ޚަބަރު

ފިންގަރޕްރިންޓް މައްސަލައިގައި ސިވިލް ކޯޓުން ކުރި ހުކުމަށް ހައިކޯޓުން ތާއީދު


ސިޔާސީ ޕާޓީތަކުގެ މެމްބަރަކަށްވުމަށް އެދި ހުށައަޅާ ފޯމްގައި ފިންގަރޕްރިންޓް ޖެހުން ލާޒިމްކޮށް ފިންގަރޕްރިންޓް ނުޖަހާ މެމްބަރުން ޕާޓީން ވަކިވާނެ ކަމަށް ބުނެ އިލެކްޝަންސް ކޮމިޝަނުން ޕާޓީތަކަށް ފޮނުވި ސިޓީ ބާޠިލް ނޫން ކަމަށް ހައިކޯޓުން ވެސް ކަނޑައަޅައިފިއެވެ.

މިދިޔަ ހަފްތާގެ ތެރޭގައި ހައިކޯޓުން ތާއިދުކޮށްފައިވާ ހުކުމަކީ ސިވިލް ކޯޓަށް އެމްޑީޕީ އާއި ޑީއާރުޕީން ހުށައެޅި މައްސަލައަކާ ގުޅިގެން އެ ކޯޓުން ކޮށްފައިވާ ހުކުމެކެވެ.

އެމްޑީޕީ އާއި ޑީއާރުޕީން ސިވިލް ކޯޓަށް އެ މައްސަލަ ހުށައެޅީ ސިޔާސީ ޕާޓީތަކުގެ ހުރިހާ މެމްބަރުންނަކީ ފިންގަރޕްރިންޓް ވެރިފައި ކުރެވިފައިވާ މެންބަރުންނަށްވުމަށް ލާޒިމްކޮށް، ޤާނޫނަށް އިސްލާހް ގެނައުމާ ގުޅިގެން ފިންގަރޕްރިންްޓް ނެތް މެމްބަރުން އަލުން ފިންގަރޕްރިންޓް ޖެހުމަށް 31 ޑިސެމްބަރ 2015 ވަނަ ދުވަހުގެ ކުރިން އިލެކްޝަންސް ކޮމިޝަނަށް އަންގައި ފޮނުވި ސިޓީ ބާޠިލްކުރުމަށް އެދިއެވެ.

ސިވިލް ކޯޓުން އެ މައްސަލައިގައި ނިންމީ އިލެކްޝަންސް ކޮމިޝަނުން ޤާނޫނު އަސާސީގެ 59 ވަނަ މާއްދާގެ(ހ) އާ ޚިލާފަށް އަޅާފައިވާ ފިޔަވަޅެއްކަމަށް ބެލެވޭނެ ޤާނޫނީ ހަމައެއް ނެތްކަމަށެވެ.

އެ ނިންމުމަށް ތާއިދުކޮށް ހައިކޯޓުން ނިންމާފައިވަނީ ފިންގަރޕްރިންޓް އަލުން ޖެހުމަށް ލާޒިމްކޮށް ފިންގަރޕްރިންޓް ނުޖަހާ މެމްބަރުން ޕާޓީން ވަކިވެގެންދާނެ ކަމަށް ބުނެ އިލެކްޝަންސް ކޮމިޝަނުން ފޮނުވި ސިޓީ ބާޠިލް ކުރަން ތަނެއް ނެތް ކަމަށް ނިންމި ހުކުމަށް ބަދަލު ގެންނަން ޖެހޭ ގާނޫނީ އަދި ޝަރުއީ ހަމައެއްނެތް ކަމަށެވެ.

ހައިކޯޓުން ކުރި ހުކުމުގައި، އިލެކްޝަންސް ކޮމިޝަނުގެ ނިންމުން ޤާނޫނުއަސާސީގެ 59 ވަނަ މާއްދާގެ (ހ) ހިލާފު ކަމަށް ބުނި ނަމަވެސް އެ މާއްދާގައި ބަޔާން ކުރަނީ "ޤާނޫނުގައި ކުށެއް ކަމަށް ކަނޑައެޅިފައި ނުވާކަމަކަށް ފަހުން ހަދާ ޤާނޫނަކުން އަދަބު ނުދިނުން" ކަމަށްވާއިރު އެއީީ ޖިނާއީ ކުށްކުށާއި އެ ކުށްތަކާ ގުޅިގެން އަދަބު ދިނުމާއި ބެހޭ މާއްދާއެއް ކަމަށް ބުނެފައިވެއެވެ.

