ދައުލަތުގެ ފައިސާއަށް ޚިޔާނާތްތެރިވެގެން އެއްވެސް މައްސަލައެއް އެމަނިކުފާނުގެ މައްޗަށް ސާބިތު ނުކުރެވޭނެ ކަމަށް ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.
ކ.ހުރާގައި ޕީޕީއެމުން ބޭއްވި ޖަލްސާގައި ޔާމިން ވިދާޅުވީ ރައްޔިތުންގެ ގާތަށް އެމަނިކުފާނު ވަޑައިގަންނަވާތީ އެމަނިކުފާނަށް އުނދަގޫކުރުމަށް ސަރުކާރުން ކަންކަން ކުރަމުންދާކަމަށެވެ. އަދިމިހާރު އެމަނިކުފާނު ރަށްރަށަށް ވަޑައިގަންނަވަން ފެށުމުން އެގޯނާތައް އިތުރުވެފައިވާކަމަށް ވިދާޅުވިއެވެ. އަދި ވިދާޅުވީ އެމަނިކުފާނު ހުންނެވީ ސާބިތުކަމާއެކުކަމަށެވެ.
"އަޅުގަނޑު ތަންތަނަށް ތަޅުވާ މިސަކަރާތް ޖެހިދާނެ. މިހާރުވެސް އަޅުގަނޑު މިދަތުރުގައި އުޅޭތީ އަނެއްކާވެސް އެބަކިޔާ މިނިވަން 50ގައި ހިނގާދިޔަ ކަންތައްތަކުގެ ތެރޭގައި ރައީސް ޔާމީން އެކައުންޓަށް ފައިސާ ވަނޭ. ރައީސް ޔާމިންގެ އެކައުންޓަށް ފައިސާ ވަންނާނެ އެކަމު ސަރުކާރުން ސާބިތުކުރައްވާ، ފުލުހުން ސާބިތުކުރައްވާ އޭގައި ގޯހެއް އުޅެންޏާ،" ޔާމިން ވިދާޅުވިއެވެ.
ޔާމީން ވިދާޅުވީ އެމަނިކުފާނުގެ މައްޗަށް ތުހްމަތުތައް ކުރަނީ ޕީޕީއެމްއަކީ ވަރުގަދަ ލަޝްކަރެއްކަން އެނގޭތީއާއި ކުރިމަތީގައި އިންތިޚާބެއް އޮތުމުންކަމަށެވެ.
ޔާމީނަކީ ބޮޑު ޚިޔާނާތެއް ހިންގި މީހެއްނަމަ ވެރިކަމުގައި ހުންނަވަނިކޮށް މަގާމުން އަޒުލު ކުރީސް ކަމަށާ، އެކަން ކޯޓު މެދުވެރިކޮށް ނޫނީ މަޖިލިސް މެދުވެރިކޮށް ކުރެވެން އޭރު އެމްޑީޕީއަށްއޮތްކަމަށް ޔާމީން ވިދާޅުވިއެވެ. އެހެން ނަމަވެސް އެމްޑީޕީން އެކަން އޭރުނުކުރީ އެފަދަކަމެއް ޔާމީން ކުރައްވާފައި ނެތުމުންކަމަށް އެމަނިކުފާނު ވިއެވެ. ރައީސް ޔާމީންވަނީ އެމަނިކުފާނުގެ މައްޗަށް އުފުލާފައިވާ ދަޢުވާއަކީ ސިޔާސީ ދައުވާއެއްކަމަށް ތަކުރާރުކޮށް ވިދާޅުވެފައެވެ.
ޔާމީން ވިދާޅުވީ އެމްޑީޕީގެ ފިކުރުގެ ގިނަބަޔަކު ރާއްޖޭގެ އެކިހިސާބުތަކުގައި ނެތްކަމަށެވެ. ސަރުކާރެއް އޮތިއްޔާ ސަރުކާރަށް ތަބާވާ އަދި ސަރުކާރުގެ ކިބައިން ކަންކަމަށް އެދޭބަޔަކު ތިބެދާނެކަމަށާ ނަމަވެސް އެމްޑީޕީގެ ފިކުރުގެ ގިނަބަޔަކު ނެތްކަމަށް ޔާމީން ވިދާޅުވިއެވެ.