ޚަބަރު

މާލޭގެ ގޭގެއިން ނެރޭ ކުނި އުކާލުމުގެ ހާއްސަ ޕްރޮގްރާމެއް މާދަމާ


ރޯދަމަހަށް ތައްޔާރުވުމަށް މާލޭގެ ގޭގެއިން ނެރޭ ކުނިތައް އުކާލުމުގެ ހާއްސަ ޕްރޮގްރާމެއް މާދަމާ ފެށުމަށް ނިންމައިފިއެވެ.  ހައުސިން މިނިސްޓްރީ އާއި އެންވަރްމެންޓް މިނިސްޓްރީ ގުޅިގެން މާދަމާގެ ހަވީރު ހަތަރަކުން ރޭގަނޑު 10 އަކަށް ކުރިއަށް ގެންދާ މި ޕްރޮގްރާމްގެ ދަށުން ކުނި އުކާލަން ބޭނުންވާ ފަރާތްތަކަށް ނަންނޯޓް ކުރުމުގެ ފުރުސަތު މިއަދު ހަވީރު 03:00 އިން މިރޭ 10:00އަށް އަދި މާދަމާގެ ހެނދުނު 07:00އިން ހަވީރު 03:00އަށް ވަނީ ހުޅުވާލާފައެވެ. މިގޮތުން ނަން ނޯޓޫ ކުރުމަށް3322023  އަދި 3335783 ނަންބަރަށް ގުޅައިގެންވެސް ނަން ނޯޓު ކުރެވޭނެ ކަމަށް ހައުސިންގ މިނިސްޓްރީން މައުލޫމާތުދެއެވެ.ހައުސިން މިނިސްޓްރީގައި މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓްރީގެ އެގްޒެކެޓިވް ކޯޑިނޭޓަރ އަބްދުﷲ ޝަރީފް ވިދާޅުވީ މި ޕްރޮގްރާމް ކުރިއަށް ގެންދާނީ 4 އަވަށަކަށް ބަހާލައިގެން ކަމަށާއި، ގޭގެއިން މަގުމައްޗަށް ކުނި ނެރުމުން މިނިސްޓްރީގެ ޓީމްތަކުން ކުނި އުކާލަދޭނެ ކަމަށެވެ.މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެންވަޔަރަމެންޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު، އަލީ އާމިރު ވިދާޅުވީ ކުނި އުކާލުމުގެ މި ޕްރޮގްރާމްގެ ދަށުން ހުސް ބިންތަކާއި ސަހަރާ ފަދަ ތަންތަނުގައި ހުންނަ ކުނި ވެސް އުކާލާނެ ކަމަށެވެ. އަދި ރޯދަ މަހަކީ ކުނި ގިނަވަ މަހެއްކަން ފާހަގަ ކުރައްވަމުން، އާމިރު ވިދާޅުވީ، ދެމެހެއްޓެނިވި ގޮތެއްގައި ރޯދަމަހުގެ ތެރޭގައި ކުނި އުކާލެވޭނެ ގޮތާ މެދު މާލޭ ސިޓީ ކައުންސިލާއެކު މަޝްވަރާ ކުރަމުން އަންނަ ކަމަށާއި، އެކަމަށް އެކަށީގެންވާ ވަސީލަތްތައް ކައުންސިލްގައި ނެތް ނަމަ ދެން އެ މަސައްކަތް ކުރިއަށް ގެންދާނެ ގޮތާ ގުޅޭގޮތުން ވެސް މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ.މާލޭގައި އުފައްދާ ކުނިތައް މިހާރު އުކާލަނީ ކުރިން ކުނި އުކާލަމުންދިޔަ ދެ ނަންބަރު ކުނިކޮށްޓާ ދިމާއަށް އޮންނަ ދޯންޏަކަށެވެ.