އަތޮޅުތައް

2 މެގަވޮޓްގެ 2 ޖަނަރޭޓަރު އައްޑޫ ސިޓީއަށް


އައްޑޫ ސިޓީގެ
ކަރަންޓްގެ ހާލަތު ރަގަޅުކުރުމަށް އަލަށް ގެނެވުނު ދެ މެގަ ވޯޓްގެ ދެ ޖަނަރޭޓަރު
އައްޑޫ ސިޓީއަށް ފޮނުވާލައިފިއެވެ. މި ޖަނަރޭޓަރުތައް އައްޑޫ ސިޓީ އަށް ފޮނުވާލީ ހުކުރު
ދުވަހުގެ ރޭ އެމް ޕީ އެލްގެ ބަނދަރު ސަރަހައްދުންނެވެ.



އައްޑޫގެ ގުޅިފައިވާ ރަށްތަކަށް
ދުވާލެއްގެ މައްޗަށް 5.2 މެގަ ވޯޓްގެ ކަރަންޓް ބޭނުންވާއިރު، މިހާރު ކަރަންޓް
އުފެއްދޭ އެންމެ މަތީ އަދަދަކީ 6 މެގަވޯޓެވެ. އައްޑޫގެ ކަރަންޓްގެ ހާލަތު
ރަގަޅުކުރުމަށް ސަރުކާރުން މިހާރު ވަނީ އިތުރު އިންޖީނުތަކެއް އެ ސިޓީއަށް ފޮނުވާ
އިންސްޓޯލް ކުރުމުގެ މަސައްކަތް ފަށާފައެވެ. އެއީ އެއް މެގަ ވޯޓްގެ ތިން އިންޖީނެވެ.  



މިހާރު ހުރި އިންޖީނުތަކާއި،
އިންސްޓޯލް ކުރަމުންދާ އިންޖީނުތައް އަދި އަލަށް ގެނެވުނު ދެ އިންޖީނާއެކު ޖުމަލް
13 މެގަ ވޯޓްގެ ކަރަންޓް އައްޑޫގެ ގުޅިފައިވާ ރަށްތަކަށް ފޯރުކޮށްދެވޭނެ ކަމަށް
ފެނަކައިން ބުނެއެވެ. އަލަށް ގެނެވުނު ދެ އިންޖީނާއެކު އިންޖީނުތައް އިންސްޓޯލް
ކުުރުމަށް ބޭނުންވާ ސާމާނުތައްވެސް އައްޑޫއަށް ފޮނުވުމަށް އުފުލިއަށް އަރުވާފައިވެއެވެ.
އެމް ޕީ އެލްގައި ހުންނަވާ ޕީ އެސްއެމްއާއި ވާހަކަފުޅު ދައްކަވަމުން ފެނަކަ
ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ މުހައްމަދު ނިމާލު ވިދާޅުވީ އައްޑޫ ކަރަންޓްގެ
ހާލަތު ރަގަޅު ކުރުމަށް އަލަށް ގެނެވުނު ދެ މެގަވޯޓްގެ ދެ އިންޖީނަކީ 1.8 މިލިއަން
ޑޮލަރުގެ މަޝްރޫއެއް ކަމަށެވެ. ކުރިއަށް އޮތް ހަތަރު ދުވަސްތެރޭ އިންޖީނުތައް
އައްޑޫއަށް ފޯރާނެ ކަމަށާއި، ދެ މަސްތެރޭ އިންސްޓޯލްކޮށް ނިންމާ ޚިދުމަތް ދެވޭނެ
ކަމަށް އޭނާ ވިދާޅުވިއެވެ.



އައްޑޫއަށް ފޮނުވާ އިންޖީނުތައް
އޮޕަރޭޓް ކުރަން ފެށުމުން، ކުރިއަށް އޮތް އަށް އަހަރުތެރޭ އައްޑޫގައި ކަރަންޓް
ލޯޑު ބޮޑުވުމުގެ އެއްވެސް މައްސަލައެއްނެތި ކަރަންޓް ފޯރުކޮށްދެވޭނެ ކަމަށްވެސް
ނިމާލު ވިދާޅުވިއެވެ. އަދި  ފެނަކައިން
ކަރަންޓް ފޯރުކޮށްދޭ އެއްވެސް ރަށެއްގައި މި ރޯދަ މަހު އެއްވެސް މައްސަލައެއް ނެތި
ކަރަންޓް ފޯރުކޮށްދެވޭނޭ ކަމަށް ނިމާލު ފާހަގަކުރެއްވިއެވެ.



އައްޑޫ ސިޓީ ތަމްސީލް
ކުރައްވާ  ދެ މެމްބަރުންކަމުގައިވާ، ފޭދޫ
ދާއިރާގެ މެމްބަރު އިބްރާހިމް ދީދީ އަދި ހުޅުދޫ ދާއިރާގެ މެމްބަރު މުހައްމަދު
ޝާހިދު ވިދާޅުވީ، ސަރުކާރުން އައްޑޫގެ ޔުޓިލިޓީގެ ޚިދުމަތްތައް ރަގަޅު ކުރުމަށް
ކުރައްވަމުންގެންދަވާ މަސައްކަތާއެކު، އައްޑޫގެ ރައްޔިތުންނަށާއި،
ވިޔަފާރިތަކަށާއި، އައްޑޫގެ އެއަރޕޯޓްގެ އޮޕަރޭޝަންތަކަށް ކުރިއެރުން
ލިބިގެންދާނެކަމަށެވެ.



އަތޮޅުތަކުގެ ކަރަންޓްގެ ހާލަތު
ރަގަޅު ކުރުމަށް އިންޖީނުތައް ގެނެސް އިންސްޓޯލް ކުރަމުންދާއިރު، ކަރަންޓް
ޑިސްޓްރިބިއުޝަަން ނެޓްވޯކްތައް ވަރުގަދަ ކުުރުމަށް 32 ޓްރާންސްފޯމާ ގެނައުމަށް
ކުރިއަށް އޮތް ހަަފްތާގައި ކޮންޓްރެކްޓް ކުރެވިގެންދާނެ ކަމަށް ފެނަކަ
ކޯޕަރޭޝަނުން ބުނެއެވެ.