ރަޝިޔާގެ އަވަށްޓެރި އިރުމަތީ ޔޫރަޕްގެ ގައުމުތަކުގައި ބަރުހަތިޔާރު ރުކުރުވާލުމަށް އެމެރިކާ ނިންމާފައިވާކަން އެގައުމުގެ ދިފާޢީ ވަޒީރު އެޝްޓަން ކާޓަރ ކަށަވަރުކޮށްދެއްވައިފިއެވެ.ރަޝިޔާއާ އިން ވެގެންވާ ބޯލްޓިކް ގެ ގައުމެއް ކަމަށްވާ އެސްޓޯނިޔާއަށް ވަޑައިގެން ދެއްވި ބަޔާނެއްގައި ކާޓަރ ވިދާޅުވީ ރަޝިޔާގެ އަވަށްޓެރި އިރުމަތީ ޔޫރަޕްގެ ގައުމުތަކުގައި ރުކުރުވާލުމަށް އެމެރިކާ ނިންމާފައިވާ ބަރުހަތިޔާރުގެ ތެރޭގައި ޓޭންކާއި ބޮޑުބަޑި ހިމެނޭނެ ކަމަށެވެ.ބަރުހަތިޔާރު ރުކުރުވާލުމަށް އެމެރިކާ ނިންމާފައިވާ އިރުމަތީ ޔޫރަޕްގެ ގައުމުތަކުގެ ތެރޭގައި ބޯލްޓިކްގެ ތިންގައުމު ކަމަށްވާ އިސްޓޯނިޔާ، ލެޓްވިޔާ އަދި ލިޓުއޭނިޔާގެ އިތުރުން ބަލްގޭރިޔާ، ރުމޭނިޔާ އަދި ޕޮލެންޑް ހިމެނެއެވެ. މިއީ މުޅިންވެސް ރަޝިޔާގެ ރަޝިޔާގެ އަވަށްޓެރި ގައުމުތަކެވެ.އެމެރިކާގެ ދިފާޢީ ވަޒީރު އެޝްޓަން ކާޓަރ ވިދާޅުވާގޮތުން މިގައުމުތަކުގައި ބަރުހަތިޔާރު ރުކުރުވާލުމަށް އެމެރިކާ ނިންމީ ރަޝިޔާދެކެ އެގައުމުތައް ބިރުގަންނާތީ ރަޝިޔާގެ ބާރުގެ ކުރިމަތީގައި އަމިއްލަ ނަފްސު ދިފާޢުކުރުމަށްޓަކައި އެގައުމުތައް އެދިގެންކަމަށެވެ. މި ހަ ގައުމު ރަޝިޔާ ދެކެ ބިރުގަންނަނީ ރަޝިޔާއިން ޔުކްރޭނަށް ވަދެގަތުމާގުޅިގެންކަމަށް އެމެރިކާގެ ދިފާޢީ ވަޒީރު އެޝްޓަން ކާޓަރ ވިދާޅުވިއެވެ.ރިޕޯޓްތައް ބުނާގޮތުން ރަޝިޔާގެ އަވަށްޓެރި އިރުމަތީ ޔޫރަޕްގެ ގައުމުތަކުގައި އެމެރިކާ ބަރުހަތިޔާރު ރުކުރުވާލަނީ ރަޝިޔާގެ ސަރަހައްދީ ރޮނގާ ކައިރި ސަރަހައްދުތަކުގައެވެ. މިސަރަހައްދުތަކުގައި އެމެރިކާގެ ޓޭންކްތަކާއި ބޮޑުބަޑިތައް ރުކުރުވާލުމުގެ އިތުރުން މިބާވަތުގެ ބަރުހަތިޔާރު ގިނައަދަދަކަށް ރައްކާ ކުރުންވެސް އެމެރިކާގެ ޕްލޭންގައި ހިމެނެއެވެ.އަނެއްކޮޅުން ނޭޓޯއިންވެސް ގެންދަނީ ރަޝިޔާގެ އަވަށްޓެރި އިރުމަތީ ޔޫރަޕްގެ ގައުމުތަކުގައި އަސްކަރީ ބާރުވަރުގަދަ ކުރަމުންނެވެ. މިގޮތުން ރަޝިޔާގެ އަވަށްޓެރި ޔުކްރޭން ނޭޓޯގެ މެންބަރަކަށް ހެދުމާއި ރަޝިޔާއާ ސަރަހައްދީ ރޮނގުން ގުޅިފައިވާ ޕޮލެންޑްގައި މިސައިލް އައްޑަނައިގެ ނިޒާމެއްގެ ރާޑަރުތައް ހަރުކުރުމަށް ނޭޓޯއިން ވަނީ ނިންމާފައެވެ. އެމެރިކާއާއި ނޭޓޯގެ މިނިންމުންތަކަކީ ރަޝިޔާ އަސްކަރީ ގޮތުން ވަށާލުންކަމަށް އެގައުމުން ދެކެއެވެ.އެމެރިކާއާއި ނޭޓޯގެ މިޕްލޭންތަކަށް ރައްދު ދެއްވަމުން ރަޝިޔާގެ ރައީސް ވަލްޑިމޭރު ޕޫޓިން ދާދިފަހުންވަނީ ރަޝިޔާއަށް އަސްކަރީ ގޮތުން ނުރައްކާކުރާ ކޮންމެ ގައުމަކާ ދިމާއަށް ރަޝިޔާގެ ނިއުކްލިޔަރ ހަތިޔާރުތައް އަމާޒުކުރާނެ ކަމުގެ އިންޒާރު ދެއްވާފައެވެ. އަދި ގިނައަދަދެއްގެ ނިއުކްލިޔަރ ވޯހެޑް ހަރުކޮށްފައިވާ ސްޓްރެޓީޖިކް މިސައިލްގެ އިތުރު 28 މިސައިލް މިއަހަރުތެރޭގައި ރަޝިޔާ ސިފައިންގެ ޚިދްމަތަށްނެރެ ރަޝިޔާގެ ނިއުކްލިޔަރ ގާބިލްކަން އެތަށް ގުނައެއް އިތުރުކުރާނެކަންވެސް ރައީސް ޕޫޓިންވަނީ ހާމަކުރައްވާފައެވެ.