ރިޕޯޓް

ޔާމިނުގެމައްޗަށް ކުށް ސާބިތުވެއްޖެނަމަ އަދަބަކީ ކޮބާ؟


މަނީ ލޯންޑްރިންނާއި ޓެރަރިޒަމްއަށް ފައިނޭސްކުރުން ހުއްޓުވުމަށް ފުރަތަމަ ފަހަރަށް މަނީ ލޯންޑްރިންއާ ބެހޭ ޤާނޫނެއް ރާއްޖެއަށް ތަޢާރަފުވީ 2014 ވަނަ އަހަރުއެވެ.

މި ޤާނޫނުގެ ދަށުން ފުރަތަމަ ފަހަރަށް ދައުވާ ކޮށްފައި މި ވަނީ އެ ޤާނޫނު ވުޖޫދަށް އައިތާ 4 އަހަރު ފަހުން، އެ ޤާނޫނޫ ތަސްތީޤު ކުރެއްވި ކުރީގެ ރައީސް ޢަބްދުﷲ ޔާމިންގެ މައްޗަށެވެ. މިހާރު އެ މައްސަލައިގެ އަޑުއެހުންތައް ނިމިފައިވާއިރު އެ ކުށް ސާބިތުވެއްޖެނަމަ އަންނާނީ ކޮން އަދަބެއްތޯ މިއީ ގިނަ ބައެއްގެ ކުރިމަތީ އޮތް ސުވާލެކެވެ.

ރައީސް ޔާމިންގެ މައްޗަށް މަނީ ލޯންޑްރައިންގެ ދައުވާ އުފުލާފައިވަނީ މަނީ ލޯންޑްރިންނާއި ޓެރަރިޒަމްއަށް ފައިނޭސްކުރުން ހުއްޓުވުމުގެ ޤާނޫނުގެ 53 ވަނަ މާއްދާގެ (ހ) އާއި ހަވާލާދީ އެ މާއްދާގެ ށ ދަށުން، އެވެ. އެ ޤާނޫނު ބުނާ ގޮތުން މަނީލޯންޑްރިންގެ ކުށެއް ކޮށްފި މީހަކަށް ދެ ގޮތަކަށް އަދަބު ދެވިދާނެއެވެ. އެއް ގޮތަކީ އެމީހަކު 100,000 (އެއްލައްކަ) ރުފިޔާއާއި 1,000000 (އެއްމިލިއަން) ރުފިޔާއާ ދެމެދުގެ ޢަދަދަކުން ޖޫރިމަނާކުރުމާއެކު 5 އަހަރާއި 15 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ.

އަދި ދެ ވަނަ ގޮތަކީ ޢަމަލު ހިންގުމުގައި ބޭނުންކުރި ފައިސާގެ ޢަދަދު (ލޯންޑަރކުރި ފައިސާގެ ޢަދަދު) ގެ 5 ގުނައަށްވުރެ އިތުރުނުވާ ޢަދަދަކުން ޖޫރިމަނާކުރުމާއެކު 5 އަހަރާއި 15 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ.

ރައީސް ޔާމިންގެ މައްޗަށް ކުށް ސާބިތުވެއްޖެ ނަމަ ފަސް އަހަރާއި 15 އަހަރާއި ދެމެދުގެ މުއްދަތަކަށް ޖަލަށް ލާން ކޯޓުން ހުކުމް ކުރަން މި ޤާނޫނު ލާޒިމްކުރެއެވެ. އަދި ޖޫރިމަނާ ކުރެވޭނެ ގޮތް ބަޔާން ކޮށްފައިވާ ބަޔަށް ބަލާއިރު 100,000 (އެއްލައްކަ) ރުފިޔާއާއި 1,000000 (އެއްމިލިއަން) ރުފިޔާއާ ދެމެދުގެ ޢަދަދަކުން ޖޫރިމަނާކުރެވިދާނެ ކަމަށް ބުނެފައިވާ ބަޔަށް މި ކުށުގެ ޖޫރިމަނާ ނުފެތޭ ކަމަށް ބެލިވިދާނެއެވެ. ސަބަބަކީ ރައީސް ޔާމިންގެ މައްޗަށް ކުށް ސާބިތުވެއްޖެ ނަމަ ކުށް ސާބިތުވާނީ އެއް މިލިއަން ޑޮލަރުގެ މަނީ ލޯންޑްރިންގެ ކުށުގެ އަމަލަކުންނެވެ. އެހެން ކަމުން އެއް މިލިއަން ރުފިޔާއިން ޖޫރިމަނާ ކުރި ނަމަވެސް މަނީ ލޯންޑަރކުރި އަދަދަށްވުރެ ޖޫރިމަނާ ކުޑަވެގެންދާނެއެވެ.

