ޚަބަރު

އެމްޑީއެންގެ ރިޕޯޓާ ގުޅިގެން ސަރުކާރުން ފިޔަވަޅުއަޅާނެކަން ކަށަވަރު - ޤާސިމް


އިސްލާމްދީނަށާއި ކީރިތި ރަސޫލާށް ފުރައްސާރަކޮށް އެމްޑީއެން ނެރުނު ރިޕޯޓާ ގުޅިގެން ސަރުކާރުން ފިޔަވަޅު އަޅުއްވާނެކަން ކަށަވަރުވާކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ޖުމްހޫރީ ޕާޓީއަށް ޢާއްމުންގެ ބަޔަކު ސޮއިކުރުމަށް ކުނޫޒުގައިބޭއްވި ހަފްލާއެއްގައި ވާހަކަ ދައްކަވަމުން މާމިގިލީ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު ޤާސިމް ވަނީ އެމްޑީއެންއިން ނެރުނު ރިޕޯޓަށް ވަރަށް ފާޑު ވިދާޅުވެފައެވެ. ގާސިމް ވިދާޅުވީ އެ ރިޕޯޓާ ގުޅިގެން ރައީސް އިބްރާހިމް މުހައްމަދު ޞާލިހް ފިޔަވަޅު އަޅުއްވާނެ ކަމާއިމެދު ޝައްކު ނުކުރައްވާ ކަމަށެވެ.

އެމްޑީއެންގެ ރިޕޯޓްގެ މައްސަލައިގެ ތަހްގީގު ލަސް ނޫންކަމަށް ފާހަގަ ކުރައްވައި ޤާސިމް ވިދާޅުވީ އެފަދަ މައްސަލައެއް ތަހްގީގު ކުރުމަށް އެކަށީގެންވާ ވަގުތު ބޭނުންވާނެކަމަށެވެ. އަދި އެ ރިޕޯޓް ތައްޔާރުކުރި މީހުން ކޮންމެ ތާކުތިބި ނަމަވެސް އެމީހުން ގެނެސް ގާނޫނީ ފިޔަވަޅު އަޅުއްވާނެ ކަމާމެދު ޝައްކު ނުކުރައްވާކަމަށް ޤާސިމް ވިދާޅުވިއެވެ.

ގާސިމް ވަނީ އެ މައްސަލައިގައި ހަމަ އެކަނި އެ ރިޕޯޓް ތައްޔާރުކުރި ޖަމިއްޔާ އުވާލުމުން ނުފުދޭނެ ކަމަށާއި އެ ރިޕޯޓް ތައްޔާރުކުރި މީހުންނާމެދުވެސް ގާނޫނު އަސާސީގެ ދަށުން ފިޔަވަޅު އަޅަން ޖެހޭނެ ކަމަށްވެސް ވިދާޅުވެފައެވެ.