ޚަބަރު

އެމްޑީއެން އުވާލަން ނިންމުމުން ޝައިޚް އިލްޔާސްގެ ތަޢުރީފު ރައީސަށް


އިސްލާމް ދީނަށާއި ކީރިތި ރަސޫލާއަށް ފުރައްސާކޮށް ރިޕޯޓް ނެރުނު އެމްޑީއެން އުވާލުމަށް ސަރުކާރުން ނިންމެވި ނިންމުމަށް މަޝްހޫރު ދީނީ އިލްމްވެރިޔާ ޝެއިހް އިލްޔާސް ޙުސެއިން މަރުޙަބާ ވިދާޅުވެއްޖެއެވެ.

އެމްޑީއެން އުވާލަން ސަރުކާރުން ނިންމާފައިވާ ނިންމުމަށް މަރުޙަބާ ދަންނަވައި ޝައިޚް އިލްޔާސް ކުރެއްވި ޓުވީޓެއްގައި އެމްޑީއެން އުވާލުމަށް ރައްޔިތުންކުރި އިލްތިމާސް އަޑު އައްސަވައި އެކަން ތަޙްގީގުކޮށް އެ ޖަމްޢިއްޔާ އުވާލީތީ ﷲ އަށް ޝުކުރު ވެރިވާ ކަމަށް ވިދާޅުވެފައިވެއެވެ. އަދި ރާއްޖޭގެ އިސްލާމީ ވަހްދަތު ހިފެއްޓުމަށް ރައީސް އިބްރާހިމް މުޙައްދު ޞާލިޙް ގެންގުޅުއްވަނީ ހިކްމަތްތެރި އުސޫލެއް ކަމަށް ވިދާޅުވެ ޝައިޚް އިލްޔާސް ވަނީ އެކަމަށް މަރުހަވާ ވިދާޅުވެފައެވެ.

ޔޫތު މިނިސްޓްރީން މިއަދު ނެރުއްވި ނޫސް ބަޔާނެއްގައި ވިދާޅުވެފައިވަނީ ފުލުހުންނާއި އިސްލާމިކް މިނިސްޓްރީއާއި ޔޫތު މިނިސްޓްރީ ގުޅިގެން ކުރި މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން އެމްޑީއެންގެ ރިޕޯޓްގައި އިސްލާމްދީނުގެ އަސްލުތަކާއި ޚިލާފް ވާހަކަތައް ހިމަނާފައިވާކަން ކަށަވަރުވެފައިވާކަމަށެވެ. އެހެންކަމުން އެމްޑީއެންގެ ރަޖިސްޓްރީ އުވާލަން ނިންމާފައިވާކަން އެ ޖަމްޢިއްޔާއަށް އަންގާފައިވާކަމަށާއި، އެ ޖަމްޢީއްޔާ އުވާލުމަށްޓަކައި އެ ޖަމްޢިއްޔާގެ ދަރަންޏާއި މުދަލުގެ އެންމެހާ ކަންކަން ހަމަޖައްސުމަށް 45 ދުވަހުގެ މުހުލަތެއް ދިނުމަށްފަހު އުވާލަން ނިންމާފައިވާކަމަށެވެ.

އިސްލާމްދީނަށާއި ކީރިތި ރަސޫލާއަށް ފުރައްސާރަކޮށް އެމްޑީއެން އިން ނެރުނު ރިޕޯޓާއި ގުޅިގެން ގިނަ ބަޔަކު ވަނީ ކަންބޮޑުވުން ފާލުކޮށް އެ ޖަމްޢިއްޔާ އުވާލުމަށް ގޮވާލާފައެވެ. އެ ރިޕޯޓާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ވަނީ ދެއްވާފައެވެ.