ވިޔަފާރި

ބެންކް އޮފް މޯލްޑިވްސްއިން ރާއްޖެއަށް މާސްޓަރކާޑް ތައާރަފްކޮށްފި


ބެންކް އޮފް މޯލްޑިވްސްއިން ރާއްޖެއަށް މާސްޓަރކާޑް ތައާރަފްކޮށްފިއެވެ.

މާސްޓަރކާޑް ތައާރަފްކޮށްފައި ވަނީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް ފަސޭހަކަމާއި ރައްކާތެރިކަމާއެކު ވިޔަފާރީގެ މުޢާމަލާތްކުރެވޭނެ މަގުފަހިކުރުމުގެ ގޮތުންނެވެ. މިއަދު ހެނދުނު ކްރޮސްރޯޑްސްގައި ބޭއްވުނު ހާއްސަ ރަސްމިއްޔާތެއްގައި މާސްޓަރކާޑްގެ ހުރިހާ ޕްރޮޑަކްޓްތަކެއްްވަނީ ތައާރަފް ކޮށްފައެވެ. މީގެ ތެރޭގައި މާސްޓަރކާޑް ބިޒްނަސް ޑެބިޓް ކާޑާއި ޕްރީމިއަމް މާސްޓަރކާޑް ވޯލްޑް ކްރެޑިޓް ކާޑު ހިމެނެއެވެ.

އަލަށް މި ތައާރަފް ކުރެވުނު މާސްޓަރކާޑް އަދި މިހާރު ބޭނުންކުރެވޭ ހުރިހާ މާސްޓަރކާޑް ޕްރޮޑަކްޓްތަކަކީ ފަސޭހަކަމާއި، ރައްކާތެރިކަމާއެކު ޕޭމަންޓް ހެދުމަށް ކޮންޓެކްޓްލެސް ޕޭމަންޓް ހެދޭގޮތަށް ފަރުމާކޮށްފައިވާ ކާޑުތަކެކެވެ. މާސްޓަރކާޑް ރަސްމީކޮށް އިފްތިތާހު ކޮށްދެއްވީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގަވަނަރ ޢަލީ ހާޝިމް އެވެ.

މި ރަސްމިއްްޔާތުގައި ވާހަކަފުޅު ދައްކަވަމުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ ޓިމް ސޯޔަރ ވިދާޅުވީ ދިވެހިރާއްޖޭގައި ޑިޖިޓަލް ބޭންކިންގގެ އެންމެ ކުރީގައި ބޭންކް އޮފް މޯލްޑިވްސް ފައިތިލަ ސާބިތުކޮށްފައިވާކަމީ ލިބޭ ވަރަށް ބޮޑު ފަޚުރެއްކަމަށެވެ. ބީއެމްއެލް އާއި މާސްޓަރކާޑަކީވެސް ކަސްޓަމަރުންނަށް ޚިދުމަތްދިނުމުގައި އެންމެ ޒަމާނީ އުފެއްދުންތަކާއި ޚިދުމަތްތަކަށް އިސްކަންދޭ ފަރާތްތަކަށްވުމުން، މި ގުޅުމާއެކު ކަސްޓަމަރުންނަށް ދޭ ޚިދުމަތަށް އިތުރު ފުރިހަމަކަމެއް އަންނާނެކަމަށް އޭނާ ވިދާޅުވިއެވެ.

ސްރީލަންކާ އަދި ރާއްޖެއަށް މާސްޓަރކާޑްއިން ކަނޑައަޅުއްވާފައިވާ ކަންޓްރީ މޭނޭޖަރ، ސަންތޯސް ކުމާރު ވިދާޅުވީ ބޭންކް އޮފް މޯލްޑިވްސް އާއެކު މިވެވުނު އެއްބަސްވުމުގެ ސަބަބުން ރާއްޖޭގެ ރައްޔިތުންނަށް މާސްޓަރކާޑްގެ ހުރިހާ ޕްރޮޑަކްޓްތައް ގެނެސްދެވޭކަމީ ލިބޭ ވަރަށް ބޮޑު އުފަލެކަމަށެވެ. މި އެއްބަސްވުމާއެކު ސަރަހައްދީ ގޮތުން މާސްޓަރކާޑްގެ ޚިދުމަތްތައް ލިބޭ ގައުމުތައް އިތުރުވެ، ގިނަ ކަސްޓަމަރުންނަށް މި ހިދުމަތް ލިބި، ފަސޭހަ ކަމާއެކު ޕޭމަންޓް ހެދުމަށް މަގުފަހިވެގެންދާނެކަމަށް އޭނާ ވިދާޅުވިއެވެ.

ބެންކް އޮފް މޯލްޑިވްސްއިން މާސްޓަރ ކާޑް ރާއްޖެއަށް ތަޢާރަފްކޮށްފައިވާއިރު މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގަޔަކާއެކު 20 އަތޮޅުގައި 37 ބްރާންޗް، 49 ސެލްފްސަރވިސް ބޭންކިންގ ސެންޓަރ، 113 އޭޓީއެމް، 5700 ޕީއޯއެސް މަރޗަންޓުން، 277 ކޭޝް އޭޖެންޓުންގެ ޚިދުމަތް ބީއެމްއެލްއިން ފޯރުކޮށްދެއެވެ. މީގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިންގ ޚިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސް ގެ އަމާޒަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުންކަމަށް ބެންކުން ބުނެއެވެ.