ވިޔަފާރި

ފްރާންސްގައި ރާއްޖެ އިޝްތިހާރުކުރުމަށް ހަރަކާތްތަކެއް ފަށައިފި


މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން، އެމް.އެމް.ޕީ.އާރު.ސީގެ ފަރާތުން ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރުމަށް ފަރަންސޭސިވިލާތުގައި ކުރިއަށްދާ ޓޮޕްރެސަރ ފެއަރގައި ބައިވެރިވެއްޖެއެވެ.

ފަރަންސޭސިވިލާތުގެ ޕެރިހުގައި ކުރިއަށްދާ އައި.އެފް.ޓީ.އެމް ޓޮޕްރެސަރ ފެއަރގައި ބައިވެރިވުމުގެ އިތުރުން، ފްރާންސްގައި ރޯޑް ޝޯއެއްވެސް ކުރިޔަށް ގެންދިޔުމަށްވަނީ ނިންމާފައެވެ. މިހަރަކާތްތަކުގައި ދިވެހިރާއްޖެއިން ބައިވެރިވާ ޓީމުގެ އެންމެ އިސްފަރާތެއްގެ ގޮތުން ހަރަކާތްތެރި ވާނީ މި އެކޯޕަރޭޝަންގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ އަލްފާޟިލާ އާއިޝަތު ނީޝާ މުޙައްމަދު ޝާހިދެވެ.

ފަރަންސޭސިވިލާތުގެ ޕެރިހުގައި ބާއްވާ ޓޮޕްރޭސަރ ފެއަރ ކުރިއަށްދާނީ މި އަހަރުގެ އޮކްޓޯބަރ މަހުގެ 1 އިން 4 ގެ ނިޔަލަށެވެ. މި ފެއަރގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގެ 20 ކުންފުންޏަކުން ބައިވެރިވާނެއެވެ. ފެއަރގެ ބައިވެރިން ފްރާންސް މާކެޓުގައި ޕްރޮފެޝަނަލް ފަރާތްތަކާއި ބައްދަލުކޮށް ގުޅުން ބަދަހިކުރުމާއި އަދި ރާއްޖޭގެ ފަތުރުވެރިކަން އިތުރަށް ފަރަންސޭސިވިލާތުގައި އިޝްތިހާރު ކުރުމަށް ކުރެވިދާނެ ކަންކަމާއިމެދު މަޝްވަރާ ކުރެވިގެން ދާނެއެވެ.

"ޖާރނީ ޓު ދަ ސަނީ ސައިޑް"ގެ ދަށުން ކުރިޔަށް ގެންދާ ރޯޑް ޝޯއެއް ވެސް އޮކްޓޯބަރ 7 ން 10 ގެ ނިޔަލަށް ފަރަންސޭސިވިލާތުގެ ނީސް، ސޫލޫސް އަދި ޕެރިހުގައި ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވާކަމަށް އެމްއެމްޕީއާރުސީން ބުނެއެވެ. އަދި މި ރޯޑު ޝޯގައި ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުގެ ޕްރޮޑަކްޓް އިޝްތިހާރުކުރުމުގެ ފުރުޞަތުވެސް ލިބިގެންދާނެއެވެ. މީގެ އިތުރުން ފަރަންސޭސިވިލާތުން ފަތުރުވެރިން އިތުރަށް ރާއްޖެ ގެނެވޭނެ ގޮތްތަކާމެދު މަޝްވަރާކުރެވިގެންދާނެއެވެ.

ފަރަންސޭސިވިލާތަކީ ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރާ އެއް ޤައުމެވެ. އެގޮތުން 2018 ވަނަ އަހަރު ފަންސާސް ހާހަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެއަށް ވަނީ ޒިޔާރަތްކޮށްފައެވެ. މިއީ 2017 ވަނަ އަހަރާ އަޅާ ބަލާއިރު 19.1 އިންސައްތައިގެ ކުރިއެރުމެކެވެ. އަދި މި އަހަރުގެ ޖުލައިމަހުގެ ނިޔަލަށް ސާޅީސް ފަސް ހާހަށްވުރެ ގިނަ ފަތުރުވެރިން ފަރަންސޭސިވިލާތުން
ރާއްޖެއަށް ވަނީ ޒިޔާރަތްކޮށްފައެވެ. މިއީ 2018 ވަނަ އަހަރުގެ މި މުއްދަތާ އަޅާ ބަލާއިރު 40.9 އިންސައްތައިގެ ކުރިއެރުމެކެވެ. ފަރަންސޭސިވަލަތަކީ 7 ވަނައަށް ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރާ ޤައުމެވެ.