ޚަބަރު

ކްރިމިނަލް ކޯޓުގެ ހިންގުން ގާޒީ ޢަލީ ރަޝީދާ ހަވާލުކޮށްފި


ކްރިމިނަލް ކޯޓުގެ ހިންގުން ވަގުތީ ގޮތުން ޤާޟީ ޢަލީ ރަޝީދުއާ ޙަވާލުކުރުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަނުން ނިންމައިފިއެވެ.

ކްރިމިނަލް ކޯޓު ހިންގުން ވަގުތީ ގޮތުން އެހެން އިސް ޤާޟީއަކާ ހަވާލުކުރެއްވީ ކްރިމިނަލް ކޯޓުގެ އިސް ޤާޟީ އަޙްމަދު ހައިލްމްއާ ގުޅޭގޮތުން ކޮމިޝަނުން ބަލަމުންދާ ސުލޫކީ މައްސަލައާ ގުޅިގެން އޭނާ ސަސްޕެންޑްކުރުމަށް ނިންމުމާ ގުޅިގެން ގެންނެވެ.

ހައިލަމް ސަސްޕެންޑް ކޮޮށްފައިވަނީ ނަސްރުގެ ދުވަހުގެ ތަހްނިޔާގެ މެސެޖެއްގެ ގޮތުގައި ކްރިމިނަލްކޯޓުގެ މުވައްޒަފުން ތިބޭ ވައިބާ ގްރޫޕަކަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަދި އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދުގެ ކަރުފުޅުގައި ޗޭނުޖަހާ ދަމާފައި ގެންދާތަން ދައްކުވައިދޭ ކުރެހުމެއް ގާޒީ އަޙްމަދު ހައިލަމް ވައިބަރ ގުރޫޕަކަށް ފޮނުއްވި މައްސަލަ ބަލަމުންދާތީއެވެ.

ޖޭއެސްސީން ވިދާޅުވީ ކްރިމިނަލް ކޯޓުގެ އިސްޤާޒީ ހައިލަމްގެ ސުލޫކީ މައްސަލަ ބަލަން ނިންމައި އެ ކޮމިޝަނަށް ހާޒިރުވުމަށް އެންގުމުން އެ ކޮމިޝަނަށް ހާޒިރުވެވަޑައިގަތުމަށް އުޒުރުވެވަޑައިގަންނަވާކަން ސިޓީއަކުން ހައިލަމް އަންގާފައިވާ ކަމަށެވެ. ހައިލަމް ސަސްޕެންޑް ކުރުމަށް ކޮމިޝަނުން ނިންމެވި ސަބަބު ބަޔާންކޮށް ޖޭއެސްސީން ނެރުނު ނޫސްބަޔާނުގައި ވިދާޅުވެފައިވަނީ އެ ކޮމިޝަނަށް ހާޟިރުނުވުމަށް ހައިލަމް ދީފައިވާ ސަބަބަކީ މަޤުބޫލު ސަބަބެއްކަމަށް ޤަބޫލުކުރެވޭފަދަ ސަބަބެއް ނޫން ކަމަށެވެ.