ތިން ގާޟީއެއްގެ ސުލޫކީ މައްސަލައެއް ބެލުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ތަހްގީގު ކޮމެޓީއަކަށް ފޮނުވުމަށް ނިންމައިފިއެވެ.
ޖޭއެސްސީއިން ހާމަ ކޮށްފައިވާ ގޮތުގައި ޖޭއެސްސީން ބެލުމަށް ނިންމާފައިވަނީ ބ. އޭދަފުށީ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް އަލްއުސްތާޛު އުއްމުކުލްޝޫމް އަބޫބަކުރުގެ މައްސަލައަކާއި ގއ.ގެމަނަފުށީ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް އިބްރާހީމް މުނީރުގެ މައްސަލައެއްގެ އިތުރުން ސިވިލް ކޯޓުގެ ޤާޟީ ޢަބްދުއްނާޞިރު ޝަފީޤުގެ މައްސަލައެކެވެ.
އެ މައްސަލަތައް ޖޭއެސްސީއަށް ހުށައެޅުމުން އެ މައްސަލަ ބެލުމާމެދު ގޮތެއް ނިންމީ ޖޭއެސްސީން ކަނޑައަޅާފައިވާ ކުޑަކޮމެޓީންނެވެ. އަދި އެ މައްސަލަ ބެލުމަށް ފެންނަ ކަމަށް އެ ކޮމެޓީން ނިންމުމުން ޖޭއެސްސީން ވަނީ އެ ނިންމުމާއެކު ތަހްގީގުކުރާ ކޮމެޓީއަށް ފޮނުވަން އެ ކޮމިޝަނުގެ ބައްދަލުވުމުން ފާސްކޮށްފައެވެ.
އެހެން ނަަމަވެސް އެ ގާޟީންނާ ގުޅޭ ގޮތުން ހުށައަޅާފައިވަނީ ކޮން މައްސަލަތަކެއްކަމެއް ޖޭއެސްސީ އިން ހާމައެއް ނުކުރައްވައެވެ.
މީގެއިތުރުން އުއްތަމަފަނޑިޔާރު ޑރ. އަޙްމަދު ޢަބްދުﷲ ދީދީ، އާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އާދަމް މުޙައްމަދު ޢަބްދުﷲ ފަނޑިޔާރު ޢަބްދުﷲ ޢަރީފުގެ މައްޗަށް ހުށަހެޅުނު ސުލޫކީ މައްސަލައާ ގުޅިގެން އެ ފަނޑިޔާރުންނަށް ނަސޭހަތްތެރިވުމަށް ކޮމިޝަނުން ވަނީ ފާސްކޮށްފައެވެ.
ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރަކަށް ނަސޭހަތްތެރިވުމަށް ޖޭއެސްސީން ނިންމީ ޕަބްލިކް ސަރވިސް މީޑިއާގެ ކުރީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު އިކްރާމް އަބްދުއްލަތީފްގެ ދަރަނީގެ މައްސަލައިގެ ލިޔުންތައް ސުޕްރީމް ކޯޓުން ނެގި މައްސަލަގައެވެ. އެ މައްސަލައިގައި ފިޔަވަޅު އަޅަން ތަހްގީގުކުރި ކޮމެޓީން ނިންމި ނިންމުން ތަންފީޒް ކުރުމަށް ނިންމާފައި މިވަނީ އެ ރިޕޯޓް ބަލައިގަތުމަށް ނިންމިތާ 30 ދުވަސް ހަމަވުމުންނެވެ.