ޗައިނާގެ ވެރިރަށް ބެއިޖިންގައި ތަރައްޤީކޮށްފައިވާ ދުނިޔޭގެ އެންމެ ބޮޑު އެއަރޕޯޓު، ބެއިޖިންގ ޑާޝިންގ އިންޓަރނޭޝަލް އެއަރޕޯޓު ރަސްމީކޮށް ހުޅުވައިފިއެވެ.
ބެއިޖިންގ ޑާޝިންގ އިންޓަރނޭޝަލް އެއަރޕޯޓަކީ މިހާރު ދުނިޔޭގައި ތަރައްޤީކޮށްފައިވާ އެންމެ ބޮޑު އެއް އެއަރޕޯޓެވެ. އެއަރޕޯޓުގެ މަސައްކަތްތައް 2014 ވަނަ އަހަރު ފަށާފައިވާއިރު މިހާރު އެއަރޕޯޓުގެ ބޮޑު ބައެއްގެ މަސައްކަތް ނިމި މިދިޔަ ބުދަ ދުވަހު މި އެއަރޕޯޓް ވަނީ ރަސްމީކޮށް ހުޅުވާލާފައެވެ.
ޗައިނާގައި ކުލަގަދަކޮށް ބޭއްވި ރަސްމިއްޔާތެއްގައި މި އެއަރޕޯޓު ރަސްމީކޮށް ހުޅުއްވައިދެއްވީ ޗައިނާގެ ރައީސް ޝީ ޖިންޕިންއެވެ. މި އެއަރޕޯޓު ހުޅުވާފައިވަނީ ޗައިނާގެ 70 ވަނަ އަހަރީ ދުވަހަށް ވުރެ ކުޑަ ދުވަސްކޮޅެއް ކުރިންނެވެ.
މިއީ 11 ބިލިއަން ޑޮލަރު ޚަރަދުކޮށްގެން ޗައިނާ ސަރުކާރުން ތަރައްޤީކޮށްފައިވާ އެއަރޕޯޓެކެވެ. އެއަރޕޯޓު ތަރައްޤީކުރުމުގެ މަސައްކަތް ދެ ފިޔަވައްސަކަށް ބަހާލައިގެން ކުރިއަށްގެންދިޔައިރު އެއަރޕޯޓުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް މިހާރު ވަނީ ގާތްގަނޑަކަށް ނިމިފައެވެ.
ފުރަތަމަ ފިޔަވަހީގެ ދަށުން 4 ރަންވޭ ތަރައްޤީކޮށްފައިވާއިރު މި ރަންވޭއިން ކުރިއަށް އޮތްތާނގައި ޚިދުމަތްދެމުން ގެންދާނެކަމަށް ބެއިޖިންގ އިންޓަރނޭޝަނަލް އެއަރޕޯޓުން ބުނެއެވެ.
ޗައިނާގެ އަމާޒަކީ މި އެއަރޕޯޓާއެކު ޗައިނާގެ ވައިގެ ހަބަކަށް މި އެއަރޕޯޓު ހެދުމެވެ. އެގޮތުން ކޮންމެ ދުވަހަކުވެސް 300 ފްލައިޓް ލޭންޑިންގްސް އާއި ޓޭކްއޮފްސް މި އެއަރޕޯޓުގެ ހަތަރު ރަންވޭ މެދުވެރިކޮށް މެނޭޖްކުރެވޭނެކަމަށް އެއަރޕޯޓުން ބުނެއެވެ.
އެއަރޕޯޓުގެ ފުރަތަމަ ފޭސް އެއްކޮށް ނިންމާލެވޭނެ ތާރީޚަކީ 2025 ވަނަ އަހަރެވެ. ފުރަތަމަ ފޭސް ނިމޭއިރު އަހަރެއްގެ މައްޗަށް 72 މިލިއަން ފަތުރުވެރިން އެއަރޕޯޓު މެދުވެރިކޮށް ދަތުރުކުރާނެކަމަށް ލަފާކުރާކަމަށް ޗައިނާ ސަރުކާރުން ބުނެއެވެ.
