ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމުގެ މައްޗަށް އުފުލާފައިވާ މަނީލޯންޑަރިންގެ ޝަރީއަތުގެ ފަހު އަޑުއެހުން މަދަމާ މެންދުރަށް ތާވަލު ކޮށްފިއެވެ.
މި މައްސަލައިގެ ފަހު އަޑުއެހުން ތަވާލުކޮށްފައިވަނީ މާދަމާ މެންދުރު ފަހު 13.00 ގައި ބޭއްވުމަށެވެ.
އެ މައްސަލައިގެ އެންމެ ފަހު އަޑުއެހުމުގައި މައްސަލަ ބައްލަވާ ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަޙްމަދު ހައިލަމް ވިދާޅުވެފައިވަނީ ދެން އޮންނާނީ މައްސަލައިގެ ހުލާސާ ބަޔާން ހުށައެޅުން ކަމަށެވެ. އެންމެ ފުރަތަމަ މި އަޑުއެހުން ބާއްވަން ތާވަލު ކުރީ ބުރާސްފަތި ދުވަހަށެވެ. ނަމަވެސް ފަހުން އަޑުއެހުން ބުދަ ދުވަހަށް އަވަސް ކުރީއެވެ.
ރައީސް ޔާމިން މައްޗަށް އުފުލާފައިވާ ދައުވާގެ ފަހު އަޑުއެހުމުގައި ޚުލާސާ ބަޔާން ހުށައެޅުމަށްފަހު ދެން އޮންނާނީ މައްސަލަ ސާބިތުވާކަން ނުވަތަ ނޫންކަން ގާޒީ ކަނޑައަޅާ މަޖިލީހެވެ. އެ ޝަރީއަތުގެ މަޖިލީހުގައި ކުށް ސާބިތުވާ ކަމަށް ގާޒީ ކަނޑައަޅުއްވައިފި ނަމަ އަދަބު ކަނޑައެޅުމުގެ ކުރިން އަދަބާ ގުޅޭ ގޮތުން ދެ ފަރާތައްވެސް ވާހަކަ ދެއްކުމަށް ޝަރީއަތުގެ މަޖިލީހެއް ބާއްވާނެއެވެ. އަދި ކުށުގެ އަދަބު ގާޒީ ކަނޑައަޅުއްވާނީ އޭގެ ފަހުންނެވެ.
ޔާމިނަށް ކުރާ ދައުވާގެ ޝަރީއަތުގެ އެންމެ ފަހުން އަޑުއެހުމެއް ބޭއްވީ މިދިޔަ މަހުގެ 25 ވަނަ ދުވަހުއެވެ. އެ ދުވަހު ޝަރީއަތުން ވަނީ ހެއްކާ ބެހޭ ގޮތުން ދެ ފަރާތަށް ވެސް ވާހަކަ ދެއްކުމަށް ފުރުސަތު ދެއްވާފައެވެ.
ޔާމިންގެ މައްޗަށް އުފުލާފައިވާ މަނީލޯންޑަރިންގެ ދައުވާއަކީ އެމަނިކުފާނުގެ ވެރިކަމުގައި ހިންގި ކަމަށް ތުހްމަތުކުރެވޭ ކުށްތަކާ ގުޅިގެން އުފުލި ފުރަތަމަ ދައުވާއެވެ.