ސަލާމަތީ ގޮތުން ހުންނަށްޖެހޭ މިންގަނޑަށް ނުފެތޭ 30 ތެޔޮ ބައުޒަރެއްގެ ލައިސަންސް ކެންސަލްކޮށްފައިވާކަމަށް އެމްއެންޑީއެފުން ވިދާޅުވެއްޖެއެވެ.
އެމްއެންޑީއެފުން ވިދާޅުވީ މާލެ ސިޓީގައި ބޭނުންކުރާ ތެޔޮ ބައުޒަރުތަކުގެ ސަލާމަތީ ކަންކަން ފުރިހަމަކޮށްފައި ހުރިތޯ ބެލުމަށް ހިންގި ޕްރޮގްރާމްގެ ދަށުން މިމަހުގެ ތެރޭގައި އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސް އިން 42 ބައުޒަރެއް ބަލާ ފާސްކޮށްފައިވާ ކަމަށެވެ. އަދި ފާސްކުރި ބައުޒަރުތަކުގެ ތެރެއިން ސަލާމަތީ ގޮތުން ހުންނަށްޖެހޭ މިންގަނޑަށް ވުރެއް ދަށް 30 ތެޔޮ ބައުޒަރެއްގެ ލައިސަންސް ބާތިލް ކުރުމަށްފަހު އޭގެ ތެރެއިން 11 ތެޔޮ ބައުޒަރެއްގެ ސަލާމަތީ ބައެއް ކަންކަން ރަނގަޅު ކުރުމަށްފަހު އަލުން ބޭނުންކުރުމަށް ހުއްދަ ދީފައިވާ ކަމަށްވެސް އެމްއެންޑީއެފުން ވިދާޅުވެއެވެ.
މިމަހުގެ 2 ވަނަަ ދުވަހުން ފެށިގެން 3 ވަނަ ދުވަހުގެ ނިލަށް މާލެ ސިޓީގައި މި ޕްރޮގްރާމްގައި ކުރިއަށް ގެންގޮސްފައި މިވަނީ ތެޔޮ ބައުޒަރުތަކެއްގައި ރޯވެ ނުރައްކާތެރި އަލިފާނުގެ ހާދިސާއެއް މިދިޔަ މަހުގެ 30 ވަނަ ދުވަހު ހިނގާފައިވަނިކޮށެވެ. މާލޭ އިންޑަސްޓްރިއަލް ވިލެޖް ސަރަހައްދުގައި ހިނގި އެ ހާދިސާގައި ފަސް ތެޔޮ ބައުޒަރުގައި އަލިފާން ރޯވެފައިވެއެވެ.
އެމްއެންޑީއެފުން ތެޔޮ ބައުޒަރުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި ބައުޒަރުތައް ބަލައި ފާސްކުރުމަށް ހިންގި މި ޕްރޮގުރާމްގައި ތެޔޮ ބައުޒަރުތައް ބޭނުންކުރާ އުޅަނދުތަކުގައި ހަރުކުރަންޖެހޭ ނިޝާންތައް ހަރުކޮށްފައި ނެތުމާއި ބައުޒަރަށް ބޭނުންވާ އަލިފާންނިވިތައް ނެތުމާއި ވެހިކަލްގެ ކޮންޑިޝަން ރަނގަޅަށް ބަލަހައްޓާފައި ނެތުންފަދަ ކަންކަން ފާހަގަކުރެވިފައިވާކަމަށް އެމްއެންޑީއެފުން ވިދާލުވެއެވެ.