ކީރިތި ޤުރުއާނުގައި ﷲ ވަނީ އިންސާނާގެ ވަށައިގެންވާ ކަންކަމަށް ބަލައި ވިސްނާ ފިކުރު ކުރުމަށާއި އެއިން ޢިބުރަތް ޙާޞިލު ކުރުމަށް އިންސާނުންނަށް އަންގަވާފައެވެ. އެ އިލާހުވަނީ ވިސްނާ ފިކުރުކުރާ މީހުންނަށް މެނުވީ އެ އިލާހުގެ އާޔަތްތަކާއި އެއިން ދޭހަވާ ކަންކަން ދެނެގަނެ އެއިން ޢިބުރަތް ޙާޞިލު ނުކުރެވޭނެކަން އަންގަވާފައެވެ.
ކީރިތި ޤުރުއާން ކިޔަވަންވީ އޭގެ ދެލިގަނޑު ކިޔަވާލުމުގެ ބޭނުމުގައި އެކަންޏެއް ނޫނެވެ. އޭގެ މާނައާއި މެދު ފުންކޮށް ވިސްނައި ފިކުރުކޮށް އޭގެ ޙަޤީޤީ މާނަ ދެނެގަންނަންޖެހެއެވެ. ޙަޤީޤީ ޤުރުއާނުގެ ޢިލްމުގެ ތެރެއަށް ވަދެވިއްޖެ މީހަކަށް އޭގެ ފޮނި މީރުކަން އިޙުސާސް ކުރެވޭނެއެވެ. ޤުރުއާނުގައިވާ މުޢުޖިޒާތްތައް އޭގެ ޙަޤީޤީ މާނައިގައި ދެނެގަނެވޭނެއެވެ. އަދި ކީރިތި ޤުރުއާނަކީ މީގެ 1400 އެތައް އަހަރެއް ކުރިން ބާވައިލެއްވުނު ފޮތެއްކަމަށާއި، މިޒަމާނަށް ފެތޭނެ ފޮތެއް ނޫންކަމަށް ބުނާމީހުންނަށް ޤުރުއާނުން ރައްދު ދެވޭނެެވެ. އެހެނީ މީގެ ސާދަސަތޭކަ އެތައް އަހަރެއް ކުރިން ބާވައިލެއްވުނު ޤުރުއާނުގައިވާ ޙަޤީޤަތްތައް މިއަދުގެ ސައިންސްގެ ހޯދުންތަކުން އިތުރަށް ސާބިތުވަމުން ދާތީއެވެ. ދާދި މިދާކަށްދުވަހު ހޯދުނު މިފަދަ ދެތިން ކަމަކަށް ބަލާލާނަމެވެ.
އުޑަކީ ރައްކާތެރި ކުރައްވާނޭ ސިފަތަކެއް އޭގެ ޒާތުގައިވެސް އޭގައި އެކުލެވިގެންވާ ފުރާޅެއްފަދަ އެއްޗެއްކަން ސައިންޓިސްޓުންނަށް އެނގުނީ ވިހިވަނަ ޤަރުނުގައެވެ. ސޫރަތުލް އަންބިޔާގެ ބައްތިރީސްވަނަ އާޔަތުގައި މާތް ﷲ ވަޙީކުރެއްވި ބަސްފުޅުގެ މާނައިގައިވަނީ "އަދި ރައްކާތެރި ކުރައްވާފައިވާ ފުރާޅެއްކަމުގައި، ތިމަންރަސްކަލާނގެ އުޑު ލެއްވީމެވެ. އަދި އެއުރެންނަކީ އެތާނގެ (އިރުހަނދާއި، ތަރިތައްފަދަ) ހެކިތަކަށް ފުރަގަސްދޭ ބަޔެކެވެ."
އުޑަކީ އިންސާނުންގެ ހިތްތަކަށް އުފާވެރިކަން ގެނެސްދޭ ރީތި އެއްޗެއްގެ އިތުރުން އިންސާނުންގެ ދެމި ތިބުމަށް ނުހަނު މުހިންމު ދައުރެއް އަދާކުރާ އެއްޗެކެވެ. އިރުގެ އަލި ދައުރު ކުރަނީ ތަފާތު ދިގުމިނުގެ ރާޅުތަކެއްފަދަ އަލި ދޯދިތަކަކުންނެވެ. މި ދޯދިތަކުގެ ދިގުމިން ކުރުވި ވަރަކަށް އޭގެ ގެއްލުން ބޮޑުވެއެވެ. އެހެނަސް ހަކަތައިން ފުރިފައިފާ މި ކުރު އަލިދޯދި ތަކަކީ ގަސްގަހާގެހީގެ ކާނާ އުފެއްދުމުގެ އިތުރުން އިންސާނުންގެ ހަށިގަނޑަށް ބޭނުންވާ ވިޓަމިން ޑީ ފަދަ ތަފާތު ވިޓަމިންތައް އުފެއްދުމަށް ނުހަނު ބޭނުންތެރި އެއްޗެކެވެ.
