ޚަބަރު

ފުށުއެރުންތައް ހުރުމުން ފަނޑިޔާރު އާދަމް މުޙައްމަދުގެ ވަކީލަކަށް ޑރ.ޖަމީލް ޤަބޫލެއް ނުކުރި


ސުޕްރީމް ކޯޓުގެ ފަނޑިޔާރު އާދަމް މުޙައްމަދުގެ މައްޗަށް ތުހްމަތުކުރާ ސުލޫކީ މައްސަލައިގެ ތަޙްޤީޤުގައި ދިފާއީ ވަކީލެއްގެ ގޮތުން ކުރީގެ ނައިބު ރައީސް ޑރ. މުޙައްމަދު ޖަމީލް އަޙްމަދު ޤަބޫލު ނުކުރުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ)އިން އެ މައްސަލަ ބަލާ ކޮމެޓީން ނިންމައިފިއެވެ.

ފަނޑިޔާރު އާދަމް މުޙައްމަދުގެ މައްސަލަ ތަޙްޤީޤު ކުރުމަށް ނަގާފައިވާ ޖޭއެސްސީގެ މެމްބަރުން ހިމެނޭ ކޮމެޓީން ހުޅުވާލައިގެން މިއަދު ބޭއްވި ތަޙްޤީޤޫ މަޖިލީހުގައި ކޮމެޓީގެ މުޤައްރިރު އަދި ޖޭއެސްސީގެ ނައިބު ރައީސް މަސްތޫރު ހުސްނީ އެކަން އިޢުލާން ކުރެއްވީ ބައްދަލުވުން ފެށުމަށްފަހުއެވެ.

ފަނޑިޔާރު އާދަމް މުޙައްމަދުގެ އެދިވަޑައިގަތުމުގެ މަތިން ޓީވީން ލައިވްކޮށް އަދި އާންމުންނާއި ނޫސްވެރިންނަށް ވަދެވޭނެ ގޮތަށް ބޭއްވި އެ ބައްދަލުވުން ފެށުނީވެސް ފެށުމަށް ތާވަލުކޮށްފައިވާ ގަޑިއަށްވުރެ އެއްގަޑިއިރު ފަހުންނެވެ.

ތަޙްޤީޤު ބައްދަލުވުން ފެއްޓެވުމަށްފަހު މަސްތޫރު ވިދާޅުވީ ފަނޑިޔާރު އާދަމް މުޙައްމަދުގެ ވަކީލެއްގެ ގޮތުގައި ހަމަ ޖައްސާފައިވަނީ ޑރ.ޖަމީލް ކަމަށެވެ. ނަމަވެސް އެ ބޭފުޅުން ބެލި ބެލުމުން ޑރ.ޖަމީލް އަކީ ފަނޑިޔާރު އާދަމް މުޙައްމަދު ސުޕްރީމް ކޯޓުގައި ބައްލަވާ މައްސަލައިގައި ހިމެނޭ އެއް މުވައްކިލުކަން އެނގިފައިވާ ކަމަށާއި އެހެން ކަމުން އާދަމް މުޙައްމަދުގެ ވަކީލަކަށް ޑރ.ޖަމީލް ހަމަ ޖެއްސުން އެއީ މައްސަލައިގައި ފުށުއެރުންތަކެއް ހުރި ކަމެއް ކަމަށެވެ. ނަމަވެސް ޑރ.ޖަމީލް ވަކީލެއްގެ ގޮތުގައި ސުޕްރީމް ކޯޓަށް ވަޑައިގަންނަވާ މައްސަލައިން އާދަމް މުޙައްމަދު އަމިއްލަފުޅަށް ތަނާޒުލުވެފައިވާކަން މިހާރު ސުޕްރީމް އަންގަވާފައިވާ ކަމަށް މަސްތޫރު ވިދާޅުވިއެވެ.

ނަމަވެސް ކޯޓުގައި ފަނޑިޔާރު ބަލަމުންދާ މައްސަލައިގައި ހިމެނޭ މުވައްކިލަކު އެ ފަނޑިޔާރުގެ އެެހެން މައްސަލައެއްގައި ދިފާއީ ވަކީލެއްގެ ގޮތުގައި ހަމަ ޖެއްސުމަކީ ފުށުއެރުވުމަށް ގަސްތުގައި ކުރައްވާފައިވާ ކަމެއް ކަމަށް ޤަބޫލު ކުރެވޭތީއާއި އެގޮތައް އަމަލު ކުރައްވާފައިވުމަކީ ފަނޑިޔާރުންގެ ސުލޫކީ މައްސަލައެއް ކަމަށްވާތީ އެ މައްސަލަ ވެސް ޖޭއެސްސީން ބެލުމަށް ނިންމާފައިވާ ކަމަށްވެސް މަސްތޫރު ވިދާޅުވިއެވެ.

އާދަމް މުޙައްމަދުގެ މައްސަލަ ތަޙްޤީޤުކުރާ ކޮމެޓީން ނިންމީ އާދަމް މުޙައްމަދުގެ ދިފާއީ ވަކީލަކަށް ޑރ.ޖަމީލް ނޫން މީހަކު ހަމަ ޖައްސެވުމަށް ފުރުޞަތު ދެއްވުމަށްފަހު މާދަމާ އާދަމް މުޙައްމަދުއާ ސުވާލު ކުރުމަށް ބައްދަލުވުން ބޭއްވުމަށެވެ. އަދި އެގޮތައް އިއުލާން ކުރެއްވުމަށްފަހު ކޮމެޓީގެ މެމްބަރުން ބައްދަލުވުން ނިންމާލެއްވުމަށްފަހު ނިކުމެވަޑައިގަންނަވަން ފެއްޓެވުމުން ފަނޑިޔާރު އާދަމް މުޙައްމަދު ވަނީ ވާހަކަދެއްކެވުމުގެ ފުރުޞަތަކަށް އެދިވަޑައިގެންފައެވެ. އަދި މެމްބަރުން ވަޑައިގަންނަވަމުން ގެންދެވިއިރު އާދަމް މުހައްމަދު އާއި ޑރ. ޖަމީލް ވަނީ އެކަމާ އިއުތިރާޒު ކުރައްވާ ވާހަކަ ދައްކަވާފައެވެ. އާދަމް މުޙައްމަދު ވަނީ ވަކީލެއްގެ ހައްޤު ލިބެންވާނެ ކަމަށާއި ޑރ.ޖަމީލް ކޯޓަށް ހުށައަޅުއްވާފައިވާ މައްސަލައިން ތަނާޒުލްވެ ވަޑައިގެންފައިވާ ކަމަށް ވިދާޅުވެފައެވެ.

އާދަމް މުހައްމަދުގެ މައްސަލަ ތަހްގީގު ކުރާ ކޮމެޓީގައި ތިއްބެވީ ޖޭއެސްސީގައި ނައިބު ރައީސް މަސްތޫރާއި ބަންޑާރަނައިބު އިބްރާހިމް ރިފްއަތާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ފަރާތުން ޖޭއެސްސީގައި އިންނަވާ ހިސާން ޙުސެއިންނާއި ސިވިލް ސަރވިސް ކޮމިޝަނުގެ ރައީސް ޑރ.އަލީ ޝަމީމްގެ އިތުރުން ޤާނޫނީ ވަކީލުންގެ ފަރާތުން ޖޭއެސްސީގައި އިންނަވާ މެމްބަރު ޢަބްދުލް މާނިއު ޙުސައިންއެވެ.