އަތޮޅުތައް

ކުނީގެ ސަބަބުން އޭދަފުށީގަ ބަލިމަޑު ކަމެއް އުފެދިދާނެ ކަމުގެ ބިރު


ކުނިކޮއްޓަށް އެޅޭ ކުނި ނައްތާލެވޭނެގޮތެއް ނެތުމުގެ ސަބަބުން ބ. އަތޮޅު އޭދަފުށީގައި ބަލިމަޑުކަމެއް ފެތުރިދާނެކަމުގެ ބިރުއެބައޮތްކަމަށް އެރަށު ކައުންސިލުން ބުނެފިއެވެ.އޭދަފުށީ ކައުންސިލުން ބުނީ ކުނިނައްތާލެވޭނެގޮތެއް ނެތުމުގެ ސަބަބުން މިދިޔަ ހައެއްކަ މަސްދުވަހު ކުނިއެޅި ސަރަހައްދު އެކިބާވަތުގެ ކުނިބުނިން ތަޢައްޔަރުވެފައިވާކަމުގައެވެ.އޭދަފުށީ ކައުންސިލްގެ ރައީސް އަލީ ވަހީދު ވިދާޅުވީ މިމައްސަލަ ހައްލުކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކަށް ދަންނަވަމުންދާކަމަށާއި ނަމަވެސް އަދި އެދެވޭ އިޖާބައެއް އެއްވެސް ފަރާތަކުން ނުލިބޭކަމުގައެވެ. އަލީ ވަހީދު ވިދާޅުވީ މަދިރީގެ ސަބަބުން ޖެހޭ ނުރައްކާތެރި ބަލިތައް އިތުރުވަމުންދާ މިދުވަސްވަރު މިމައްސަލައަށް ހައްލެއް ނުލިބި ދިގުލާނަމަ، ޑެންގީހުންފަދަ ނުރައްކާތެރި ބަލިތައް ހަލުވިކަމާއެކު އޭދަފުށީގައި ފެތުރުމަކީ ވަރަށް ފަސޭހަ ކަމަކަށް ވެދާނެކަމުގައެވެ.އަލީ ވަހީދު ވިދާޅުވީ ނައްތާނުލެވޭ ކުނި މެނޭޖްކުރެވޭނެގޮތެއް ހެދުމަށް އެންވަޔަރުމެންޓް މިނިސްޓްރީއަށް ތިންފަހަރެއްގެ މަތީން ލިޔެކިއުމުން ދެންނެވިފައިވާކަމަށާ، އެމިނިސްޓްރީން މިހާތަނަށް މިކަމަށް ޖަވާބެއް ދީފައި ނުވާކަމުގައެވެ.އޭދަފުށީގައި ކުނިއެޅުމަށް ބޭނުންކުރި ހުޅަނގު ދެކުނު ކުނިކޮށި ބެލެހެއްޓުން ދަތިވެގެން މިމަހުގެ ކުރީކޮޅު ރަށުކައުންސިލުންވަނީ ކުނިކޮށި އިރު ދެކުނުފަރާތަށް ބަދަލުކޮށްފައެވެ.