އަދި އެއަރޕޯޓުގެ މަސައްކަތް އެއްކޮށް ނިމޭއިރު މިއެއަރޕޯޓުގައި މުޅިއަކު 8 ރަންވޭ އޮންނާނެކަމަށާއި އަދި އުއްމީދަކީ 2040 ވަނަ އަހަރާއި ހަމައަށް އެއަރޕޯޓު މެދުވެރިކޮށް އަހަރެއްގެ މައްޗަށް 100 މިލިއަން ފަތުރުވެރިން ދަތުރުކުރުންކަމަށް ވެސް ޗައިނާއިން ބުނެއެވެ.
އެއަރޕޯޓު ރަސްމީކޮށް ހުޅުވާފައިވީ ނަމަވެސް އެއަރޕޯޓް ތަރައްޤީކުރުމުގެ މަސައްކަތް އަދިވެސް ކުރިއަށްއެބަދެއެވެ. މި ޕްރޮޖެކްޓުގެ އެންމެ ތަފާތު އަދި މުހިންމު އެއް ބަޔަކީ އެއަރޕޯޓު ޓާރމިނަލްގެ މަސައްކަތެވެ. މި މަސައްކަތް ކުރަމުންދަނީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އާ ރަންވޭގެ މަސައްކަތް ކޮށްފައިވާ ޗައިނާގެ އެންމެ ބޮޑު އެއް ކުންފުނި ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގްރޫޕުންނެވެ.
މި އެއަރޕޯޓް ތަރައްޤީކުރުމުގެ މަސައްކަތާ ގުޅުވައިގެން ބެއިޖިންގެ އެކި ހިސާބުތަކާއި މި އެއަރޕޯޓާއި ގުޅުވާލުމަށްޓަކައި، ސަބްވޭ ލައިނަކާއި ސްޕީޑް ރެއިލްވޭއެއްގެ މަސައްކަތްވެސް ދަނީ ކުރަމުންނެވެ.
ބެއިޖިންގ ޑާޝިންގ އިންޓަރނޭޝަނަލް އެއަރޕޯޓް ހުޅުވިގެންދިއުމާއެކު މި އެއާޕޯޓު ވެގެންދާނީ ބެއިޖިންގައި ހުޅުވާ ދެވަނަ އިންޓަރނޭޝަނަލް އެއަރޕޯޓަށެވެ. ބެއިޖިންގެ ބައިނަލްއަޤްވާމީ ވައިގެ ބަނދަރު، ބެއިޖިންގ ކެޕިޓަލް އިންޓަރނޭޝަލް އެއަރޕޯޓް އޮޕަރޭޓްކުރަމުންދަނީ ވަރަށް ބާރުބޮޑުކޮށެވެ. އެހެންކަމުން މި އެއަރޕޯޓު ހުޅުވިގެންދިއުމާއެކު ބެއިންޖިންގއަށް ކުރާ ދަތުރުތައް ފަސޭހަވެގެންދާނެއެވެ.
މިއެއަރޕޯޓާއެކު ބެއިޖިންގްއަށް ކުރާ ދަތުރުތައް އިތުރުކުރުމަށް ޑޮމެސްޓިކް އަދި އިންޓަރނޭޝަނަލް އެއަރލައިންތަކަށް ފުރުސަތު ފަހިވެގެންދާނެކަމަށް ޗައިނާ ސަރުކާރުން ޤަބޫލުކުރެއެވެ. އެހެންނަމަވެސް، ޗައިނާއާއި އެމެރިކާއާއި ދޭތެރޭ އުފެދިފައިވާ ވިޔަފާރީގެ އަރާރުންތަކާއި ހެދި ޗައިނާއަށް ގޮންޖެހުންތައް ކުރިމަތިވެދާނެކަމަށް ބައިނަލްއަޤްވާމީ މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.
އެހެންނަމަވެސް ޗައިނާއިން މިދާ ބާރުމިނުގައި ކުރިއަށްދާނަމަ ވައިގެ ދަތުރު ފަތުރުގެ އެންމެ ބޮޑު އަދި ކާމިޔާބު މާކެޓަށް ޗައިނާ ވާނެކަމަށް ގިނަ ފަރާތްތަކުން އެއްބަސްވެއެވެ.