ވިޔަފާރި

ރިސޯޓް ތަރައްޤީކުރުމަށް 27 ރަށެއްގެ އެސެސްމަންޓް ހަދަނީ


ރިސޯޓް ތަރައްޤީކުރުމަށް ރާއްޖޭގެ 27 ރަށެއްގެ އެސެސްމަންޓް ހަދަމުންދާކަމަށް ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު ވިދާޅުވެއްޖެއެވެ.

ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަހާއި ގުޅުވައިގެން ޓޫރިޒަމް މިނިސްޓްރީން ކުރިއަށްގެންދިޔަ ހަރަކާތްތައް ނިންމާލުމަށް ބޭއްވި ގާލާ ނައިޓްގައި ވާހަކަފުޅުދައްކަވަމުން ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު ވިދާޅުވީ ރާއްޖޭގެ ފަތުރުވެރިކަން ނެތް ހިސާބުތަކަށް ފަތުރުވެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާކަމަށެވެ. އެގޮތުން 27 ރަށެއްގައި ރިސޯޓު ތަރައްޤީކުރުމަށް އެކި ގޮތްގޮތުން ބަލަން ޖެހޭ ކަންތައް ދިރާސާކުރަމުންދާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"ދިވެހިރާއްޖޭގެ ފަތުރުވެރިކަން ނުދާ ހިސާބުތަކަށް ފަތުރުވެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް އަޅުގަނޑުމެން މިދަނީ ކުރަމުން. ޖުމްލަ 27 ރަށެއް އެސްސްކުރުމުގެ މަސައްކަތްކުރަމުން މިދަނީ. އަޅުގަނޑުމެން މިބަލަނީ މި ރަށްތަކަކީ އެކަށީގެންވާ ރަށްތަކެއްތޯ ބެލުމަށް. އަޅުގަނޑުމެންނަށް މީގެ ދެދުވަސް ކުރިން އޭގެ ރިޕޯޓު ވަނީ ލިބިފަ. އެހެންނަމަވެސް މިއަހަރު އަޅުގަނޑުމެން ރަށެއް ނެރޭނީ ތިމާވެއްޓާއި ގުޅޭގޮތުން ކުރަންޖެހޭ ހުރިހާ ދިރާސާއެއް ކުރުމަށް ފަހު. އަދި އެރަށަކީ ރިސޯޓެއްގެ ގޮތުގައި ތަރައްޤީކުރެވޭނެ ރަށެއްތޯ ވެސް ބެލުމަށްފަހު." މިނިސްޓަރ އަލީ ވަހިދު ވިދާޅުވިއެވެ.

ރިސޯޓު ތަރައްޤިކުރުމަށް ސަރުކާރުން ވިސްނާފައިވާ ރަށްތަކުގެ ތެރޭގައި ހއ. އުލިގަމާއި ހދ. ނާގޯށި، ލ އަތޮޅު، ފ އަތޮޅު، އައްޑު އަތޮޅު އަދި ފުވައްމުލައް ސިޓީ ފާހަގަކޮށްލެވެއެވެ.

" އަޅުގަނޑުމެން ޔަޤީންކަން ދެނީ ހަދާނެގޮތް ނޭގިފައި އަޅުގަނޑުމެން ނުތިބޭނެކަން. މި ކުރިޔަށް ފެށޭ އަހަރުގެ ތެރޭގައި ހދ. ނާގޯށީގެ އަމަކީ މަސައްކަތް މި ސަރުކާރުން ފަށާނަން. މީގެ އިތުރުން ހއ، ހދ، ނ، ރ، ވ، މ، ފ، ލ، ކ، ހުވަދުއަތޮޅު، އައްޑު އަތޮޅު، ފުވައްމުލައް ސިޓީގައި ވެސް މި އެސެސްމަންޓް ހެދޭނެ." މިނިސްޓަރ އަލީ ވަހީދު ވިދާޅުވިއެވެ.

27 ރަށެއްގެ އެސެސްމަންޓް ހަދަން ނިންމާފައިވީ ނަމަވެސް ޓޫރިޒަމަށް ބޭނުންކުރާނެ ސީދާ ރަށްތައް ޢިޢުލާންކުރާނީ މި އެސެސްމަންޓް އެއްކޮށް ނިންމާލެވުމުންކަމަށް ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު ވިދާޅުވިއެވެ.

ރާއްޖޭގެ ހުރިހާ ސަރަޙައްދުތަކެއް ހިމެނޭހެން ފަތުރުވެރިކަން ފުޅާކުރުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތައް ކުރަމުންނެވެ. މިނިސްޓަރ އަލީ ވަހީދު ވިދާޅުވީ މީގެ ޢަމަލީ މަސައްކަތްތައް އަންނަ އަހަރު ފަށާނެކަމަށެވެ.