ކުޅިވަރު

ވަރުގަދަ މެޗުތަކާއި ކުރިމަތިލާއިރު ރާއްޖެއިން ބޭރުގައި ތަމްރީން ހެދުން މުހިއްމު: ޝިފާއު


ވަރުގަދަ މެޗުތަކާއި ކުރިމަތިލާއިރު މާލޭއިން ބޭރުގައި ޓީމް އެއްކޮށް ތަމްރީންކުރުން މުހިންމުކަމަށް ޤައުމީ ފުޓްބޯޅަ ޓީމްގެ ޑިފެންޑަރު ހުސައިން ޝިފާއު ޔޫސުފް ބުނެފިއެވެ.

ވަރލްޑް ކަޕް އަދި އޭޝިއަން ކަޕްގެ ޖޮއިންޓް ކޮލިފައިންގައި ފިލިޕީންސްއާއި ގުއާމްއާއި ދެކޮޅަށް މާލޭގައި ކުޅޭ 2 މެޗަށް ޤައުމީ ޓީމް އަންނަނީ މެލޭޝިއާގައި ތަމްރީން ހަދަމުންނެވެ. މިއަދު ހެނދުނުގެ ތަމްރީންތަކަށްފަހު ކުޅުންތެރިންގެ ފިޒިކަލް ސްޓްރެންތް ވަރުގަދަ ކުރުމަށް ކޮންމެ ދުވަހަކު ޖިމް ޝެޝަންތަކެއްވެސް އަންނަނީ ކުރިއަށް ގެންދަމުންނެވެ.

މި ތަމްރީންތަކާއި ގުޅޭ ގޮތުން ވާހަކަދައްކަމުން ޤައުމީ ޓީމްގެ ޑިފެންޑަރު ހުސައިން ޝިފާއު ޔޫސުފް ބުނީ ކުޅުންތެރިން ތިބީ ވަރަށް ޖޯޝާއި ފޯރީގައިކަމަށާއި، ތަމްރީންތައްދަނީ ވަރަށް ރަނގަޅަށްކަމަށެވެ. ވަރުގަދަ މެޗުތަކަށް ކޭމްޕްތަކަށްގޮސް ކުރާ ތަމްރީންތައް މުހިންމުކަން ފާހަގަކުރަމުން ޝިފާއު ބުނީ ޓީމު އެއްކޮށް އެއްބައެއްގެ ގޮތުގައި ޓީމްގެ ރޫހު ވަރުގަދަކުރަން މިކަހަލަ ކޭމްޕްތައް މުހިންމުކަމަށެވެ.

އޭނާ ބުނީ މިފަހަރު ސްކޮޑާއި ގުޅުނު ކުޅުންތެރިންނާއިއެކު އަނެއްކާވެސް ޓީމް ވަރުގަދަވެއްޖެކަމަށާއި، ކުރިއަށް އޮތް ދެ މެޗުގައި ރަނގަޅު ނަތީޖާއެއް ހޯދޭނެކަމަށް އުއްމީދުކުރާކަމަށެވެ. ޝިފާއު ބުނީ ޓީމަށް މިވަގުތު އެންމެންގެ ސަޕޯޓް ވަރަށް މުހިންމުކަމަށާއި ޓީމްގެ 12 ވަނަ ކުޅުންތެރިޔާ ޓީމް އެނބުރި ދާއިރު ތަފާތު ގޮތަކަށް ވަރުގަދައަށް ފެންނާނެކަމަށް އުއްމީދުކުރާކަމަށެވެ.

"ވަރަށް ރަނގަޅު އޮޕަޗުނިޓީއެއް މީ. ވަރަށް މުހިއްމު ދެ މެޗު މީ ދޯ. އެހެންވީމަ ވަރަށް ރަނގަޅު އޮޕަޗުނިޓީއެއް މީ ދެން މި ކޮޅުގައި ރަނގަޅަށް ދަނީ ހަމަ. ދެން ފުރަތަމަ ދެ ދުވަހު ދެން ތަންކޮޅެއް ޓަޔަޑުކޮށް ދިޔައީ. އެހެންވީމަ އޯކޭ ވާނެކަމަށް މި ބަލަނީ ހުރިހާކަމެއްވެސް. ދެން ވަރަށް ބޮޑު ހިތްހަމަޖެހުމެއް ޓީމުގެ 12 ވަނަ ކުޅުންތެރިޔާ ޓީމާއެކު އޮތުން އެއީ ދެން ވަރަށް ރަނގަޅު. ދެން ސަޕޯޓަރުންގެ އަބަދުވެސް އެގޮތަށް ތިބީއާއި ވާނެ. ދެން ފުޓްބޯޅަ މިހާ އަޑިއަޅާލާފައި އޮތް ދަނޑި ވަޅުގައި ސަޕޯޓަރުންގެ އެހީ ވަރަށް ބޭނުން". ޝިފާއު ބުންޏެވެ.

ކޮލިފިކޭޝަނުގައި ރާއްޖެ ހިމެނޭ ގްރޫޕް އޭގެ އެއްވަނައިގައި 9 ޕޮއިންޓާއެކު އޮތީ ސީރިއާ އެވެ. ދެވަނައިގައި 7 ޕޮއިންޓާއެކު ޗައިނާ އޮތްއިރު، ތިންވަނައިގައި 4 ޕޮއިންޓާއެކު އޮތީ ފިލިޕީންސް އެވެ. އަދި 3 ޕޮއިންޓާއެކު ރާއްޖެ ފަސްވަނައިގައި އޮތްއިރު، ފުލުގައި ގުއާމް އޮތީ ޕޮއިންޓެއް ނުލިބިއެވެ.