ވިޔަފާރި

ޓުއަރިސްޓް ޕޮލިސްގެ ހެލްޕް ޑެސްކްގެ ޚިދުމަތް އިފްތިތާހުކޮށްފި


މޯލްޑިވްސް ޕޮލިސް ސަރވިސްއިން ޓުއަރިސްޓް ޕޮލިސްގެ ހެލްޕް ޑެސްކްގެ ޚިދުމަތް އިފްތިތާހުކޮށްފިއެވެ.

ޓުއަރިސްޓް ޕޮލިސްގެ ހެލްޕް ޑެސްކްގެ ޚިދުމަތް އިފްތިތާހުކޮށްފައިވަނީ، ބައިނަލްއަޤުވާމީ ފަތުރުވެރިކަމުގެ ދުވަސް ފާހަގަކުރުމަށް ކުރިއަށްގެންދާ ހަރަކާތްތަކުގެ ތެރެއިންނެވެ.

މިޚިދުމަތަކީ އެވަގުތަކު ފަތުރުވެރިން އެންމެ ގިނައިން ޒިޔާރަތްކުރާ ސަރަހައްދުތަކުގައި ނުވަތަ ފަތުރުވެރިންނާގުޅޭ ހަރަކާތްތައް ހިންގާ ސަރަހައްދުތަކުގައި ޓުއަރިސްޓް ޕޮލިސްގެ މޮބައިލް ޑެސްކެއްގެ ގޮތުގައި ހެލްޕް ޑެސްކެއް ބަހައްޓައިގެން ޓްއަރިސްޓް ޕޮލިސް، ފަތުރުވެރިންނާ އެންމެ ގާތުން މަސައްކަތްކުރުމާއެކު ދިމާވާ ކަންކަމުގައި އޯގާތެރިކަމާއެކު އެހީތެރިކަން ފޯރުކޮށްދިނުމަށް ފެށި ޚިދުމަތެކެވެ. އަދި ދިމާވާ ކަންކަމަށް އެކަށީގެންވާ ރަނގަޅު ހައްލެއް ހޯދައިދިނުމަށް މަސައްކަތްކުރުމަކީވެސް މިޑެސްކުގެ ބޭނުމެކެވެ. ޓުއަރިސްޓް ޕޮލިސްގެ ހެލްޕް ޑެސްކްގެ ޚިދުމަތުގެ ތެރެއިން ފަތުރުވެރިންނަށް އަމާން ރައްކާތެރި މާހައުލެއް ހޯދައިދިނުމަށް މިސިނާއަތުގައި މަސައްކަތްކުރާ އެހެނިހެން ފަރާތްތަކާއި އާންމު ރައްޔިތުންނާވެސް ގުޅިގެން މަސައްކަތްކުރާނެކަމަށް ޕޮލިހުން ބުނެއެވެ.

މޯލްޑިވްސް ޕޮލިސް ސަރވިސުން ޓުއަރިސްޓް ޕޮލިސްގެ ހެލްޕް ޑެސްކްގެ ޚިދުމަތް އިފްތިތާޙުކޮށްފައިވާއިރު، މިހާރުވެސް ޓުއަރިސްޓް ޕޮލިސްގެ ޚިދުމަތްވެސް ޕޮލިސް ސަރވިސުން ދަނީ ފޯރުކޮށްދެމުންނެވެ.