ޤާނޫނީ މާހިރުންގެ ނަޒަރުގައި ޖޫރިމަނާ ފެތެނީ އަދަބު ބަޔާންކުރާ މާއްދާގައިވާ ދެވަނަ ގޮތަށެވެ. އެއީ ޢަމަލު ހިންގުމުގައި ބޭނުންކުރި ފައިސާގެ ޢަދަދު (ލޯންޑަރކުރި ފައިސާގެ ޢަދަދު) ގެ 5 ގުނައަށްވުރެ އިތުރުނުވާ ޢަދަދަކުން ޖޫރިމަނާކުރުމާއެކު 5 އަހަރާއި 15 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ. އޭރުން މަނީ ލޯންޑްރިންގެ ކުށް ހިންގަން ބޭނުންކުރި ފައިސާގެ އަދަދާ އެއްވަރު ނުވަތަ އެއަށް ވުރެ ބޮޑު އަދަދަކުން ޖޫރިމަނާ ކުރެވިގެންދާނެއެވެ.

ރައީސް ޔާމިންގެ މައްޗަށް ކޮށްފައިވާ ދައުވާ ފެތޭކަމަށް ދައުލަތުގެ ޕްރޮސެކިއުޓާ ޖެނަރަލް އޮފީހުގެ ވަކީލުން ކޯޓުގައި ވިދާޅުވެފައިވަނީ މަނީ ލޯންޑްރިންގެ ޤާނޫނުގެ 5 ވަނަ މާއްދާގެ (ހ)ގެ 2 އަދި 3 ވަނަ ނުކުތާއަށެވެ. އެއީ މަނީ ލޯންޑްރިންގެ ކުށަކަށްވަނީ ކޮން އަމަލެއް ކޮށްގެން ކަމަށް ބަޔާން ކުރާ މާއްދާއެވެ.

މަނީ ލޯންޑްރިންގެ ޤާނޫނުގެ 5 ވަނަ މާއްދާގެ (ހ)ގެ 2 ވަނަ ނުކުތާގައި ބުނެފައިވަނީ "ވަކި މުދަލަކީ ކުށްކޮށްގެން ހޯދާފައިވާ މުދަލެއްކަން އެނގިހުރެ، ނުވަތަ އެ މުދަލަކީ ކުށް ކޮށްގެން ހޯދާފައިވާ މުދަލެއް ކަމަށް އެކަށީގެންވާ ސަބަބުގެ މައްޗަށް ބިނާކޮށް ޝައްކުކުރެވޭ ޙާލަތުގައި، އެއްވެސް ފަރާތަކުން އެ މުދަލެއްގެ އަސްލު، ނުވަތަ އެ މުދަލެއް ލިބުނު ގޮތް، ނުވަތަ އެ މުދަލެއް ހުރިތަން، ނުވަތަ އެ މުދަލެއް ބަދަލުކުރެވޭ ފަރާތެއް، ނުވަތަ އެ މުދަލެއް ގެންދެވޭ ތަނެއް، ނުވަތަ އެ މުދަލުގެ ވެރިފަރާތް، ނުވަތަ އެ މުދަލާ ގުޅޭގޮތުން އެއްވެސް ފަރާތަކަށް ލިބިދޭ ޙައްޤެއް ސިއްރުކުރުން ނުވަތަ އޮޅުވާލުމަށް، ނުވަތަ ވަކި މުދަލަކީ ކުށް ކޮށްގެން ހޯދާފައިވާ މުދަލެއްކަން އެނގިހުރެ، ނުވަތަ ވަކި މުދަލަކީ ކުށް ކޮށްގެން ހޯދާފައިވާ މުދަލެއް ކަމަށް އެކަށީގެންވާ ސަބަބުގެ މައްޗަށް ބިނާކޮށް ޝައްކުކުރެވޭ ޙާލަތުގައި، އެއްވެސް ފަރާތަކުން އެ މުދަލެއް ހޯދުން ނުވަތަ އަތުގައި ބެހެއްޓުން ނުވަތަ ބޭނުންކުރުން" އެއީ މަނީލޯންޑްރިންގެ ކުށެއްގެ ގޮތުގައި ބެލެވޭނެ ކަމަވެ.

އަދި އެ މާއްދާގެ 3 ވަނަ ނުކުތާގައި "ވަކި މުދަލަކީ ކުށް ކޮށްގެން ހޯދާފައިވާ މުދަލެއްކަން އެނގިހުރެ، ނުވަތަ ވަކި މުދަލަކީ ކުށް ކޮށްގެން ހޯދާފައިވާ މުދަލެއް ކަމަށް އެކަށީގެންވާ ސަބަބުގެ މައްޗަށް ބިނާކޮށް ޝައްކުކުރެވޭ ޙާލަތުގައި، އެއްވެސް ފަރާތަކުން އެ މުދަލެއް ހޯދުން ނުވަތަ އަތުގައި ބެހެއްޓުން ނުވަތަ ބޭނުންކުރުން" ކަމަށް ބަޔާން ކޮށްފައި އޮތުމުން އެއީ މަނީ ލޯންޑަރިންގެ ކުށުގެ ދައުވާއެއްގައި ފުރިހަމަވާން ޖެހޭ އުންސުރެއްކަން އެނގެން އޮވެއެވެ.

