ.

ކްލަބްތަކުގެ މާލީ ހާލަތު ގޯހުން ގޯހަށްގޮސް މެޗުތަކަށް ޓީމު ހަމަނުވާ ހިސާބަށް ރާއްޖޭގެ ފުޓްބޯޅައިގެ ޙާލަތު ގޮސްފައިވާއިރު، ކްލަބްތައް މިހާރު އޮތް ހާލަތުން އަރައިގަތުމަށް ދިވެހި ސަރުކާރުން އެހީގެ އަތެއް ފޯރުކޮށްދޭންޖެހޭކަމަށްވެސް ދަ ގްރާންޑޭގެ ކޯޗު އިސްމާއިލް މަހުފޫޒް (އިންމަ) ބުންޏެވެ. އަދި އެނޫން ގޮތަކަށް ކްލަބްތަކުގެ މާލީ ހާލަތު މިހާރު ރަނގަޅު ނުކުރެވޭނަކަމަށްވެސް އިންމަ ބުޏްނެވެ.