ފެމެލީ ކޯޓުގެ އިސް ޤާޟީ އަލްއުސްތާޛް ޙަސަން ސަޢީދު ކްރިމިނަލް ކޯޓަށް ބަދަލު ކުރުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަނުން ނިންމައިފި އެވެ.
ގާޟީ ސައީދުއާ ގުޅޭ ގޮތުން ޖޭއެސްސީއަށް ހުށައެޅި ސުލީކީ މައްސަލަ ބެލުމަށް ކަނޑައެޅި ކޮމެޓީން އެ މައްސަލަ ބެލުމަށްފަހު ނިންމީ އެ މައްސަލަ ސާބިތުވާ ކަމަށެވެ. އަދި ގާޟީ ސައީދުގެ މައްޗަށް ފަނޑިޔާރުގެ ސުލޫކަށް އަސަރުކުރާ ފަދަ ކަންތައްތަކެއް ސާބިތުވާކަމަށާއި ފިޔަވަޅެއްގެ ގޮތުންފަނޑިޔާރުކަމުން ވަކިކުރުން ކަނޑައެޅި އެވެ.
ޖުޑީޝަލް ސަރވިސް ކޮމިޝަނުން ނެރުނު ނޫސްބަޔާންގައި ވިދާޅުވެފައިވަނީ ގާޟީ ސައީދު ފަނޑިޔާރު ކަމުން ވަކިކުރުމަށް ނިންމައި ތަޙްޤީޤު ކޮމިޓީން އެކުލަވައިލި ރިޕޯޓްތައް ޖޭއެސްސީއަށް ބަލައިގަނެ، އެ ރިޕޯޓަށް ޖަވާބު ދިނުމަށް ޙަސަން ސަޢީދުއަށް ފުރުސަތު ދިން ކަމަށެވެ. އަދި ހަސަން ސައީދު ފަނޑިޔާރުކަމުން ވަކި ކުރުމުގެ ބަދަލުގައި އެހެން ކޯޓަކަށް ބަދަލުކުރުމަށް ޖޭއެސްސީ އިން ނިންމީ ތަހްގީގު ކޮމެޓީގެ ރިޕޯޓަށް ލިޔުމުން ޖަވާބު ހުށަހެޅުމުން އެ ޖަވާބަށް ރިޢާޔަތްކޮށް ކަމަށެވެ.
އެހެން ނަމަވެސް ފަނޑިޔާރުގެ ސުލޫކަށް އަސަރުކުރާ ފަދަ ކަންތައްތަކެއް ސާބިތުވާ ކަމަށް ނިންމި ނިންމުން ދަމަހައްޓައި، ފިޔަވަޅެއްގެ އެހެން ކޯޓަކަށް ބަދަލުކުރުމާއެކު ނަސޭހަތް ދިނުމަށްވެސް ނިންމާފައިވާ ކަމަށް ޖޭއެސްސީ އިން ވަނީ ފާހަގަ ކުރައްވާފައި އެވެ.