ޚަބަރު

އުއްތަމަ ފަނޑިޔާރު، ޖޭއެސްސީގެ އެންގުމަށް ތަބާވެވަޑައިނުގަތް މައްސަލަ ބަލަނީ


އުއްތަމަ ފަނޑިޔާރު ޑރ.އަޙްމަދު ޢަބްދުﷲ ދީދީގެ ސުލޫކީ އިތުރު މައްސަލައެއް ބެލުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަނުން ނިންމައިފިއެވެ.

ޖޭއެސްސީ އިން ނެރުނު ނޫސް ބަޔާނެއްގައި ވިދާޅުވެފައިވަނީ އެ ކޮމިޝަނުން ބަލަމުންދާ ސުލޫކީ މައްސަލައެއް ތަޙްޤީޤުކުރުމަށްޓަކައި އެކޮމިޝަނަށް ޙާޟިރުވެވަޑައިގަތުމަށް އުއްތަމަ ފަނޑިޔާރަށް އަމުރު ފޮނުވުމުން އެމައްސަލަ ބެލުމުގެ އިޚްތިޞާޞް އެ ކޮމިޝަނަށް ލިބިގެން ނުވާކަމަށް ވިދާޅުވެ ކޮމިޝަނަށް ޙާޟިރުވެވަޑައިގަތުމަށް އުޒުރުވެރިވެވަޑައިގަންނަވާކަމަށް ވިދާޅުވެ އުއްތަމަ ފަނޑިޔާރޔ ސިޓީފުޅެއް ފޮނުއްވާފައިވާކަމަށެވެ.

އަދި އޭގެ ފަހުން އެ ކޮމިޝަނުން ބަލަމުންދާ މައްސަލައާ މެދު އުއްތަމަ ފަނޑިޔާރު ނެރުއްވި ބަޔާނަކީ ޙަޤީޤަތާޚިލާފު ވާހަކަތަކެއް ހިމެނޭ ގޮތައް ނެރުއްވި ބަޔާނެއް ކަމަށްވެސް ޖޭއެސްސީގެ ބަޔާނުގައި ވެއެވެ. އަދި އެ ބަޔާން އެގޮތައް ނެރުއްވުމާ ގުޅިގެން އެއީ އުއްތަމަ ފަނޑިޔާރުގެ ސުލޫކީ މައްސަލައެއްގެ ގޮތުގައި އެމައްސަލަ ބެލުމަށް ނިންމާފައިވާކަމަށާ، މައްސަލަ ބަލަން ޖޭއެސްސީން ނިންމީ އުއްތަމަ ފަނޑިޔާރު ބަޔާން ނެރުއްވާފައިވަނީ ޖޭއެސްސީގެ ދުސްތޫރީ މަސްއޫލިއްޔަތު އަދާކުރުމަށް ހުރަސްއަޅުއްވައި އެކޮމިޝަނުން ބަލަމުންދާ މައްސަލައަށް ނުފޫޒު ފޯރުވުމުގެގޮތުންކަމަށް ފެންނާތީ ކަމަށްވެސް ޖޭއެސްސީން ވަނީ ވިދާޅުވެފައެވެ.

މީގެއިތުރުން އުއްތަމަފަނޑިޔާރާ ގުޅޭގޮތުން މީގެ ކުރިން ޖޭއެސްސީން ބެއްލެވި ސުލޫކީ މައްސަލައެއް ސާބިތުވެ ތައުދީބީ ފިޔަވަޅެއްގެ ގޮތުން ނަޞޭޙަތް ދިނުމަށް އެކޮމިޝަނުން ނިންމުމުން، އެކޮމިޝަނުން ފޮނުވި ނަޞޭހަތުގެ ލިޔުމާ ޙަވާލުވެވަޑައިގަތުމަށްވެސް އިންކާރުކުރައްވާފައި ވާތީ އެމައްސަލަ ބެލުމަށްވެސް ކޮމިޝަނުން ނިންމާފައިވާކަމަށް މި ނޫސްބަޔާނުގައި ފާހަގަ ކުރައްވާފައިވެއެވެ.

އުއްތަމަ ފަނޑިޔާރު ނެރުއްވި ބަޔާނުގައި ޖޭއެސްސީން ގާނޫނު އަސާސީއާ ޚިލާފަށް ޢަމަލުކުރައްވަމުން ގެންދަވާކަމަށް ވިދާޅުވެ ބޮޑެތި ފާޑު ކިޔުންތަކެއް އަމާޒު ކުރައްވާފައިވެއެވެ.