ވޯލްޑް ކަޕް ކޮލިފައިން އާއި އޭޝިއަން ކަޕް ކޮލިފައިންގައި ރާއްޖޭގައި ފިލިފީންސްއާއި ގުއާމާ ދެކޮޅަށް ގައުމީ ޓީމު ކުޅޭ ދެ މެޗަކީ ރާއްޖޭގެ ވޯލްޑް ކަޕް ކަމުގައި ބަލަންޖެހޭ ކަމަށް ގައުމީ ފުޓްބޯޅަ ޓީމު ކޮމިޓީގެ ޗެއާމަން އަލީ ވަހީދު ވިދާޅުވެއްޖެއެވެ.
ޕީއެސްއެމްގެ ދިވެހި ފުޓްބޯޅަ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ގައުމީ ފުޓްބޯޅަ ޓީމު ކޮމިޓީގެ ޗެއާމަން އަލީ ވަހީދު ވިދާޅުވީ މި ދެ މެޗު ކާމިޔާބު ކުރުމަށް ގައުމީ ޓީމަށް ބޭނުންވާ ހުރިހާ ސަޕޯޓެއް އޭނާގެ ފަރާތުން ލިބޭނެ ކަމަށް. އަދި ޓީމަށް ތަރުހީބު ދިނުމަށް ވީހާވެސް ގިނަ ސަޕޯޓަރުން ދަނޑަށްވެއްދޭނެ ގޮތެއް ހޯދުމަށް ކަމާއި ގުޅުންހުރި ފަރާތްތަކާއެކު މަޝްވަރާ ކުރަމުންދާ ކަމަށެވެ. މި ގޮތުން ބޮޑު ބެރު ގްރޫޕްތަކާއި ރާއްޖޭގައި މިހާތަނަށް ސަޕޯޓް ކުރުމުގައި ނަމޫނާ ދައްކާފައިވާ ފަރާތްތަކާއެކު މަޝްވަރާ ކުރަމުންދާ ކަމަށް ޢަލީ ވަހީދު ވިދާޅުވިއެވެ.
ނިއުރޭޑިއަންޓްގެ އެންމެ ކާމިޔާބު އެއް ޗެއާމަން ވިދާޅުވީ މެޗުގެ ފޯރި އާއި ޖޯޝް އިތުރު ކުރުމަށް ސިޔާސީ ހުރިހާ ލީޑަރުންނަށް ވެސް މެޗަށް ދައުވަތު ދެއްވާނެ ކަމަށާއި މިހާރު ވެސް އެ މަސައްކަތް ފަށާފައިވާ ކަމަށެވެ.
އަލީ ވަހީދު ވިދާޅުވީ ރާއްޖޭގެ އަމާޒަކީ އޭޝިއަން ކަޕަށް ކޮލިފައިވުން ކަމަށާއި ފިލިފީންސާއި ގުއާމާ ދެކޮޅަށް މާލޭގައި ކުޅޭ ދެ މެޗަކީ ވޯލްޑް ކަޕް ކަމުގައި ބަލަންވީ ސަބަބަކީ މި ދެ މެޗު ކާމިޔާބުކޮށްގެން ނޫނީ ކޮލިފައިންގައި ކުރިއަށް ދިއުމުގެ ފުރުސަތު ނުލިބޭނެތީ ކަމަށެވެ.
މިހާތަނަސް ކޮލިފައިންގައި ރާއްޖެ ކުޅުނު ތިން މެޗުގެ ތެރެއިން ޗައިނާ އާއި ސީރިއާ އަތުން ބަލިވިއިރު މޮޅުވީ ގުއާމް އަތުން ރަށުން ބޭރުގައެވެ.