ޚަބަރު

ދެ ދަޢުވާއަށްވެސް މިހާރު، އާފިޔާ ދިފާޢީ ވަކީލެއް ބޭނުމެއް ނުވޭ


އަމިއްލަ ދަރިފުޅަށް އަނިޔާކޮށް މަރާލުމުގެ ކުށުގެ ދައުވާލިބޭ އާފިޔާ މުޙައްމަދު ވަކީލަކު ބޭނުންނުވާކަމަށް ބުނެ ކުރިން ދެއްކި ވާހަކަތައް އަނެއްކާވެސް ބަދަލުކޮށްފިއެވެ.

އޭނާގެ ދަރިފުޅު މުހައްމަދު އިބްތިހާލަށް އެކި ދުވަސްތަކުގެމަތިން އަނިޔާކޮށްފައިވާތީއާއި އެކުއްޖާއަށް އަނިޔާކޮށް މަރާލާފައިވާތީ އާފިޔާގެ މައްޗަށް ދެ ދައުވާއެއް އުފުލިއެވެ. އެއީ އަމުރަށް ނުކިޔަމަންތެރިވުމުގެ ދައުވާއާއި ގަސްތުގައި ކުއްޖަކު މެރުމުގެ ދައުވާއެވެ. މި ދެ ދައުވާ ކުރިން ވަކިވަކިން ގެންދިޔަ ނަމަވެސް މިހާރު ދެދައުވާ ކުރިއަށްދަން ހަމަ ޖައްސާފައިވަނީ އެކުގައެވެ.

މި މައްސަލައިގައި މިއަދު ބޭއްވި އަޑުއެހުމުގައި އެންމެ ފުރަތަމަ ކުރިއަށް ގެންދިޔައީ އަމުރަށް ނުކިޔަމަންތެރިވުމުގެ ދައުވާގެ އިބްތިދާއީ އަޑުއެހުމެވެ. މީގެ ކުރިން އޭނާ ވަކީލަކު ހަމަޖައްސަން ބޭނުންވާތީ ދައުލަތުގެ ފަރާތުން ވަކީލަކު ހަމަ ޖައްސަން ފުރުސަތު ދީފައިވާތީ އިތުރު ފުރުސަތު ވަކީލަކު ހަމަ ޖައްސަން ބޭނުންވޭތޯ ސާފު ކުރުމުން އޭނާ ބުނީ ވަކީލަކު ބޭނުން ނުވާކަމަށެވެ. އެހެންކަމުން ޝަރީއަތުންވަނީ ކުއްޖަކު މަރާލުމުގެ ދައުވާއަށްވެސް ވަކީލަކު ބޭނުން ނުވޭތޯ ތަކުރާރުކޮށް އަހާފައެވެ. އަދި ޕްރޮސެކިއުޓާ ޖެނަރަލް އޮފީހުގެ ވަކީލުންވަނީ ދިފާޢީ ވަކީލު ނެތިއްޖެނަމަ ޝަރީއަތް ކުރިއަށްދާއިރު ބައެއް ހައްގުތައް ހަނިވެގެން ދާނެކަން ފާހަގަކޮށް ވަކީލެއްގެ ބޭނުމަކީ ކޮބައިކަން އާފިޔާއަށް ސާފުކޮށްދީފައެވެ.

ނަމަވެސް އާފިޔާވަނީ ވަކީލަކު ބޭނުންނުވާކަމަށް ތަކުރާރުކޮށް ބުނެފައެވެ. އަދި އޭނާ ވަކީލަކު ބޭނުން ނުވާކަމަށް ބުނަނީ ވަކީލެއްގެ ހައްގު ދޫކޮށްލައިފި ނަމަ ހަނިވެގެން ދާނެ ހައްގުތައް އެނގިހުރެ އެއްވެސް މަޖުބޫރުކަމެއް ނެތިކަމަށް ބުނެފައިވެއެވެ. އެހެންކަމުން ޝަރީއަތުން ނިންމީ އޭނާ ވަކީލަކު ބޭނުންވެއްޖެނަމަ ކޮންމެ ވަގުތެއްގައިވެސް ވަކީލެއްގެ ހައްގު ދިނުމަށް ނިންމައި ޝަރީއަތް ކުރިއަށް ގެންދިއުމަށެވެ. އަދި އަމުރަށް ނުކިޔަމަންތެރިވި މައްސަލައިގައި ދައުލަތުން ހުށައަޅާފައިވާ ހެކިތައްވެސް ޝަރީއަތުގައި ހާމަކުރައްވާފައިވެއެވެ.