ކީރިތި ﷲ ވަނީ ގެއްލުންހުރި ގޮތުގައި އިރުގެ ނުރައްކާތެރި ދޯދިތައް ދުނިޔެއަށް ނުފޯރާނެ ގޮތަށް ކަންކަން އިންތިޒާމު ކުރައްވާފައެވެ. މި ގޮތުން ދުނިޔެ ރައްކާތެރި ކުރެއްވުމަށް ލައްވަވާފައިވާ އެކައްޗަކީ އޯޒޯން ފަށަލައެވެ. ރައްކާތެރިކަމުގެ މި ފަށަލަ އިންސާނުންނަށް ދެނެގަނެވުނީ އޮނަވިހި ސަތޭކަ ތޭރަ ވަނަ އަހަރުއެވެ. މީގެ އިތުރުން އިންސާނުންގެ ވަށައިގެންވާ ޖައްވު ވަނީ އިންސާނުން އުޅެން އެންމެ އެކަށީގެންވާ ފިނިހޫނުމިނުގައި ލައްވަވާފައެވެ. މިފަދައިން މިކަންކަން ރާއްވަވައި އިންތިޒާމް ކުރައްވާފައި ނުވާނަމަ ދުނިޔޭގެ ފިނިހޫނުމިން މައިނަސް ދުއިސައްތަ ހަތްދިހަ ޑިގްރީއަށް ދަށަށް ދިއުން އެކަށީގެންވެއެވެ. މިހެން މިކަން ވެއްޖެނަމަ ދުނިޔޭގައިވާ އެންމެހާ ދިރުންތައް ގަނޑުވެ ނެތި ފަނާވެގެންދާނެެއެވެ.
މި ކާއިނާތުގައި ލައްވަވާފައިވާ ނުރައްކާތެރި އެތައް ބައިވަރު އެއްޗެއް ދުނިޔޭގައި ނުޖެހޭނެހެން ނުވަތަ ދުނިޔެއަށް ނުވެއްޓޭނެހެން ހިފެހެއްޓެނީ އުޑުގެ ސަބަބުންނެވެ. ދުނިޔޭގެ އުޑު ނުވާނަމަ، ނުވަތަ އިރާއި ހަނދު އޭގެ މަޤާމުގައި ދެމި ތިބުމަށް ކީރިތި ﷲ އަންގަވައި އަމުރު ކުރައްވާފައި ނުވާނަމަ ދެން ވާނީ ކިހިނެއްތޯ؟ އެ އެއްޗެތި އިންސާނުންގެ ދުނިޔެއަށް މީސްތަކުންގެ ބޮލަށް ވެއްޓި ކޮންމެ ދުވަހެއްގެ ދިރިއުޅުމުގައި އެތަކެއްހާސް ކާރިސާއެއް ކުރިމަތިވެ މި ބިން ނެތި ފަނާވެދާކަށް ލަހެއް ފަހެއް ނުވާނެއެވެ.
ފަރުބަދައަކީ ދުނިޔެ ހިފަހައްޓައިދޭ އެއްޗެކެވެ. ކީރިތި ﷲ އެ އިލާހުގެ ބަސްފުޅުގައި ވަޙީ ކުރައްވާފައިވަނީ "ދުނިޔޭގައި ފަރުބަދަތައް ލެއްވެވީ ދުނިޔެ ހިފެހެއްޓުމަށް ކަމުގައެވެ. އެގޮތުން ކީރިތި ޤުރުއާނުގެ ސޫރަތުލް އަންބިޔާގެ އެއްތިރީސްވަނަ އާޔަތުގައި މާތް ﷲ ވަޙީކުރެއްވި ބަސްފުޅުގެ މާނައިގައިވަނީ "އަދި އެއުރެންނާއިގެން އެ ބިން، ތެޅިފޮޅިގެންފާނެ ކަމަށްޓަކައި، ހަރުލައި ހުންނަ ފަރުބަދަތައް، ތިމަންރަސްކަލާނގެ ބިމުގައި ލެއްވީމެވެ. އަދި އެ ބިމުގައި، ބޮޑެތި ތަނަވަސް މަގުތައް ލެއްވީމެވެ. (އެއީ) އެއުރެންނަށް މަގު އެނގުމަށްޓަކެވެ.".
ދުނިޔެއަކީ އަބަދުވެސް ނުހަނު ބާރަށް އެނބުރެމުންދާ ގުރަހައެކެވެ. އިންސާނުންނަށް އެކަން އިޙުސާސްވިޔަނުދީ ހިފެހެއްޓިގެންދަނީ ބޮޑެތި ފަރުބަދަތައް ދުނިޔޭގައި ލައްވަވާފައިވާތީއެވެ. މިކަން މީގެ ސާދަސަތޭކަ އެތައް އަހަރެއް ކުރިން ކީރިތި ﷲގެ ވަޙީ ބަސްފުޅުގައި އަންގަވާފައި ވީނަމަވެސް ބުއްދީގެ މައްޗަށް އެކަނި ބަރޯސާވެ އީމާންވާ ބައެއް އިންސާނުންނަށް މިކަން ދެނެގަނެވުނީ ދާދިފަހުން ޖިއޮލޮޖިސްޓުން ނުވަތަ ބިމުގެ ދިރާސާކާރުން ފަރުބަދަތަކުގެ މޫތައް ބިމުގެ އެންމެ އެތެރެއަށް ދެމި ހަރުލާފައި ވާކަން ދެނެގަތުމުންނެވެ.
ނުނިމޭ....