ޚަބަރު

ޔާމިންގެ މަރުގެ ޝަރީއަތް: އިންޒާރާއި ބިރު ދެއްކުންތާހެދި ހެކިން ހެކިބަސްދޭން ދެކޮޅު ހަދަނީ


ބްލޮގަރ ޔާމިން ރަޝީދަށް ތޫނުއެއްޗަކުން ހަމަލާދީ މަރާލުމުގެ ދައުވާ ލިބޭ މީހުންގެ މައްޗަށް ކުށް ސާބިތުކުރުމަށް ދައުލަތުން ހުށައެޅި ބައެއް ސިއްރު ހެކިން ހެކިބަސްދޭން ދެކޮޅު ހަދައިފިއެވެ.

ޔާމިން ރަޝީދުގެ މަރުގެ މައްސަލައިގައި މިއަދު ކްރިމިނަލް ކޯޓުގައި ބޭއްވި ޝަރީއަތުގެ އަޑުއެހުމުގައި އޮތީ ސިއްރު ދެ ހެއްކެތްގެ ހެކިބަސް ނެގުމެވެ. ނަމަވެސް ދައުލަތުގެ ވަކީލް ވިދާޅުވީ އޭގެ ތެރެއިން އެއް ހެއްކަކު އިންޒާރާއި ބިރުދެއްކުންތައް އަންނާތީ ހެކިބަސް ދޭން ދެކޮޅު ހަދާފައިވާ ކަމަށެވެ.

އެހެންކަމުން ހެކިބަސް ނަގާފައިވަނީ އެންމެ މީހެއްގެއެވެ. އޭނާވެސް ވަނީ ހަނދާން ނެތް ކަމަށް ބުނެ ގިނަ ކަންކަން ކިޔާދޭން ފަސްޖެހިފައެވެ. ދައުވާ ލިބޭ މީހުންނާ ދެކޮޅަށް އެއްވެސް ވާހަކައެއް ހެކިބަހުގައި ބުނެފައިނުވާތީ ދައުވާ ލިބޭ ވަކީލުން ވެސް އެ ހެކިވެރިޔާވެސް އެއްވެސް ސުވާލެއް ނުކުރިއެވެ.

އެ މައްސަލަ ބައްލަވާ ގާޒީ ވިދާޅުވީ އޭނާ ހެކިބަސް ދޭން ދެކޮޅު ހަދަމުން ދަނިކޮށް އެންމެ ފަހުން ހެކިބަސް ދޭން އެއްބަސްވީ ދައުލަތުން ވާހަކަ ދައްކައިގެން ކަމަށެވެ. މީގެ އިތުރުންވެސް އިތުރު ސިއްރު ހެކިބަސް ދޭން ހުށައަޅާފައިވާ މީހަކު ހެކިބަސް ދޭން ދެކޮޅު ހަދާތީ އޭނާގެ ހެކިބަސް ނުނެގުމަށް ނިންމާފައިވާކަމަށް ދައުލަތުން ވިދާޅުވިއެވެ.

ހެކިވެރިންނަށް ބިރުދައްކައި އިންޒާރުދީ ޖިސްމާނީ ގޮތުންވެސް ހަމަލާދޭކަމަށްބުނެ ދައުލަތުން ދައްކަމުން ދިޔަ ވާހަކަތަކާ ގުޅިގެން ދައުވާ ލިބޭ މީހުންގެ ވަކީލުން ވަނީ އެ މައްސަލަ ފުލުހުންނަށް ހުށައަޅައިގެން ބަލަން އެދިފައިއެވެ. އަދި ވަކި މީހެއްގެ ފަރާތުން އަންނަ ކަމެއްކަން ނުބުނެ އެގޮތައް ވާހަކަ ދެއްކުމުން ވަކީލުން ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

ސިއްރު ހެކިންނާ ބެހޭ މައުލޫމާތު ހާމަވަނީ ޕީޖީ އޮފީހުންތޯ ނުވަތަ ކްރިމިނަލް ކޯޓުންތޯ ތަޙްޤީޤު ކުރުމަށްފަހު ބަލަން ޖެހޭނެ ކަމަށްވެސް ވަކީލުން ވިދާޅުވިއެވެ. އަދި ހެކިންނަށް ބިރުދައްކައި އިންޒާރުދޭ މައްސަލަ ފުލުހުން ބަލަމުންދާ ކަމަށްވެސް ޝަރީއަތުން ވިދާޅުވިއެވެ.

ސިއްރު ހެކިންގެ އިތުރުން ކިތާބީ ހެކީގެ ގޮތުގައި ހުށައަޅާފައިވާ ކްރައިމްސީން ރިޕޯޓްތަކަކާ ގުޅިގެން އެ ރިޕޯޓް ތައްޔާރުކުރި ބައެއް ފުލުހުން ރާއްޖޭގައި ނެތުމުން ކޯޓަށް ހާޒިރު ނުކުރެވިގެން އެ ހެކިތައް ވެސް އަނބުރާ ގެނައުމަށް ދައުލަތުން ވަނީ އެދިފައެވެ.

ހެކިބަސްދޭން ދެކޮޅުހެދި ދެ ހެކިންގެ ހެކިބަސް ނުނެގުމަށް ދައުލަތުން އެދުމުން ދެން އެ މީހުންގެ ހެކިބަހެއް ކޯޓުން ނުނަގާނެއެވެ.

ޔާމިންގެ މަރާ ގުޅިގެން ތޫނު އެއްޗެއް ބޭނުން ކޮށްގެން ގަސްތުގައި މީހަކު މެރުމުގެ ދައުވާ ކޮށްފައިވަނީ އިސްމާއިލް ހައިޝަމް ރަޝީދާއި އަޙްމަދު ޒިހާން އިސްމާއިލް އާއި މުޙައްމަދު ދިފުރާން އާއި ޙަސަން ޝިފާޒް އާއި އިސްމާއިލް ރަޝީދުގެ މައްޗަށެވެ.