އާފިޔާ އޭނާގެ ދަރިއަކަށް އެކި ދުވަސްތަކުގައި އެކިވަރުގެ އަނިޔާކޮށްފައިވާ މައްސަލަ ސާބިތުކުރުމަށް 9 ހެއްކެތް ޝަރީއަތައް ހުށައެޅިއެވެ. އަދި ދިފާޢީ ހެކިހުށައަޅަން ފުރުސަތު ދިނުމުން އާފިޔާވަނީ ދައުލަތުން ހުށައެޅި ހެކިންގެ ތެރޭގައި ހިމެނޭ އެކަކު އޭނާގެ ދިފާއީ ހެއްކެތް ގޮތުގައި ވެސް ހުށައަޅާފައެވެ. އަދި އަމުރަށް ނުކިޔަމަންތެރިވުމުގެ ދައުވާގެ ޝަރީއަތް ފެށުމަށް ނިންމައި ދައުވާ އިއްވުމުން އާފިޔާ ބުނީ އަނިޔާ ކޮށްފައިނުވާނެކަމަށެވެ. އެހެން ކަމުން ދައުވާއަށް އިންކާރުކުރާ ކަމަށް ނުބުނި ނަމަވެސް އެއީ ދައުވާއަށް ކުރާ އިންކާރެއް ކަމަށް ބަލައިގެން ކުރިއަށް ގެންދިއުމަށް ޝަރީއަތުން ނިންމިއެވެ.

އަމުރަށް ނުކިޔަމަންތެރިވުމުގެ ދައުވާގައި ވެސް އާފިޔާގެ މައްޗަށް ކުށް ސާބިތުކުރުމަށް ހުށައަޅާފައިވަނީ އޭނާގެ ދަރިފުޅު މަރާލި މައްސަލައިގައި ހުށައަޅާފައިވާ ހެކިތަކެވެ. އިބްތިހާލް މަރާލި މައްސަލައިގައި މީގެ ކުރިން އަޑުއެހުންތައް ބާއްވައި، ހެކިބަސް ނަގަން ފަށާފައިވާތީ ޝަރީއަތުން ނިންމީ ދެ މައްސަލައިގައި ހިމެނޭ ހެކިންގެ ހެކިބަސް އެއް ޝަރީއަތުގެ މަޖިލީހެއްގައި ނެގުމެވެ.

އާފިޔާ ވަނީ އޭނާގެ މައްޗަށް ތުހްމަތުކުރާ ކުށްތަކަށް އިއުތިރާފުވެފައި ފަހުން އެ އިއުތިރާފު އަނބުރާ ގެންގޮސްފައި އެވެ. އަދި އިބްތިހާލް މަރާލި މައްސަލައިގައި ވަކީލަކު ބޭނުން ކަމަށް ބުނުމުން ދައުލަތުން ވަކީލަކު ހަމަ ޖައްސައިދީ ޝަރީއަތް ކުރިއަށް ދަނިކޮށް ވަކީލަކު ބޭނުން ނުވާ ކަމަށް ބުނުމުން ވަކީލު ވަނީ އެ މައްސަލަ ދޫކޮށްލާފައި އެވެ. އަދި އަމުރަށް ނިކިޔަމަންތެރިވުމުގެ ދައުވާއާ ގުޅިގެން މީގެ ކުރިން ބޭއްވި އަޑުއެހުން ނިންމާލީ ވަކީލަކު ބޭނުންވާ ކަމަށް ބުނުމުން އެ ފުރުސަތު ދިނުމަށެވެ.