އެހެން ކަމުން އިލެކްޝަންސް ކޮމިޝަނުން ފޮނުވާފައިވާ ސިޓީގައި ހިމެނޭ ކަންކަމަކީ އިދާރީ ޠަބީޢަތުގެ ތެރޭގައި ހިމެނޭ ކަންތައްތަކެއް ކަމަށާއި އިލެކްޝަންސް ކޮމިޝަނުން ފޮނުވާފައިވާ ސިޓީއަކީ އެއްވެސް ފަރާތަކުން ކުށެއް ކޮށްގެން އެކަން ކުށްވެރިކޮށް އެއްވެސް ފަރާތަކަށް އަދަބެއް ދިނުމުގެ ގޮތުން ފޮނުވާފައިވާ ސިޓީއެއް ނޫންކަން އެނގެން އޮތުމުން އެ ސިޓީ އަކީ ޤާނޫނުއަސާސީގެ 59 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރާ އުޞޫލާއި ޚިލާފު 2 ސިޓީ ކަމަށް ކަނޑައެޅޭނެ ހަމައެއްނެތް ކަމަށްވެސް ހައިކޯޓުން ކަނޑއަޅާފައިވެއެވެ.

އެހެން ނަމަވެސް އަލަށް ފާސްވާ ޤާނޫނަކީ އަލަށް އެކުލަވާލެވުނު ޤާނޫނަކަށް ވިޔަސް ނުވަތަ އިސްލާޙުކުރެވުނު ޤާނޫނަކަށް ވިޔަސް އެޤާނޫނުގެ ޙުކުމެއް ނުވަތަ އުޞޫލެއްވިޔަސް ވޭތުވެދިޔަ ޒަމާނުގެ މައްޗަކަށް ނުވަތަ ވޭތުވެދިޔަ ޙާދިސާއެއްގެ މައްޗައް ނުހިންގުމަކީ އެއާމެދު ޚިލާފެއްނެތް ޤާނޫނީ އުޞޫލެއްކަން އެނގެން އޮންނަ ކަމަށްވެސް ހައިކޯޓުން ފާހަގަކޮށްފައިވެއެވެ.

އަދި އިސްތިސްނާ ގޮތެއްގައިވެސް ވޭތުވެދިޔަ ކަމަކަށް ނުވަތަ ވޭތުވެދިޔަ ޒަމާނުގެ ތެރެއަށް އަލަށް ހިންގަންފެށި ޤާނޫނެއްގެ ޙުކުމް ނުވަތަ އުޞޫލެއްވިޔަސް ހިންގޭނީ އަލަށް ފާސްވި ޤާނޫނުގައި އެގޮތަށް ކަނޑައެޅި ބަޔާންކޮށްފައިވާނަމަ، ނުވަތަ އެހެން ޤާނޫނަކުން ވިޔަސް އެފަދަ އިސްތިސްނާއަކަށް ތަންދޭނަމަކަން ސުޕްރީމް ކޯޓުން މީގެ ކުރިން ނިންމާފައިވާ ނިންމުމަކުން އެނގޭ ކަމަށް ވެސް ބުނެފައިވެއެވެ.

އިލެކްޝަންސް ކޮމިޝަނުގެ ސިޓީ ފޮނުވާފައިވަނީ ސުޕްރީމް ކޯޓުން ކަނޑައަޅާފައިވާ އުސޫލުން ބޭރުން ނަމަވެސް މިމައްސަލާގައި އެމްޑީޕީއާއި ޑީއާރުޕީ އިން އެދިފައިވަނީ ގާނޫނު އަސާސީގެ 59 ވަނަ މާއްދާ އާ ހަވާލާދީ ކަމަށް ވާތީ، ސިވިލް ކޯޓުގެ ހުކުމް ބާތިލް ނޫން ކަމަށް ހައިކޯޓުގެ ނިންމުމުގައިވެއެވެ.