ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ ކުރީގެ މެމްބަރު އަހޤމަދު ނާޒިމްގެ މައްޗަށްކުރި ޖަލު ހުކުމާ ގުޅިގެން ބަދަލު ނަގާއިދިނުމަށް އެދި ސިވިލް ކޯޓަށް ހުށައެޅި މައްސަލަ އެކޯޓުން ބަލައިނުގަތުމުން އެނިންމުން ބާޠިލްކުރަން ހައިކޯޓަށް ހުށައަޅައިފިއެވެ.
ސިވިލް ކޯޓުން ނިންމާފައިވާ ނިންމުން ބާޠިލްކުރަން ހުށައެޅި މައްސަލައިގެ ފުރަތަމަ އަޑުއެހުން މިއަދު ވަނީ އެކޯޓުގައި ބާއްވާފައިއެވެ.
ނާޒިމް ރައްޔިތުންގެ މަޖިލީގެ ނައިބު ރައީސްގެ މަގާމުގައި ހުންނަވަނިކޮށް މަޖިލީހުގެ މެމްބަރުކަން ގެއްލުނީ އޭނާގެ މައްޗަށް ދައުލަތުން އުފުލި މަކަރާއި ޙީލަތްހެދުމުގެ ކުށް ސާބިތުވެ ޖަލަށްލާން ހުކުމް ކުރުމުންނެވެ. ނަމަވެސް ނާޒިމް ޖަލަށްލުމަށް 2015ގައި ސުޕްރީމް ކުރި ހުކުމް ހަމަ އެ ކޯޓުން ފަހުން ވަނީ ބަދަލުކޮށް އެ ހުކުމަކީ ގާނޫނީ ހަމަތަކާ ހިލާފަށް ނިންމާފައިވާ ނިންމުމެއް ކަމަށް ކަނޑައަޅައި އެހުކުމް މިދިޔަ އަހަރު ބާޠިލްކޮށްފައިއެވެ.
އެހެންވެ ނާޒިމް ސިވިލް ކޯޓަށް ހުށައެޅީ އޭނާއަށް ކުރި ހުކުމާއެކު އޭނާގެ ފުރައްވަމުން ގެންދެވި މެމްބަރުކަން ގެއްލުމުން ލިބުނު މާލީ ގެއްލުމުގެ ބަދަލު ހޯދުމަށެވެ. ނަމަވެސް ސިވިލް ކޯޓުގެ ރަޖިސްޓްރާ ނިންމީ އެ މައްސަލަ އެ ކޯޓަށް ބަލައިގަނެވެން ނެތް ކަމަށެވެ.
މި މައްސަލަ ހައިކޯޓުގައި ބައްލަވަނީ ފަނޑިޔާރު ޢަލީ ސަމީރާއި ފަނޑިޔާރު މުހައްމަދު ނިޔާޒާއި ފަނޑިޔާރު އަބްދުލްރައޫފެވެ. ފަނޑިޔާރުންގެ މަޖިލީހުން ވަނީ އެމައްސަލަ ރައްދުވަނީ ކޮން ފަރާތަކަށްތޯ އާއި މައްސަލަ ހުށައަޅާފައިވާގޮތާގުޅޭ ގޮތުން ބައެއް ކަންކަން ވެސް ސާފު ކުރައްވާފައެވެ.
މައްސަލައިގައި އިސްތިއުނާފު ނުކުތާއް އެއްކޮން ޝަރީއަތުގެ މަޖިލީހަށް ހުށައެޅިފައިނުވެއެވެ. އެހެން ކަމުން ދެން އޮންނަ އަޑުއެހުމުގައިވެސް އޮންނާނީ މައްސަލައިގެ އިސްތިއުނާފުކުރާ ނުކުތާތައް ޝަރީއަތުގެ މަޖިލީހަށް ހުށައެޅުމެވެ.