ވީ މީޑިއާގައި މަސައްކަތް ކުރާ ގިނަ އަދަދެއްގެ ނޫސްވެރިން ކުއްލި ގޮތަކަށް ވަޒީފާ އިން ވަކިކުރަން ނުވަތަ ވަޒީފާ ގެއްލޭފަދަ ފިޔަވަޅުތަކެއް އަޅަން ނިންމަވާފައިވާކަމަށް ދެކެވޭ ވާހަކަތަކާ ގުޅިގެން އެކަން ހިނގަމުންދާ ގޮތް ބެލުމަށް މޯލްޑިވްސް މީޑިއާ ކައުންސިލުން ނިންމައިފިއެވެ.
މީޑިއާ ކައުންސިލުގެ ބައްދަލުވުމަށްފަހު ފާސްކޮށްފައިވަނީ އެ ކައުންސިލުން އުފައްދާފައި އޮންނަ މީޑިއާ ރިލޭޝަންސް އެންޑް ޑިވެލޮޕްމެންޓް ކޮމިޓީއާ ހަވާލުކޮށްގެން ވީމީޑިއާގެ މުވައްޒަފުންނާމެދު އަމަލުކުރާ ގޮތް ސާފުކުރުމަށެވެ.
މީޑިއާ ކައުންސިލުން ބުނެފައިވަނީ ވީމީޑިޔާގެ މުވައްޒަފުންނާމެދު އަމަލުކުރާ ގޮތް ސާފުކުރުމަށް ނިންމީ މީސް މީޑިއާ އާއި އާންމުންގެ ތެރޭގައި ދެކެވޭ ވާހަކަތަކާ ގުޅިގެން އެއީ މިއީ ނޫސްވެރިންނާ ގުޅުންހުރި ކަމަކަށްވާތީ ކަމަށެވެ.
އައިލެންޑް ބްރޯޑްކާސްޓިންގ ކޮމްޕެނީގެ މާލީ ހާލަތު ހުރި ގޮތުން ވީމީޑިއާ ރީސްޓްރަކްޗަރ ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ވީމިޑިޔާއިން މީގެ ކުރިން ހާމަކޮށްފައިވެއެވެ. ޚަރަދުތައް ކުޑަކުރުމަށް އަޅާ ފިޔަވަޅުތަކުގެ ތެރެއިން ކުންފުނި ރީސްޓްރަކްޗަރކޮށް މުވައްޒަފުންގެ އަދަދު މަދުކުރަން ނިންމާފައިވާ ކަމަށްވެސް ވީމީޑިޔާއިން ވަނީ ހާމަކޮށްފައެވެ.