ވިޔަފާރި

އަންނަ އަހަރު ރާއްޖޭގެ އިޤްތިޞާދީ ކުރިއެރުން 5.6 އިންސައްތައަށް އަރާނެ - ވޯލްޑް ބެންކް


އަންނަ އަހަރު ދިވެހިރާއްޖޭގެ އިޤްތިޞާދީ ކުރިއެރުން 5.6 އިންސައްތައަށް އަރާނެކަމަށް ވޯލްޑް ބެންކުން ހާމަކޮށްފިއެވެ.

ވޯލްޑް ބެންކުން އަހަރަކު ދެ ފަހަރު ނެރޭ ސަރަޙައްދީ އިޤްތިޞާދީ އަޕްޑޭޓް ރިޕޯޓުގައި ބުނެފައިވަނީ މިއަހަރު ރާއްޖޭގެ އިޤްތިޞާދީ ކުރިއެރުން ހުންނާނީ 5.2 އިންސައްތައިގައިކަމަށެވެ. ރާއްޖޭގެ އިޤްތިޞާދީ ދުވެލި މިއަހަރު ހުންނާނީ 5.2 އިންސައްތައިގައިކަމަށް ވޯލްޑް ބެންކުން މިހާރު ލަފާކުރާއިރު، ވޯލްޑް ބެންކުން މިއަހަރު ކުރީކޮޅު ބުނެފައިވަނީ ރާއްޖޭގެ އިޤްތިޞާދީ ދުވެލި ހުންނާނީ 5.7 އިންސައްތައިގައިކަމަށެވެ.

ރާއްޖޭގެ އިޤްތިޞާދީ ދުވެލި މަޑުޖެހިފައިވަނީ ބައިނަލްއަޤްވާމީ އެއާޕޯޓާއި ބްރިޖުގެ މަސައްކަތް ނިމުމާ ގުޅިގެން އިމާރާތްކުރުމުގެ ސިނާޢަތް މަޑުޖެހިފައިވުމުގެ ސަބަބުންކަމަށް ވޯލްޑް ބެންކުގެ ރިޕޯޓުގައިވެއެވެ. ނަމަވެސް އިންފްރަސްޓްރަކްޗާ އާ ވަޞީލަތްތައް ޤާއިމްކުރުމަށް އިންވެސްޓް ކުރުމާއި ފަތުރުވެރިކަމުގެ ސިނާޢަތް ފުޅާވެގެން ދިއުމުގެ ސަބަބުން، އަންނަ އަހަރު ދިވެހިރާއްޖޭގެ އިޤްތިޞާދީ ކުރިއެރުން އެވްރެޖްކޮށް 5.6 އިންސައްތައަށް އަރާނެ ކަމަށް ވޯލްޑް ބެންކުން ލަފާކުރެއެވެ. ނަމަވެސް ވޯލްޑް ބެންކުން ކުރިން ބުނެފައިވަނީ އަންނަ އަހަރު ރާއްޖޭގެ އިޤްތިޞާދީ ދުވެލި ހުންނާނީ 5.2 އިންސައްތައިގައިކަމަށެވެ.

ރާއްޖޭގެ އިޤްތިޞާދީ ދުވެލި ދަށްވެފައިވާއިރު، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، އެމްއެމްއޭއިންވެސް މީގެ ކުރިން ވަނީ ރާއްޖޭގެ އިޤްތިޞާދީ ކުރިއަރާ މިންވަރު ދަށްވާނެކަމަށް ލަފާކޮށްފައެވެ. އިޤްތިޞާދު ދަށްވާނެކަމަށް ލަފާކުރެވޭ ސަބަބަކީ ރާއްޖޭގައި ހިންގާ ޢުމްރާނީ ތަރައްޤީގެ ބޮޑެތި މަޝްރޫޢުތައް ނިމިފައިވާތީއާ، ޢިމާރާތްކުރުމުގެ ދާއިރާ 2018ވަނަ އަހަރު ކުރިއަރާފައިވާ މިންވަރަށްވުރެ މިއަހަރު ކުރިއަރާނެ މިންވަރު ދަށްވާނެކަމަށް ބެލެވޭތީކަމަށް އެމްއެމްއޭއިން ބުނެފައިވެއެވެ.

ރާއްޖޭގެ އިޤްތިޞާދީ ކުރިއެރުން މަޑުޖެހިފައިވާއިރު، މުޅި ދުނިޔޭގެ އިޤްތިޞާދަށްވެސް ނޭދެވޭ އަސަރުތަކެއް ކުރަމުންދާކަމަށް ބައިނަލްއަޤްވާމީ މާލީ އިދާރާތަކުން ބުނެއެވެ. މީގެ މައިގަނޑު ސަބަބަކީ އެކި ޤައުމުތަކުގެ މެދުގައި ހިނގަމުންދާ ވިޔަފާރީގެ ހަނގުރާމަތަކާއި އެކި ސަރަަޙައްދުތަކުގައި ހިނގަމުންދާ ދާހިލީ ހަނގުރާމަތަށްކަމަށް އެ އިދާރާތަކުން ބުނެއެވެ.