ޚަބަރު

ޕީޖީ ބިޝާމް ވަކިކުރުމުގެ މަސައްކަތް ކުރަން ނިންމި ނިންމުން ބާޠިލްކޮށްފި


ޕްރޮސެކިއުޓާ ޖެނެރަލް އައިޝަތު ބިޝާމް މަޤާމުން ވަކިކުރުމުގެ މަސައްކަތް ފަށަން ރައްޔިތުން މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ނިންމި ނިންމުން އެ ކޮމެޓީން ބާތިލްކޮށްފިއެވެ.

ބިޝާމް މަޤާމުން ވަކިކުރުމުގެ މަސައްކަތް ފަށަން ނިންމައި، އެކަން ރައްޔިތުން މަޖިލީހުގެ ރައީސަށް އެންގުމަށް އެ ކޮމެޓީން ފާސްކުރީ އިއްޔެއެވެ. ނަމަވެސް އެ ނިންމުން މިއަދު ބާޠިލްކުރީ އެ ކޮމެޓީން ބޭއްވި ބައްދަލުވުގައިއެވެ.

ބިޝާމް ވަކިކުރުމުގެ މަސައްކަތް ފެށުމަށް ނިންމި ނިމުން ބާޠިލްކުރި ބައްދަލުވުގައި ބިޝާމް ވަކިކުރަން ކޮމެޓީއަށް ހުށައެޅި ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖު ހިމެނިވަޑައިއެއްނުގަންނަވައެވެ.

އެ ނިންމުން ބާޠިލްކުރަން މެމްބަރުން ނިންމީ އެ މައްސަލަ ހުށައެޅުމަށް އޮންނަ އުސޫލުން ބޭރުން މައްސަލަ ހުށައަޅާފައިވާ ކަމަށް މެމްބަރުނަށް ޤަބޫލު ކުރެވޭ ކަމަށް ވިދާޅުވެއެވެ.

ޖުޑީޝަރީ ކޮމިޓީގެ ބައްދަލުވުމުގައި ޕީޖީ ބިޝާމް ވަކިކުރުމަށް ސިރާޖު ހުށައަޅަން ނިންމި ނިންމުމަށް ތާއީދު ކުރެއްވީ، ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސައިންއެވެ. އެ ހުށަހެޅުން ފާސްވެފައިވަނީ ކޮމިޓީއަށް ހާޒިރުވެ ވަޑައިގެންނެވި މެމްބަރުންގެ އަޣްލަބިއްޔަތުންނެވެ.

18 ވަނަ ރައްޔިތުންގެ މަޖިލީހުގައި 2 ފަހަރެއްގެ މަތިން ޕީޖީ ބިޝާމްގެ އިތުބާރު ނެތްކަމުގެ މައްސަލައެއް މަޖިލީހަށް ވަނީ ހުށަހަޅާފައެވެ. ނަމަވެސް އެއްވެސް ފަހަރަކު މަޖިލީހުގެ ތަޅުމާއި ހަމަޔަށް އެ މައްސަލަ ގޮސްފައެއްނުވެއެވެ. އޭރު މަޖިލީހަށް ޕީޖީގެ އިތުބާރު ނެތްކަމަށް ހުށަހަޅާފައިވަނީ ރައްޔިތުން މަޖިލީހުގެ މެންބަރުން ހައްޔަރުކުރިއިރު، އެ މެންބަރުން ހައްޔަރުކުރުމަށް އެކަށީގެންވާ ސަބަބުތަކެއް ހުރިތޯ ޕްރޮސިކިއުޓާ ޖެނެރަލް ކަށަވަރު ކުރައްވާފައިނުވުމާއި، އޭރު ޕީޖީ އަމަލުކޮށްފައިވާ ގޮތުންކަމަށް މިމައްސަލަ ހުށަހެޅުއްވި މެމްބަރު އޭރު ވަނީ ވިދާޅުވެފައެވެ.

ޕީޖީ ބިޝަމް އެކި މަރުހަލާ ތަކުގައި ދައުވާތައް ކުރައްވާފައިވާގޮތުން 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ގިނަ މެންބަރުންގެ ފާޑުކިޔުން އޭނާއަށް ވަނީ އަމާޒުވެފައެވެ.

ޕްރޮސެކިއުޓާ ޖެނެރަލްގެ މަޤާމަށް އައިޝަތު ބިޝާމް އައްޔަން ކުރައްވާފައިވަނީ ރައީސް ޔާމީންގެ ވެރިކަމުގައި 2015 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 24 ވަނަ ދުވަހުއެވެ.