ކުޅިވަރު

މި އަހަރަށް ފަހު ޓީސީ އުވާލަނީ


މި އަހަރުގެ ފުޓްބޯޅަ ސީޒަނުގައި ކުޅުމަށްފަހު ޓީސީ ސްޕޯޓްސް ކުލަބު އުވާލަން ނިންމާފައިވާ ކަމަށް އެކުލަބުން ބުނެފި އެވެ.

ރާއްޖޭގެ އެންމެ ފަހުގެ ޗެމްޕިއަން ޓީމު ހިންގުމުގައި އެންމެ އިސް ދައުރެއް އަދާކުރައްވާ ކުރީގެ ސްޕޯޓްސް ކޮމިޝަނަރު އަހުމަދު ނަޝީދު (ޑޭވް) ވިދާޅުވީ މިވަގުތު ކުލަބުން ކުރަމުންދާ މަސައްކަތަކީ ދަރަނި އަދާކުރުމުގެ މަސައްކަތް ކަމަށެވެ.

"ޓީސީން ވިސްނާފައި އޮތީ ޓީސީގެ ދަރަނި އަދާކުރުމަށްފަހު ޓީސީ އުވާލަން. އެއީ މިވަގުތު ޓީސީގެ ހާލަތަކީ،" މީގެ ތިން އަހަރު ކުރިން ފުރަތަމަ ޑިވިޝަނުގައި ވާދަކުރަން ފެށި ޓީމުގެ އިސް ހިންގުންތެރިޔާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ފުޓްބޯޅަ ކުލަބުތައް ހިންގޭގޮތެއް ނެތް ކަމަށާއި ހަރަދު ބޮޑުވުމުގެ ސަބަބުން ފުޓްބޯޅައާ ދުރަށް ދާން ކުލަބުތަކަށް މަޖުބޫރުވަމުންދާ ކަމަށެވެ. މިކަން ރަނގަޅޫ ކުރަން ކުރީގެ ސަރުކާރުން މަސައްކަތް ކުރެއްވި ކަމަށާއި އެގޮތަށް މިހާރުގެ ސަރުކާރުން ވެސް މަސައްކަތް ކޮށްދެއްވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

"ރައީސް އިބޫ ވިދާޅުވި އެއްވެސް އެއްޗެއް މަދެއް ނުވާނެއޭ. އެހެންވީމާ އަޅުގަނޑުމެން އުއްމީދު ކުރަނީ (އެސްއޯއީގެ ދަށުން ކުންފުނިތައް މެދުވެރިކޮށް ސަރުކާރުން ކޮންމެ އަހަރަކު ކުލަބުތަކަށް ދެމުން އައީ ތިން މިލިއަން ރުފިޔާ މިހާރު ނުލިބި އޮތަސް) މަދުނުވެ ލިބޭނެ ކަމަށް. މިހާރުގެ ޔޫތު މިނިސްޓަރ މަހްލޫފަކީ ކުޅިވަރު ހާލަތު ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާ ބޭފުޅެއް. މިނިސްޓަރު ފުޓްބޯޅައިގެ ހާލަތު ރައީސަށް ވިދާޅުވެދެއްވާނެ ކަމަށް އަޅުގަނޑު އުއްމީދު ކުރަނީ،" ޑޭވް ވިދާޅުވި އެވެ.

ދިވެހި ޕްރިމިއަރ ލީގުގެ އެންމެ ފަހުގެ ޗެމްޕިއަން ޓީސީގެ ކޯޗުކަމުގެ މަގާމުން ދާދި ފަހުން މުހައްމަދު އާތިފް (އާތީ) ވަނީ އިސްތިޢުފާ ދީފައެވެ. އާތީ އިސްތިއުފާ ދޭން ކްލަބަށް ފޮނުވި ސިޓީގައި ބުނެފައިވަނީ ޓީމުގެ ކުޅުންތެރިންނަށް ދިމާވެފައިވާ ކަންތައްތަކާ ހެދި އެ ކުޅުންތެރިންގެ ކުޅުމަށް އަސަރު ކުރަމުން އަންނާތީ އެ ކަމަށް ހައްލެއް ހޯދުމަށް ކްލަބްގެ ސީނިއާ މެނޭޖުމެންޓާ ވާހަކަ ދައްކައިގެން ވެސް އެކަމަށް ރަނގަޅު މަގެއް ފެނިފައިނުވާ ކަމަށެވެ،

އެނގިފައިވާ ގޮތުގައި ޓީސީގެ މާލީ ހާލަތު ގޯސްވުމުގެ ސަބަބުން ކުޅުންތެރިންނަށް މުސާރަ ނުދެވޭތާ ގިނަ ދުވަސްތަކެއް ވެފާވާއިރު، އެ ޓީމުން ވަނީ ކުޅުންތެރިންނާ ބައްދަލުކޮށް ކްލަބް ދޫކޮށްލަން ބޭނުންވާ ކުޅުންތެރިންނަށް އެ ފުރުސަތު ދީފައެވެ.