ޚަބަރު

ސެޓްލްމަންޓް ކޮމިޓީއަށް ލަފާއަރުވާނެ އޮޑިޓްފާމެއްް ހަމަޖައްސަން ނިންމައިފި


ސަރުކާރު ޝާމިލްވާ އެކިއެކި މައްސަލަތައް ކޯޓުން ބޭރުގައި ޙައްލު ކުރުމަށްޓަކައި އެކުލަވާލާފައިވާ ސެޓްލްމަންޓް ކޮމިޓީއަށް ހުށަހެޅޭ މާލީ ލިޔެކިޔުންތައް އިވެލުއޭޓްކުރުމަށް މިނިވަން އޮޑިޓް ފާމެއް އައްޔަންކުރަން ސަރުކާރުން ނިންމައިފިއެވެ.

ބަންޑާރަނައިބުގެ އޮފީހުން ނެރުނު ނޫސްބަޔާނެއްގައި ވިދާޅުވެފައިވަނީ އެ އޮޑިޓް ފާމްތަކުގެ މައިގަނޑު މަސައްކަތަކަށްވާނީ ކޮމިޓީގައި މަޝްވަރާކުރެވޭ މައްސަލަތަކުގައި ގެއްލުމުގެ ބަދަލާ ގުޅޭގޮތުން ހުށަހެޅޭ މާލީ ހިސާބުތަކާއި ލިޔެކިޔުންތައް މުސްތަޤިއްލު ކަމާއެކު އިވޭލުއޭޓްކޮށް، އެ މައްސަލަތަކުގައި ލިބިފައިވާ ގެއްލުމުގެ މިންވަރު ދެނެގަނެ ބަދަލުގެ ގޮތުގައި ލިބެންޖެހޭ މިންވަރު އެކަށައެޅުމުގައި ކޮމިޓީއަށް ލަފާއެރުވުން ކަމަށެވެ.

ކޯޓުން ބޭރުގައި ޙައްލުކުރެވޭ މައްސަލަތަކުގައި މިނިވަން އޮޓް ފަރމްއެއްގެ ލަފާ ހޯދުމުގެ މައިގަނޑު މަޤްޞަދަކީ އެކިއެކި ފަރާތްތަކަށް ގެއްލުމުގެ ބަދަލުގެ ގޮތުގައި ނަގައިދެވޭ މިންވަރަކީ ޢަދުލުވެރި މިންވަރެއްކަން ޔަޤީންކޮށް، ސަރުކާރުގެ މަޞްލަޙަތު ފުރިހަމަ ގޮތުގައި ހިމާޔަތްކުރުން ކަމަށްވެސް އެޓާނީ ޖެނަރަލް އޮފީހުން ވިދާޅުވެފައިވެއެވެ.

މިކަމަށް އޮޑިޓްފާމެއް ނެގުމަށް ނިންމާފައިވަނީ ބީލަމުގެ އުޞޫލުން ކަމަށްވާތީ، މަސައްކަތުގެ ތަފްޞީލު ހިމެނޭ ޓަރމްސް އޮފް ރިފަރެންސް އާއި ބީލަމާ ގުޅޭ ލިޔެކިޔުންތައް ދިވެހި ސަރުކާރުގެ ގެޒެޓްގައި ޝާޢިއުކުރެވޭނެ ކަމަށްވެސް އޭޖީ އޮފީހުން ވަނީ ވިދާޅުވެފައެވެ.

ސެޓްލްމެންޓް ކޮމިޓީ އަކީ ސަރުކާރުގެ މަސްލަހަތު ހިމެނޭ މައްސަލަތައް ކޯޓުން ބޭރުގައި ޙައްލު ކުރުމާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާއަށް ލަފާ ދިނުމަށް އެކުލަވާލާފައިވާ ކޮމެޓީއެކެވެ. އެ ކޮމެޓީ އެކުލަވާލާފައިވަނީ 27 ޖަނަވަރީ 2015 ގައި އެވެ.