ދިވެހިރާއްޖެއިން ރިޔާސަތު ބަލަހައްޓަމުންދާ އެލަޔަންސް އޮފް ސްމޯލް އައިލެންޑް ސްޓޭޓްސް، އޭއޯސިސް ގެ ފަރާތުން މިއަހަރު ފަހުކޮޅު ބާއްވާ ކޮޕް21 ބައްދަލުވުމަށް ހުށަހަޅާނެ ކަންކަން ނިންމައިފިއެވެ.މިނިސްޓްރީ އޮފް އެންވަޔަރަމަންޓް އެންޑް އެނަރޖީގައި އިއްޔެ އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި އެންވަޔަރަމަންޓް މިނިސްޓަރ ޠާރިޤް އިބްރާހިމް ވިދާޅުވީ ކުދި ޖަޒީރާ ދައުލަތްތަކުގެ ޖަމިއްޔާ އޭއޯސިސްގެ ސާޅީސް ހަތަރު ޤައުމުން މިއަހަރުގެ ޑިސެމްބަރުމަހު ޕެރިހުގައި އޮންނަ ކޮޕް21 ބައްދަލުވުމުގައި ހުށަހަޅާނެ ކަންކަން ނިންމާ އެކަންކަމަށް އެއްބަސްވެފައިވާކަމަށެވެ.މިނިސްޓަރވިދާޅުވީ ކޮޕް21 ބައްދަލުވުމުގެ އެއްބަސްވުން ތައްޔާރުކުރުމުގެ ގޮތުން އެއެއްބަސްވުމުގެ ލިޔުމާއި ބަހުރުވަ އިސްލާހުކުރުމަށްޓަކައި މިމަހުގެ 1 އިން 11 އަށް ޖަރުމަނުވިލާތުގެ ބޮން ގައި ބޭއްވި ބައްދަލުވުމުގެ 4 ދުވަސް ކުރިން ދިވެހިރާއްޖެއިން އިސްނަގައިގެން އޭއޯސިސްގެ 44 ޤައުމުގެ މެދުގައި ބައްދަލުވުންތައް ބާއްވައި، ޤައުމުތަކުގެ ހުށަހެޅުންތައް އެއްގޮތްކުރެއްވި ކަމަށެވެ. އަދި މިއީ މިފަދަ އެއްބަސްވުމަކަށް ދިއުމުގެ ކުރިން މިޖަމިއްޔާގެ ހުރިހާ ޤައުމެއް އެއްގަލަކަށް އެރި ފުރަތަމަ ފަހަރު ކަމަށާއި މިކަން ޚާސިލްވީ ދިވެހިރާއްޖޭގެ ރިޔާސަތުގެ ދަށުން ކުރި މަސައްކަތުން ކަމަށްވެސް ތޯރިޤް ވިދާޅުވިއެވެ.އޭއޯސިސް ގައުމުތަކުން ގޮވާލާފައިވާކަންތައްތަކުގެ ތެރޭގައި ޖައްވު ހޫނުވުން އެކެއްޕޮއިންޓް ފަހެއް ނުވަތަ ދެ ޑިގްރީގެ ޓެމްޕަރޭޗަރއަށްވުރެ މައްޗަށް ނުގެންދިއުމަށް މަސައްކަތްކުރުމަށްގޮވާލާފައިވެއެވެ. އަދި ކުދި ޖަޒީރާ ގައުމުތަކާއި އެންމެ ކުޑަކޮށް ތަރައްގީވެފައިވާ ގައުމުތަކަށް ކްލައިމެޓް ފައިނޭންސް ހޯދުމަށް ލުއިފަސޭހަ ގޮތްތަކެއް ހޯދައިދިނުމަށްވެސް ގޮވާލާފައިވެއެވެ.މީގެ އިތުރުން މޫސުމަށް އަންނަ ބަދަލުތަކުން ގެއްލުންވަމުންދާ ކުދި ޖަޒީރާ ގައުމުތަކުގައި މަޝްރޫޢުތައް ހިންގުމަށް ތަރައްގީވެފައިވާ ގައުމުތަކުގެ ސަރުކާރުގެ ބަޖެޓުން ހިލޭ އެހީ ފޯރުކޮށްދެވިދާނެ ގޮތްތަކެއް އޮންނަންޖެހޭނެކަމަށްވެސް ގޮވާލާފައިވާކަމަށާއި މޫސުމަށް އަންނަ ބަދަލުތަކުގެ މައްސަލަތަކުން އެހީދޭ ފަންޑުތަކުން އެހީދިނުމުގައި ދޫކުރާ ފައިސާތައް ހަމަހަމަ ކުރުމަށްވެސް ގޮވާލާފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި މި ބައްދަލުމުގައި ހުށަހެޅި ކަންތައްތަކުގެ ތެރޭގައި ދެހާސްވިހީގެ ފަހުން ތަރައްގީވެފައިވާގައުމުތަކުން ސަތޭކެ ބިލިއަން ޑޮލަރު ކްލައިމެޓް ފައިނޭންސަށް ޚަރަދުކުރުން އެއީ މުހިއްމުކަމެއްގެ ގޮތުގައި ހުށަހަޅާފައިވާކަން މިނިސްޓަރ ފާހަނގަކުރެއްވިއެވެ.މި ސަތޭކަ ބިލިއަން ޑޮލަރު އަންނާނީ ގްރީން ކްލައިމެޓް ފަންޑު މެދުވެރިކޮށްކަމަށާއި މިހާރު ގްރީން ކްލައިމެޓް ފަންޑު ފެށުމަށް ބޭނުންވާވަރަށް ފައިސާ ލިބިފައިވާކަމަށްވެސް އެންވަޔަރަމަންޓް މިނިސްޓްރީން ހާމަކުރައްވައެވެ.