ދުނިޔެ

ޕާކިސްތާނުގެ ފިނިހޫނުމިން ދަށަށްދާން ފަށައިފި


ޕާކިސްތާނަށް ދެކުނުގެ ސަރަހައްދުތަކަށް ކުރިމަތިވެފައިވާ ހޫނުގެ ސަބަބުން މަރުވި މީހުންގެ އަދަދު ނުވަސަތޭކައަށް ވުރެ މައްޗަށް ގޮސްފައިވަނިކޮށް ފިނިހޫނުމިން ދަށަށްދާން ފަށައިފިކަން އެގައުމުން ހާމަކޮށްފިއެވެ.މޫސުމާބެހޭ ޕާކިސްތާނުގެ އިދާރާއިން ބުނީ ފިނިހޫނުމިން އެންމެ މައްޗަށްދިޔަ ސިންދު ޕްރޮވިންސާއި އެނޫން ސަރަހައްދުތަކުގެ ފިނިހޫނުމިން ދަށަށްދާން ފަށައިފި ކަމަށާ މޫސުން މިހާރު ބަދަލުވަމުންދާ ކަމަށެވެ. ފާއިތުވި ދެތިންދުވަހު ސާޅީސް ހައެއް ޑިގްރީ ސެލްސިޔަސް އަށް ފިނިހޫނުމިން މައްޗަށްދިޔަ ސިންދު ޕްރޮވިންސްގައި މިހާރު ފިނިހޫނުމިން ސާޅީސް ޑިގްރީ ސެލްސިޔަސް އަށްވުރެ ދަށަށް ގޮސްފައިވާ ކަމަށްވެސް މޫސުމާބެހޭ ޕާކިސްތާނުގެ އިދާރާއިން ބުނެއެވެ.ޕާކިސްތާނަށް ދެކުނުގެ ސަރަހައްދުތަކަށް ކުރިމަތިވި ހޫނުގެ ސަބަބުން އެތަށް ސަތޭކަ ބަޔަކު މަރުވެފައިވާތީ އާންމުންގެ ޙިމާޔަތުގައި އަވަސް ފިޔަވަޅުތަކެއް އެޅުމަށް އެގައުމުގެ ބޮޑުވަޒީރު ނަވާޒް ޝަރީފް ވަނީ ސަރުކާރުގެ އިދާރާތަކަށް ޚާއްސަ އަމުރެއް ކުރައްވާފައެވެ.