ޚަބަރު

އެކައުންޓްތައް ފްރީޒްކުރަން ނޭދުނީ އޭނާ ފްރީޒްކޮށްފާނެތީ ކަމަށް ލުތުފީ ވިދާޅުވި


އެމްއެމްޕީއާރުސީގެ ކޮރަޕްޝަންގެ ފައިސާ ޖަމާކުރި އެކައުންޓްތައް ފްރީޒްކުރުމަށް އެންޓިކޮރަޕްޝަން ކޮމިޝަން ކޮމިޝަނުގެ ރައީސަކަށް ހުންނެވިއިރު ނޭދުނީ އެގޮތައް އެދުނުނަމަ އަމިއްލަ މީހާ ފްރީޒްކޮށްލާނެތީކަމަށް އޭސީސީގެ ކުރީގެ ރައީސް ހަސަން ލުތުފީ ފުލުހުންގެ ތަހުޤީގުގައި ވިދާޅުވިކަން ހާމަވެއްޖެއެވެ.

އޭސީސީގެ ކުރީގެ ރައީސް ހަސަން ލުތުފީ އާއި ފުލުހުން ސުވާލުކޮށް ބަޔާން ނަގާފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމިންގެ މައްޗަށް ތުހުމަތުކުރެވޭ މަނީލޯންޑަރިންގެ މައްސަލާގައެވެ.

ރައީސް ޔާމިންގެ އެކައުންޓަށް އެއްމިލިއަން ޑޮލަރު ޖަމާވިކަން އެނގުނުއިރު އޭސީސީގެ ރައީސްގެ މަގާމުގައި ހުންނެވީ ލުތުފީ އެވެ. އަދި ލުތުފީ ވަނީ އެކަން ހިނގާދިޔަ ގޮތް ފުލުހުންނަށް ކިޔާދެއްވައި ބަޔާނެއް ދެއްވާފައެވެ.

އެ މައްސަލާގައި ދައުލަތުން ހެއްކެއްގެ ގޮތުގައި ލުތުފީގެ ނަން ހުށައެޅުން އެނާ ވަނީ ހެކިބަސްދޭން ދެކޮޅު ހައްދަވާ ފުލުހުން ބަޔާން ނަގާފައިވަނީ މަޖުބޫރު ހާލަތުގައިކަމަށް ވިދާޅުވެފައެވެ. އަދި ހެކިބަސް ދޭން މަޖުބޫރުކޮށް ބިރު ދެއްކި ކަމަށް ވެސް ލުތުފީ ވަނީ ވިދާޅުވެފައެވެ. ފުލުހުނަށް ދެއްވި ބަޔާނަށް ލުތުފީ އިންކާރުކުރައްވާފައިވާތީ ވީޑިއޯ ރެކޯޑިން ބެލުމަށް ޝަރީއަތުން ވަނީ ނިންމާފައިއެވެ.

ލުތުފީގެ މި ވާހަތަކާއި ގުޅިގެން ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އެ މައްސަލަގައި ލުތުފީގެ ބަޔާން ނެގި އެސިސްޓެންޓް ޕޮލިސް ކޮމިޝަނަރ މުހައްމަދު ރިޔާޒް ވިދާޅުވީ ލުތުފީ ފުލުހުނަށް ބަޔާން ދެއްވީ ރެކޯޑްކުރެވޭ ގޮތައް ކަމަށެވެ. އަދި ވަކި ގޮތަކަށް ނުފޫޒު ފޯރުވަން އެއްވެސް ކަމެއް ފުލުހުން ނުކުރާ ކަމަށް ވެސް ރިޔާޒު ވިދާޅުވި އެވެ.

"ލުތުފީ ވިދާޅުވި އޭރު އެކައުންޓް ފްރީޒްކޮށްފި ނަމަ ތިމަންނައެއް ނޫން ހޭ އޭރުން ފްރީޒް ވާނީ. އެވަގުތު ތިބޭނެ އެހެން ފުލުސް ވެސް އެތަނުގައި،" ރިޔާޒް ވިދާޅުވި އެވެ.

ރައީސް ޔާމީނާއި ދެކޮޅަށް ދައުލަތުން އުފުލާފައިވާ ދައުވާގެ އަޑުއެހުމުގައި ހެކިބަސް ދެއްވަމުން އެސީސީގެ ކުރީގެ ނާއިބު ރައީސް މުއައްވިޒު ރަޝީދު ވިދާޅުވީ އެސްއޯއެފުން ރައީސް ޔާމީންގެ އެކައުންޓަށް އެއް މިލިއަން ޑޮލަރު ޖަމާކުރި މައްސަލާގައި ރައީސް އޮފީހުގައި ލުތުފީއާއި އެކު ރައީސް ޔާމީނާއި ބައްދަލުކުރެއްވިކަމަށެވެ.

އެހެންނަމަވެސް ލުތުފީވަނީ މިވާހަކަތައްވެސް ދޮގުކުރައްވާފައެވެ. ލުތުފީ ވިދާޅުވެފައިވަނީ އެއްމިލިއަން ޑޮލަރު މައްސަލާގައި ކުރީގެ ރައީސް ޔާމީނާއި ބައްދަލުކުރައްވާފައިވެސް ނުވަތަ ފޯނުން ގުޅާ ވާހަކަވެސް ދައްކަވާފައި ނުވާކަމަށެވެ.

ލުތުފީ އެހެން ވިދާޅުވެފައިވާއިރު ރައީސް ޔާމީނާއި ދެކޮޅަށް ދައުލަތުން ކުރާ ދައުވާގެ އަޑުއެހުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވެފައިވަނީ އެއްމިލިއަން ޑޮލަރު އެކައުންޓަށް ޖަމާވިކަން އެނގިވަޑައިގަތީ ލުތުފީ ފޯނުކުރައްވާ އެވާހަކަ ވިދާޅުވުމުންކަމަށެވެ.