ޚަބަރު

ޑީޖޭއޭ ބާރުތަކަށް ސުޕްރީމް ކޯޓުން އަރައިގަންނަމުންދާ ކަމުގެ ތުހުމަތު


ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ)އިން ކުރަމުންދާ މަސައްކަތްތަކަށް ނުފޫޒު ފޯރުވާ އެތަނުގެ މުވައްޒަފުންނަށް އުއްތަމަ ފަނޑިޔާރު އިސްކޮށް ހުންނަވައިގެން ސުޕްރީމް ކޯޓުން ބިރު ދައްކަމުންދާ ކަމަށްބުނާ މައްސަލަ ބެލުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމެޓީން ނިންމައިފިއެވެ.

ޖުޑީޝަރީ ކޮމެޓީން ބޭއްވި ބައްދަލުވުމެއްގައި އެ ކޮމެޓީގެ މުޤައްރިރު މާފަންނު އުތުރު ޑާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ ވަނީ ޑީޖޭއޭއަށް ލިބިފައިވާ ބާރުތަކަށް އަރައިގަތުމަށް އުއްތަމަ ފަނޑިޔާރާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު މަސައްކަތް ކުރަމުންދާކަމުގެ މަޢުލޫމާތު ލިބެމުންދާ ކަމަށާ، އަދި ސުޕްރީމް ކޯޓުގެ އިސް މުވައްޒަފުންނަށް އުއްތަމަ ފަނޑިޔާރު ބިރު ދައްކައި އިންޒާރުތައް ދެމުންދާ ކަމުގެ މަޢުލޫމާތުވެސް ލިބެމުންދާ ކަމަށެވެ.

އަދި ޖޭއެސްސީގެ މަސްއޫލިއްޔަތުތަކާއި ބާރުތަކަށް ނުފޫޒު ފޯރުވައި ބާރު ފޯރުވުމަށް މަސައްކަތް ކުރަމުންދާކަމުގެ މަޢުލޫމާތުތައް ލިބޭކަމަށް އިމްތިޔާޒު ފާހަގަ ކުރެއްވިއެވެ. އެ މަޢުލޫމާތުތައް އެގޮތައް ލިބެމުންދާތީ ޖުޑިޝަރީ ކޮމެޓީން އެމައްސަލާގައި ޢަމަލުކުރާނެ ގޮތެއް ކަނޑައަޅައިދޭން އިމްތިޔާޒު ވަނީ އެދިވަޑައިގެންފައެވެ.

މިމައްސަލާގައި ވާހަކަފުޅުދައްކަވަމުން ކޮމެޓީގައި ހިމެނިވަޑައިގަންނަވާ ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މަޙްމޫދު ވިދާޅުވީ އެއީ ކަންބޮޑުވާންޖެހޭ ބޮޑު މައްސަލަތަކެއް ކަމަށާ އެކަން އެގޮތައް ހިނގަމުންދާކަން އެކޮމެޓީން ސާފުކުރަންޖެހޭނެ ކަމަށެވެ. އެހެން ކަމުން އެމަޢުލޫމާތުތަކާ ގުޅިގެން އެކަން އެގޮތައް ހިނގަމުންދޭތޯ އެކޮމެޓީއަށް ސާފުކޮށްދިނުމަށް ޑީޖޭއޭ އަށާ، ޖޭއެސްސީއަށް އެންގުމަށާ، އެކަމާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅެއް އެޅުމަށް ޖޭއެސްސީއަށް އެންގުމުގެ އިތުރުން އެކަންކަން ސާފުވުމުން ޖުޑިޝަރީ ކޮމެޓީން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ފާސްކުރަން ޖިހާން ހުށައެޅުވިއެވެ. އަދި އެހުށައެޅުން ކޮމެޓީގައި ތިއްބެވި ހުރިހާ މެމްބަރުންގެ އިއްތިފާގުން ވަނީ ފާސްވެފައެވެ.

މިކޮމެޓީގައި ބައިވެރިވަޑައިގެންނެވި ހުރިހާ މެމްބަރުންވެސް ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ޢަމަލުތަކާމެދު ކަންބޮޑުވުން ފާޅު ކުރައްވާފައެވެ. އަދި މީގެ ކުރިންވެސް ސުޕްރީމް ކޯޓުން ޖޭއެސްސީގެ މަސައްކަތްތަކަށް ނުފޫޒު ފޯރުވައި ޤާނޫނާ ޚިލާފަށް ޢަމަލުކޮށްފައިވާކަން އެކޮމެޓީއަށް ފާހަގަ ކުރެވިފައިވާ ކަމަށް ވިދާޅުވިއެވެ.

މިބައްދަލުވުމަށް ވަޑައިގެންނެވި ނައިފަރު ދާއިރާގެ މެމްބަރު އަޙްމަދު ޝިޔާމަށް ކޮމެޓީގެ ބަހުސްގައި ވާހަކަ ދެއްކެވުމަށް ކޮމެޓީގެ މުގައްރިރު ފުރުސަތު ދެއްވުމުން އޭނާ ވަނީ ކޮމެޓީން އެ ބައްދަލުވުން ބާއްވަނީ ޖުޑިޝަރީއަށް ނުޒޫފު ފޯރުވުމަށް ކަމަށް ވިދާޅުވެ ނުރުހުން ފާޅުކުރައްވާފައެވެ. އަދި ޖޭއެސްސީއަށް ވެސް ވަރަށްބޮޑަށް ފާޑު ވިދާޅުވެ އޭނާ ވާހަކަ ދެއްކެވިއެވެ.