ކުޅިވަރު

އެފްއޭއެމް ރައީސްކަމަށް ޝައުގެއްނެތް: އަލީ ވަހީދު


އެފްއޭއެމުގެ ރައީސް ކަމަށް އޭނާގެ ޝައުގުވެރިކަން ނެތް ކަމަށާއި ގައުމީ ފުޓްބޯޅަ ޓީމުގެ ކޮމިޓީއާ ހަވާލުވީ ފުޓްބޯޅަ އަށް އޮތް ލޯތްބެއްގެ ބޮޑުކަމުން ކަމަށް ޓުއަރިޒަމް މިނިސްޓަރ ޢަލީ ވަހީދު ވިދާޅުވެއްޖެ އެވެ.

ނިއުރޭޑިއަންޓްގެ ޗެއާމަން ކަމާއި ޤައުމީ ޓީމުގެ މެނޭޖަރުކަން ވެސް ކުރި ޢަލީ ވަހީދު ވިދާޅުވީ ޤައުމީ ޓީމު ކޮމިޓީއާ ހަވާލުވީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ހުއްދައާއެކުގައި ކަމަށާއި، މިކަމުގެ ސަބަބުން އޭނާގެ ރަސްމީ މަސައްކަތަށް އެއްވެސް ކަހަލަ ބުރުލެއް ނާރާނެ ކަމަށެވެ.

އަލީ ވަހީދު ވިދާޅުވީ ޤައުމީ ޓީމު ކޮމިޓީއާ ހަވާލުވީ މިއީ ގޮންޖެހުން ބޮޑު މަސައްކަތެއްކަން އެނގިހުރެ ކަމަށާއި ނަމަވެސް ފުޓްބޯޅަ ކުރިއަރުވަން އެހީތެރިވާން ލިބުނު ފުރުސަތު ދޫކޮށްލަން ބޭނުންނުވީކަމަށެވެ. ފުޓްބޯޅަ ތަރައްގީކޮށް ދިގު މުއްދަތުގެ ޕްލޭން އެކުލަވާލައި އަންނަ އަހަރުގެ ޖެނުއަރީ މަހުގެ މެދުތެތޭގައި އާއްމު ކުރާނެ ކަމަށް ވިދާޅުވިއެވެ. އަދި ފުޓްބޯޅައިގެ މިހާރުގެ ހާލަތު ރަނގަޅު ކުރުމަށް އެފްއޭއެމުގެ ރައީސް ބައްސާމް އަދީލް ޖަލީލްއާއި ޔޫތު މިނިސްޓަރު އަޙުމަދު މަހްލޫފްގެ އެއްބާރުލުން ބޮޑު ކަމަށާއި އެންމެންނާއިއެކު ފުޓްބޯޅަ އަލުން ކޮޅަށް ޖަހަން ތައްޔާރަށް ހުންނެވިކަމަށް އަލީ ވަހީދު ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ އަންނަ އަހަރަކީ އެފްއޭއެމުގެ އިންތިޚާބު އޮންނަ އަހަރު ނަމަވެސް އޭނާ ބެލުމުގެ ދަށުން ހިނގާ އެއްވެސް ހަރަކާތަކީ އެއްވެސް ފަރާތެއް އިންތިޚާބު ކާމިޔާބު ކުރުމަށް އަދި އެކަމަށް ހުރަސް އެޅިގެންދާނެ ހަރަކާތަކަށް ނުވާނެ ކަމަށެވެ.