ކުޅިވަރު

ސްޕޯޓިންގ ސީޕީ ސްޓޭޑިއަމްގެ ނަން ކްރިސްޓިއާނޯ ރޮނާލްޑޯގެ ނަމަށް ބަދަލުކުރަނީ


ޕޯޗުގަލްގެ ކުލަބު ސްޕޯޓިންގ ސީޕީ ސްޓޭޑިއަމްގެ ނަން ކްރިސްޓިއާނޯ ރޮނާލްޑޯގެ ނަމަށް ބަދަލުކުރަން އެކުލަބުން ނިންމައިފިއެވެ.

އުމުރުން 12 އަހަރުގައި ސްޕޯޓިންގ ސީޕީއިން ކެރިއަރު ފެށި ރޮނާލްޑޯވަނީ ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ މަގާމް 5 ފަހަރު މިހާތަނަށް ހޯދާފައެވެ. އެހެންނަމަވެސް އޭނާ ވަނީ އަބަދުވެސް ކެރިއަރުގައި މިހާތަނަށް ލިބުނު ކާމިޔާބީތަކުގައި ސްޕޯޓިންގގެ ހިއްސާ ބޮޑުކަމަށް ބުނެ އެކުލަބަށް ޝުކުރު އަދާކޮށްފައެވެ.

ސްޕޯޓިންގ ސީޕީގެ ސްޓޭޑިއަމްގެ މިހާރުގެ ނަމަކީ ހޯސޭ އަލްވަލާޑޭއެވެ. މިއީ ކުލަބުގެ ފައުންޑަރއަށް ނިސްބަތްކޮށް ދީފައިވާ ނަމެކެއެވެ.

ސްޕޯޓިންގގެ ރައީސް ފްރެޑްރިކޯ ވަރަންޑާސް ވިދާޅުވީ ރޮނާލްޑޯއަކީ އެކުލަބުގެ އެންމެ މަތީ ޝަރަފް ހައްޤު ކުޅުންތެރިއެއްކަމަށާއި، ދުނިޔޭގެ އެންމެ ބޮޑެތި ކުލަބުތަކަށް ކުޅެ ބޮޑު ކާމިޔާބީތައް ހޯދާއިރުވެސް ސްޕޯޓިންގ މަތިން އޭނާ އަބަދުވެސް ހަނދާންކުރުމަކީ ލިބޭ އެންމެ ބޮޑު ހިތްހަމަޖެހުންކަމަށެވެ. އަދި ކުލަބުގެ ރަސްމީ ސްޓޭޑިއަމް އެސްޓާޑިއޯ ކްރިސްޓިއާނޯ ރޮނާލްޑޯއަށް ބަދަލުކުރުމަކީ އުނދަގޫ ނިންމުމެއް ނޫންކަމަށްވެސް ރައީސް ވިދާޅުވިއެވެ.

1956 ވަނަ އަހަރު އެޅި ސްޓޭޑިއަމްގެ ނަން އަދި މިހާތަނަށް އެންމެ ފަހަރަކުވެސް ބަދަލުކޮށްފައިނުވާއިރު، މިއީ މިހަތާނަށް އެކުލަބުގެ ތާރީޚުގައި ނިންމާ އެންމެ މުހިންމު ނިންމުމަށްވާނެއެވެ.