ޖަރުމަނުގެ އެއްވަނަ ކީޕަރުކަން މެނުއަލް ނޯޔާގެ އަތުން ނަގައިފިނަމަ ގައުމީ ޓީމަށް ކުޅުންތެރިން ދޫނުކުރާނެ ކަމަށް އޭނާގެ ކުލަބު ބަޔަން މިއުނިކުން ބުނެފި އެވެ.
އެކުލަބުގެ ރައީސް ބުނީ މިހެން ބުނީ ބާސެލޯނާގެ ކީޕަރު މާކް އަންދްރޭ ޓާސްޓެގަން ގައުމީ ޓީމުގެ އެއްވަނަ ކީޕަރުކަން ނުލިބޭތީވެ ހިތްހަމަނުޖެހުން ފާޅުކުރާތީވެ އޭނާ އަށް އެއްވަނަ ކީޕަރުކަން ދީފާނެ ކަމަށް ބެލެވިފައިވަނިކޮށެވެ. މީގެ ސަބަބަކީ ނޯޔާ ހުއްޓައި ފަހަކަށް އައިސް ޖަރުމަނު ގިނަ މެޗުތަކަކުން ބަލިވެފައިވުމެވެ.
ނަމަވެސް ބަޔާންއިން ބުނީ 2014 ވަނަ އަހަރުގެ ވޯލްޑް ކަޕް ޖަރުމަނަށް ކާމިޔާބުކޮށްދިން ކީޕަރު އަދި އެ މުބާރާތުގެ އެންމެ މޮޅު ކީޕަރުގެ އަތުން އެއްވަނަ ކީޕަރުގެ މަގާމު އަތުލަންޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށެވެ. އަދި މިފަދަ ކަމެއް ޖަރުމަނު ފުޓްބޯޅަ އެސޯސިއޭޝަނުން ކޮށްފިނަމަ ބަޔާންގެ އެއްވެސް ކުޅުންތެރިއަކު ގައުމީޓީމަށް ދޫނުކުރާނެ ކަމަށެވެ.
ނަމަވެސް ރިޕޯޓްތައް ބުނާގޮތުން ކޯޗު ޖޯހިމް ލޯ ދަނީ ޓީމުގެ ކީޕަރުގެ މަގާމު ނޯޔާ އާއި ޓާސްޓެގަންގެ މެދުގައި ބަދަލު ކުރަމުންދިއުމަށް ވިސްނަމުންނެވެ.
މި މައްސަލާގައި ޓާސްޓެގެން ބުނެފައިވަނީ އޭނާ ހުރީ އެއްވަނަ ކީޕަރުކަން ކުރެވޭ ފެންވަރުގައި ކަމަށާއި އަބަދު ބެންޗުގައި އިންނަން ޖެހުމުން އޭނާ މާޔޫސްވާ ކަމަށެވެ. މިކަމާހެދި ނޯޔާ އާއި ޓާސްޓެގަންގެ މެދުގައި ވެސް ވަނީ ހިތްހަމަނުޖެހުންތައް އުފެދިފަ އެވެ.
މި ދެ ކީޕަރުންގެ މެދުގައި ބޮޑަށް މައްސަލަޖެހެން ފެށީ މިދިޔަ އަހަރުގެ ވޯލްޑް ކަޕާ ހިސާބުންނެވެ. އެއީ ހުސްވި ސީޒަނުގެ ވަރަށް ބޮޑުބައެއްގައި ނުކުޅެ ހުރެފައި އެންމެ ހަފުތާއެކު ޕްރެކްޓިސްކޮށްފައި ނޯޔާ އަށް ވޯލްޑް ކަޕުގައި ޖަރުމަނުގެ އެއްވަނަ ކީޕަރުކަން ދިނުމުންނެވެ. އެ މުބާރާތުގައި އެކަށީގެންވާ ކުޅުމެއް ނޯޔާ އަށް ނުދެއްކުނުއިރު ޖަރުމަނު ކެޓީ މުބާރާތުގެ ފުރަތަމަ ބުރުންނެވެ. އަދި އޭގެ ފަހުން ގައުމީ ޓީމު ވަނީ ގިނަ މެޗުތަކަކުން ބަލިވެފަ އެވެ.