ކުޅިވަރު

ވިކްޓްރީ މެޗަށްފަހު ޔޫވީގެ ކޯޗުކަމުން ނަޒީހު އިސްތިއުފާ ދެނީ!


ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި މާދަމާ ހަވީރު ވިކްޓްރީއާއި ދެކޮޅަށް ޔުނައިޓެޑް ވިކްޓްރީ ކުޅޭ މެޗަށްފަހު ޔޫވީގެ ކޯޗުކަމުގެ މަޤާމުން އޭނާ ފެނުން ދުރުކަމަށް މުޙައްމަދު ނަޒީހު ބުނެފިއެވެ.

އެފްއޭއެމްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން ޔޫވީގެ ކޯޗު މުޙައްމަދު ނަޒީހު ބުނީ، ވިކްޓްރީއާއި ދެކޮޅަށް ޔޫވީ ކުޅޭ މެޗަކީ މި ސީޒަނުގައި އޭނާ ފެންނާނެ ފަހު މެޗަށްވުން ގާތްކަމަށެވެ. ނަޒީހު ބުނީ މި މެޗަށް ވިކްޓްރީގެ ޓީމު ހަމަވުމަކީ އޭނާއަށް ލިބޭނެ ވަރަށް ބޮޑު ހިތްހަމަޖެހުމަކަށްވާނެކަމަށާއި، ސަބަބަކީ މެޗެއް ކުޅުމަށްފަހު މަގާމުން ދުރަށް ޖެހިލަން ބޭނުންވާތީކަމަށެވެ.

ކޯޗުގެ މަގާމުން އިސްތިޢުފާ ދެނީ ކީއްވެތޯ ނޫސްވެރިއަކު ސުވާލުކުރުމުން ނަޒިހު ބުނީ، އިސްތިޢުފާ ދޭ އެއް ސަބަބަކީ 10 މެޗު ކުޅުނުއިރު ޓީމު 8 ޕޮއިންޓާއެކު 7 ވަނައިގައި އޮތުން ކަމަށާއި، އަދި ކްލަބުގެ ތެރޭގައި ރަނގަޅު ކުރަންޖެހޭ ކަންތައްތައްވެސް ހުރުން ކަމަށެވެ. އުއްމީދަކީ އެހެން ކޯޗަކާއެކު ނަމަވެސް، ކުރިއަށް އޮތް ތާނގައި ޔޫވީގެ ނަތީޖާ ރަނގަޅުވުން ކަމަށެވެ.

ޔުނައިޓެޑް ވިކްޓްރީގެ ތާރީޙުގައި މިހާތަނަށް 3 ތަށި ހޯދާފައިވާއިރު އޭގެތެރެއިން 2 ތަށި ޔޫވީއިން ހޯދީ އޭނާގެ ކޯޗުކަމުގެ ދަށުންކަން ނަޒީހު ފާހަގަކުރިއެވެ. އަދި ފުރަތަމަ ޑިވިޝަނުގައި މިހާ ހިސާބަށް ޓީމު ގެނެސްދިނީ އޭނާކަމަށް ނަޒީހު ބުންޏެވެ.

"ދެން ކުރިޔަށް އޮތް މެޗަށް އަޅުގަނޑަށް ރަނގަޅީ ވިކްޓްރީ ޓީމު ހަމަވެއްޖީޔާ. ވިކްޓްރީ މެޗު ވެދާނެ އަޅުގަނޑުގެ ފަހު މެޗަށްވެސް މި ސީޒަނުގައި. އެހެންވީމަ ހުރިހާ ގޮތަކަށް ވިސްނާފައި އަޅުގަނޑުވެސް ބޭނުންވަނީ މެޗެއް ކުޅެލާފައި ނިންމާލަން. ދެން މަޤާމުން މި އިސްތިޢުފާ ދެނީ ޒިންމާއިން ރެކޭކަށް ނޫން. އަޅުގަނޑު ޒިންމާ ނަގަނީމި. ދެން އަޅުގަނޑު ޕާސަނަލީ ވަރަށް ތެދުތެދަށް ބުނަންޔާ ކްލަބް ދޫކޮށްފައި ދާކަށް ބޭނުމެއް ނޫން." ނަޒީހު ބުންޏެވެ.

ޔޫވީގެ ކޯޗުކަމުން އިސްތިއުފާ ދޭނެ ކަމަށް ނަޒީހު ބުނިއިރު، އޭނާ އަލުން ޔޫވީއާ ގުޅިފައިވަނީ މި ސީޒަން ފެށުމުގެ ކުރިން މެއި މަހުގެ ތެރޭގައެވެ. މިދިޔަ އަހަރު ރެލިގޭޝަނުގައި ކުޅެ ޔުނައިޓެޑް ވިކްޓަރީ އަށް ފުރަތަމަ ޑިވިޝަނުގެ ޖާގަ ކަށަވަރުކޮށްދިނުމަށް ފަހު، ފަހުން ނަޒީހު ވަނީ ޕްރިމިއަރ ލީގުގެ ދެވަނަ ބުރުގެ ފަހު ކޮޅު ވިކްޓަރީގައިވެސް މަސައްކަތްކޮށްފައެވެ.

ލީގުގައި މާދަމާ ހަވީރު ޔޫވީ އާއި ވިކްޓަރީ ވާދަކުރާއިރު ލީގުގައި އެންމެ ފަހުން ކުޅެން އޮތް މެޗަށް ވިކްޓްރީ ހާޒިރުވެފައެއްނުވެއެވެ. އަދި އެޓީމު އޮތީ މިހާތަނަށް ލީގުގައި ކުޅުނު 10 މެޗުން އެންމެ ޕޮއިންޓެއްވެސް ނުލިބި ތާވަލްގެ ފުލުގައެވެ.