ޚަބަރު

ޔާމީންގެ ދިފާޢީ ވަކީލުގެ ބަސްމަގު، ގާޒީއަށް ވައްތަރުވީ ޚުތުބާއަކާ


ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ދިފާޢީ ވަކީލު ހަސަން އާސިފް މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ވާހަކަ ދެއްކެވި ރާގު ކަމުނުގޮސްގެން މައްސަލަ ބައްލަވާ ގާޒީ ވެސް އެންމެ ފަހުން ފާޑު ވިދާޅުވެއްޖެއެވެ.

ޔާމީންގެ މައްސަލައިގެ ޝަރީއަތައް ހުށައެޅި ހެއްކާ ގުޅޭ ގޮތުން ތިން ވަކީލަކު ކޯޓުގައި ވާހަކަ ދެއްކެވި އެވެ. އެއީ ދައުލަތުގެ ވަކީލާގެ އިތުރުން ޔާމިންގެ ވަކީލު އަލީ ޝާހާއި އާސިފެވެ.

ނަމަވެސް ޖިނާއީ މައްސަލަތަކުގައި މީގެ ކުރިންވެސް ކޯޓަށް ވަޑައިގަންނަވާ އާސިފް ޝަރީއަތުގެ މަޖިލީހުގައި ވާހަކަ ދައްކަވަމުން ގެންދަވަނިކޮށް ކްރިމިނަލް ކޯޓުގެ އިސް ގާޒީ ހައިލަމް ވަނީ އޭނާގެ ވާހަކަ މެދުކަނޑުއްވާލައްވާފައެވެ. އަދި އާސިފް އަކީ އަލަށް ކޯޓަށް ވަޑައިގަންނަވާ ބޭފުޅެއް ނޫންކަމަށާ އޭނާގެ ކުރިން ދެވަކީލުން ވެސް ހުށައެޅުއްވީ ބަޔާންކަމަށް ވިދާޅުވެ އޭނާގެ ރާގާމެދު ހިތްހަމަނުޖެހުން ފާޅުކުރެއްވިއެވެ.

އެއާއެކު ގާޒީ ކިބައިން މާފަށް އެދިވަޑައިގެންނެވުމަށްފަހު އާސިފު ވިދާޅުވީ އަޑު ތަންކޮޅެއް ދަށް ކުރާނެ ކަމަށެވެ. ނަމަވެސް ގާޒީ ވިދާޅުވީ އެއީ ހަމައެކަނި އަޑު ނޫންކަމަށާއި ރާގުވެސް ހުރީ އެހެންކަމަށެވެ.

"ހުތުބާއެއް ވިދާޅުވަނީ ހެންވެސް، ބައެއް ފަހަރު ހީވާނެ، ނޫނީ ޑްރާމާއެއް ކުޅޭނީހެންވެސް ހީވޭ،" ޤާޒީ ހައިލަމް ވިދާޅުވިއެވެ.

ރާގު އެހެން ހުންނާނެ ކަމަށް ވިދާޅުވެ ވާހަކަ ދައްކަވަމުން ދިޔައިރު އަމިއްލައަށް ވެސް އާސިފް ވަނީ ވާހަކަ ބަސްބަސް ވިދާޅުވެފައެވެ. ކްރިމިނަލް ކޯޓުގައި މީގެ ކުރިން ވަކީލެއްގެ ރާގަށް ޝަރީއަތުގައި ގާޒީއަކު ފާޑު ވިދާޅުވެފައިނުވެއެވެ. ޔާމީންގެ މައްސަލާގައި މީގެކުރިން ބޭއްވި އަޑުއެހުމެއްގައި ހެކިވެރިޔަކާ ކުރި ސުވާލެއްގައި އަނގަބަހުންވެސް ސޮއިކޮށްފައިނުވާނެތޯ އެހި ސުވާލަށްވެސް ވަރަށްބޮޑަށް އާންމުން ފާޑުކިޔައެވެ.