ކުޅުދުއްފުށީގައި އާ 9 މަޝްރޫޢެއް އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓްގައި ހިމަނައިފިއެވެ.
މީގެ ތެރޭގައި ހިމެނޭ މުހިންމު މަޝްރޫއުތަކަށް ބަލާއިރު ކުޅުދުއްފުށީ ރީނަޖަލް ހޮސްޕިޓަލް ޓާޝިއަރީ ފެންވަރަށް ބަދަލުކުރުމަށް އަންނަ އަހަރުގެ ބަޖެޓްގައި ހިމަނާފައިވާ 51 މިލިއަން ރުފިޔާ ގެ މަޝްރޫޢާ ކުޅުދުއްފުށީ މަގުތައް ރަނގަޅު ފެންވަރަކަށް ހެދުމުގެ ދެވަނަ ބުރެއް ފެށުމަށް ބަޖެޓްގައި ހިމަނާފައިވާ 4.7 މިލިއަން ރުފިޔާގެމަޝަރޫޢު ހިމެނެއެވެ.
އަދި ހދ އަތޮޅު ތަޢުލީމީ މަރުކަޒުގައި އަންނަ އަހަރު 12 ކުލާސް ރޫމާއި އޮފީސް އިމާރާތް ހެދުމަށް 7.4 މިލިއަން ރުފިޔާގެ މަޝްރޫޢަކާއި، އެރަށު އިމިގްރޭޝަން އޮފީސް އިމާރާތެއް ހެދުމަށް 2.8 މިލިއަން ރުފިޔާ ގެ މަޝްރޫޢެއް ހިމާނާފައި ވެއެވެ. އެރަށު މަގުތަކުގައި ފެން ހިންދާ ނިޒާމެއް ޤާއިމް ކުރަން، ފަސް ލައްކަ ރުފިޔާ ގެ މަޝްރޫޢަކާއި، ފަޔަރ ސްޓޭޝަން ވެހިކަލް ގަރާޖެއް ހެދުމަށް 6 ލައްކަ ރުފިޔާގެ މަޝަރޫޢެއް ހިމަނާފައި އެވެ. އިމިގްރޭޝަން އޮފީސް އިމާރާތް ހެދުމުގެ މަޝްރޫޢަކީ އެކިއަހަރުމަތިން ބަޖެޓްކުރެވި އެމަސައްކަތް ނުކުރެވި ހުރުމުން އަލަށް އެކުލަވާލި ބަޖެޓްގައި ހިމެނިފައިވާ މަޝްރޫއެއްކަން ފާހަގަ ކުރެވެއެވެ.
އަލަށް ފަށާ އެހެނިހެން މަޝްރޫއުތަކަށް ބަލާއިރު އެރަށު ހޮސްޕިޓަލުގެ އިމަރޖެންސީ އޮޕަރޭޝަން ސެންޓަރު ޤާއިމުކުރުމާއި ޖުވެނައިލް ޑިޓެންޝަން ސެންޓަރު ގާއިމުކުރުމަށް 1.8 މިލިއަންރުފިޔާގެ މަޝަރޫޢެއް ހިމަނާފައިވެ އެވެ. އަދި މެރީނާއާއި، ޔޮޓިންގް ފެސިލިޓީސް ޤާއިމުކުރުމަށްވެސް ހިމަނާފައި ވެއެވެ. މެރީނާއާއި، ޔޮޓިންގް ފެސިލިޓީސް މަޝްރޫއުއަކީ ރާއްޖޭގެ ފަސް ސަރަހައްދެއްގައި ހިންގުމަށް ހަމަޖެހިފައިވާ މަޝްރޫޢު ތަކެކެވެ.
މީގެ އިތުރުން ކުޅުދުއްފުއްޓަކީ އާރބަން ސެންޓަރެއްގެ ގޮތުގައި ތަރައްގީކުރަން ނިންމާފައިވާ ރަށަކަށްވާތީ އަރބަން ޑިވެލޮޕްމަންޓް ރެސިލިއަންސް ޕްރޮޖެކްޓްތައް ބަޖެޓް ޓެންޑަރިންގ ގައި ހިމަނާފައިއެވެ.
މިއަހަރު ޕްރީ ޓެންޑަރިންގ ގެ މަޝްރޫއުތަކަށް ބަލާއިރު އަފީފުއްދީން ސްކޫލުގެ ވަށާފާރު ރޭނުމާއި ހދ އަތޮޅު ތައުލީމީ މަރުކަޒުގެ 12 ކުލާސް ރޫމުގެ މަސައްކަތާއި ފުޓްބޯޅަ ދަނޑު ތަރައްގީކުރުމާއި އައުޓްޑޯރ ޖިމް ހެދުމާއި މަގުތަކުގައި ސްޕީޑް ބުރޭކަރު ހަރުކުރުމުގެ މަޝްރޫޢުތައް ހިމަނާފައިވެއެވެ.
މިޕްރޮޖެކްޓްތަކަކީ ރަށަށް ކުރިއެރުމާ ތަރައްގީ މަގުފަހިވެގެންދާނެ ޕްރޮޖެކްޓް ތަކަކަށްވާތީ މިމަޝްރޫޢުތައް ވެގެންދާނީ ކުޅުދުއްފުށީ ރައްޔިތުންގެ އުއްމީދު ތަކަކާ ގުޅިފައިވާ މަޝްރޫޢު ތަކަކަށެވެ. .