ވިޔަފާރި

ތެލާއި ގޭހުގެ ވިޔަފާރިއަށް ކުޅުދުއްފުށީ ބަނދަރުން ބިން ދޫކުރަނީ


ކުޅުދުއްފުށީ ލޯކަލް ބަނދަރު ސަރަހައްދުން ތެލާއި ގޭހުގެ ވިޔަފާރިއަށް ދިގު މުއްދަތަކަށް ބިން ދޫކުރަން ހަމަޖައްސައި، ތެލާއި ގޭހުގެ ވިޔަފާރިއަށް ބަނދަރު ސަރަހައްދުން ބިން ބޭނުންވާ ފަރާތްތަކަށް ބީލަމަށް ހުށައެޅުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ކުޅުދުއްފުށީ ކައުންސިލުން ބުނީ ތެލާއި ގޭހުގެ ވިޔަފާރިއަށް ބަނދަރު ސަރަހައްދުން ދޫކުރަން ހަމަޖެހިފައިވަނީ 2000 އަކަފޫޓްގެ 2 ބިން ކަމަށެވެ.

ބީލަމުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން މިމަހު 13 ވަނަ ދުވަހުން ފެށިގެން 24 ވަނަ ދުވަހުގެ ނިޔަލަށް ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:30 އިން މެންދުރު 12 އަށް ކުޅުދުއްފުށީ ކައުންސިލް އިދާރާއަށް ގޮސް، ރަޖިސްޓްރީ ކުރުމަށް އެ އިދާރާއިން އެދެއެވެ. އަދި އީމެއިލް އާއި އެ އިދާރާގެ ގުޅައިގެންވެސް ރަޖިސްޓްރީ ކުރެވޭނެ ކަމަށް ކުޅުދުއްފުށި ކައުންސިލުން ބުނެއެވެ.

ބީލަން ފޮތް ވިއްކަން ހަމަޖެހިފައިވަނީ މި މަަހު 30 ވަނަ ދުވަހުން ފެށިގެން 14 ނޮވެމްބަރުގެ ނިޔަލަށް ކަމަށާއި ބީލަން ފޮތެއްގެ އަގަކީ 500 ރުފިޔާކަމާއި ފައިސާ ދެއްކުމުން ބީލަން ފޮތުގެ ސޮފްޓް ކޮޕީ ނުވަތަ ހާޑް ކޮޕީ ލިބޭނެކަމަށް އެ އިދާރާއިން ބުނެއެވެ.

ހުށައަޅާ ކޮންމެ ބިޑަކަށް 5000 ރުފިޔާގެ ބިޑް ސެކިއުރިޓީއެއް ހުށައެޅުމަށާއި މި ފައިސާ ބެންކް ގެރެންޓީ ޖަހާފައިވާ ޗެކަކުން ނުވަތަ ނަގުދު ފައިސާއިން ވެސް ހުށައެޅޭނެ ކަމަށް ކައުންސިލުން ބުނެއެވެ.