އެހެންކަމުން ޔާމިންގެ މައްޗަށް އުފުލާފައިވާ މަނީލޯންޑްރިންގެ ދައުވާ ސާބިތުކުރުމަށް ސާބިތުކޮށްދޭން ޖެހޭ ކަންކަން ސާބިތުކޮށްދެވިފައިވާ ކަމަށް ދައުލަތުން ދެކެ އެވެ. އެގޮތުން ޔާމިންގެ އެކައުންޓަށް އެސްއޯއެފް އިން ޖަމާކުރި ފައިސާއަކީ ކުށް ކޮށްގެން ހޯދާފައިވާ ފައިސާކަން ޔާމިނަށް އެކަށީގެންވާ ސަބަބުތަކުގެ މައްޗަށް ޝައްކުކުރެވޭނެ ހާލަތެއް މެދުވެރިކަން ސާބިތުކޮށްދޭން ދައުލަތުން ހެކި ހުށައެޅި އެވެ. ކުށް ކޮށްގެން ހޯދާފައިވާ ފައިސާކަން ޝައްކު ކުރެވޭ ހާލަތުގައި އެ ފައިސާއިން އެއިން މަންފާއެއް ހޯދުމަށް އިންވެސްޓްމަންޓް އެކައުންޓަކަށް އެ ފައިސާ ޓްރާންސްފައިކޮށް 36 މަސްދުވަހަށް އެ ފައިސާ އިންވެސްޓްކޮށްފައިވާކަން ސާބިތުކޮށްދޭން ދައުލަތުން ހެއްކާ ގަރީނާ ހުށައެޅި އެވެ.

އޭގެ އިތުރުން ޔާމިންގެ އެކައުންޓަށް ވަދެފައިވާ ފައިސާއާ މެދު ތުހްމަތުކުރެވިފައިވަނިކޮށް، އޭސީސީއާއެކު އެސްކްރޯ އެކައުންޓެއް ހުޅުވަން އެއްބަސްވެ އެ އެއްބަސްވުމާ ހިލާފަށް އެ ފައިސާ އެ އެކައުންޓަށް ޖަމާކުރި ކަމަށް ވިދާޅުވެ އޮޅުވާލާފައިވާކަން ސާބިތުކޮށްދޭން ވެސް ދައުލަތުން ހެކި ހުށައެޅި އެވެ. އަދި ޔާމިން ދިފާއުވެވަޑައިގަތުމަށް އެކި ފަހަރު ދެއްކެވި ވާހަކަފުޅުތަކަކީ ހަގީގަތް ނޫންކަން ހެކިންގެ ހެކިބަހުން ނަފީވެގެން ގޮސްފައިވާކަމަށް ވެސް ދައުލަތުން ދެކެ އެވެ.

އެހެން ކަމުން ދައުލަތުން ދެކެނީ މަނީލޯންޑްރިންގެ ކުށް ސާބިތުކުރުމަށް ބޭނުންވާ ކުށުގެ ހުރިހާ އުންސުރުތަކެއް ފުރިހަމަވެފައިވާތީ މި ފަދަ މައްސަލައެއް ސާބިތުވާން ޖެހޭ މިންވަރު ކަމަށް ގާނޫނު އަސާސީގައި ބުނެފައިވާ އެކަށީގެންވާ ޝައްކެތް ނެތް މިންވަރަށް ސާބިތުވާ ކަމަށެވެ

ނަމަވެސް ޔާމިންގެ ދިފާއީ ވަކީލުން ދެކޭ ގޮތުގައި ކުށުގެ އަމަލު ހިންގިކަން ޝަރީއަތައް ސާބިތުކޮށެއް ނުދެވެ އެވެ. އަދި މި މައްސަލައިގައި ޔާމިނާ ދެކޮޅަށް ހެކިބަސް ދިން މީހުންގެ ހެކިބަސް އިސްލާމީ ޝަރީއްޔާގެ ހަމަތަކުން ބަލާއިރު ގަބޫލު ނުކުރެވޭނެ ކަމަށް ދިފާއުން ފާހަގަކުރެ އެވެ.

އެހެން ކަމުން ޔާމިންގެ މައްޗަށް ދައުލަތުން އުފުލި ދައުވާ ސާބިތުވާނީ އެއިން ކަމެއް ކުރިކަން ޝަރީއަތައް ސާބިތުވެގެންނެވެ. އަދި އެ ކަންކަން ކޯޓަށް ސާބިތުކޮށްދެވިފައިވާނަމަ ގާޒީ ކުރައްވާ ހުކުމް ބިނާވެގެންދާނީ މި މަނީ ލޯންޑްރިންގެ ޤާނޫނުގައި ބުނެފައިވާ އަދަބުތަކުގެ މައްޗަށެވެ.