ޚަބަރު

ސިވިލް ކޯޓުގައި ގިނަ ދުވަސްވެ، ފުނިޖެހިފައިހުރި މައްސަލަތައް ހުސްކޮށްލައިފި


ޝަރުއީ ކޯޓުތަކުގައި ނުނިމި ގިނަ ދުވަސްވެފައިވާ މައްސަލަތައް ހުރުމަކީ މިއަދުވެސް އެންމެ ގިނަ ބައެއްގެ ކަންބޮޑުވުމެވެ. އެހެން އެކަން ވަނީ އިންސާފު ލިބިދިނުމަކީ އެކަށީގެންވާ އަވަސް މިނެއްގައި މައްސަލައިގައި ގޮތެއް ކަނޑައެޅިގެން ދިއުން ކަމަށް ވާތީ އެވެ.

ނަމަވެސް މި މައްސަލަތަކަށް ހައްލެއް ހޯދަން އުޅެ ބައެއް ކޯޓުތަކުގައި ހައްލު ނުލިބި އަދިވެސް އޮތީ އެވެ. މީގެ ހަތަރު އަހަރު ކުރިން ސިވިލް ކޯޓުވެސް އޮތީ ހަމަ ގިނަ ދުވަސްވީ މައްސަލަތައް ކޯޓުގައި "ތާށިވެފައި" އެވެ. ނަމަވެސް މިއަދު ސިވިލް ކޯޓަކީ ފުނި ޖެހިފައިވާ މައްސަލަތައް ބަލާ ނިންމާލުމުގެ ރެކޯޑެއް ހަދާފައިވާ ކޯޓެކެވެ. މިއަދު އެ ކޯޓުގައި މިދިޔަ އަހަރުގެ މައްސަލައެއް ވެސް ނެތެވެ. އެ ހިސާބަށް އެ ކޯޓު ގެންދެވުމުގެ އިސް މޭސްތިރިއަކީ މިހާރުގެ ސިވިލް ކޯޓުގެ އިސް ގާޟީީ ޢަބްދުﷲ ޢަލީ އެވެ.

އިސް ގާޒީ ޢަބްދުﷲ ޢަލީ ވިދާޅުވި ގޮތުގައި އޭނާ ސިވިލް ކޯޓުގެ އިސް ގާޒީގެ މަގާމާ ވަގުތީ ގޮތުން 2015 ވަނަ އަހަރު ހަވާލުވެވަޑައިގަތުމަށްފަހު ފުރަތަމަ ވެސް އަމާޒު ހިފީ އޭރު އެ ކޯޓުގައި ގިނަ ދުވަސްވެފައިވާ މައްސަލަތައް ނިންމުމަށެވެ. އެކަމަށްޓަކައި ގާޒީ ޓޭބަލްއެއް އެކުލަވާލި އެވެ. އަމާޒަށް ވާސިލްވުމަށް ފާއިތުވި ހަތަރު އަހަރުގެ ތެރޭގައި ފަނޑިޔާރުންނަށް މަސައްކަތްތައް ބަހާލައި މުވައްޒަފުންނަށް ހީވާގި ކަމާއެކު މަސައްކަތް ކުރެވޭނެ މާހައުލެއް އުފެއްދި އެވެ. އާންމު ރޭޓަށްވުރެ އިތުރަށް ގާޒީންނަށް މަސައްކަތް ކުރާންވެސް ޖެހުނެވެ. ނަމަވެސް އޭރު ބޭނުންވީ އެ އަމާޒަށް ވާސިލްވާން ކަން އިސް ގާޒީގެ ވާހަކައިން އެނގުނެ އެވެ.

ގިނަ ދުވަސް ދުވަސް ވެފައިވާ މައްސަލަތައް ބަލަން ފެށުމަށް 2015 ވަނަ އަހަރު ފެށީ 2014 ވަނަ އަހަރު ނިމިނުއިރު ކޯޓުގައި ނުނިމިހުރި 1286 މައްސަލަ އާއެކުގައި އެވެ. އަދި 2015 ވަނަ އަހަރު އަލަށް އެ ކޯޓަށް 2377 މައްސަލަ ހުށައެޅުނެވެ. ނަމަވެސް ސިވިލް ކޯޓު 2015 ވަނަ އަހަރު ނިމުނުއިރު އެ އަހަރުގެ ތެރޭގައި ހުށައެޅި މައްސަލަތަކުގެ 96 ޕަސެންޓް މައްސަލަ ނިންމާފައިވެ އެވެ. ސިވިލް ކޯޓުން ހާއްސަ ގޮތެއްގައި ފާހަގަ ކުރައްވާ އެއް ކަމަކީ 2015 ވަނަ އަހަރު ވަނީ ފަސް އަހަރަށް ވުރެ ގިނަ ދުވަސްވީ މައްސަލަތަކުގެ ތެރެއިން 78.6 ޕަސެންޓް މައްސަލަ ނިންމާފައިވެ އެވެ. އަދި ތިން އަހަރާއި ފަސް އަހަރާއި ދެމެދުގެ މައްސަލަތަކުގެ ތެރެއިން 64.5 ޕަސެންޓް އެ އަހަރު ނިންމާފައިވާއިރު 3 އަހަރާއި އެއް އަހަރު ވެފައިވާ މައްސަލަތަކުގެ ތެރެއިން 46.4 ޕަސަންޓް މައްސަލަ ނިންމާފައިވެ އެވެ. އެއީ ބޮޑު ކާމިޔާބީއެއްގެ ގޮތުގައި އިސް ގާޒީ ޢަބްދުﷲ ޢަލީ ދެކިވަޑައިގަންނަވައެވެ.

ޖެހިގެން އައި 2016 ވަނަ އަހަރު އަދި މާބޮޑު އަޒުމެއް ކަނޑައެޅި އެވެ. އެގޮތުން 2016 މިއަހަރުގެ ދުވަސްތައް ހަތަރު ފިޔަވައްސަކަށް ބަހަން ނިންމި އެވެ. އެގޮތުން ފުރަތަމަ ފިޔަވަހީގެ ތިން މަސްދުވަހުގެ ތެރޭގައި ތިން އަހަރަށް ވުރެ ގިނަދުވަސްވެފައިވާ އެއްވެސް މައްސަލައެއް ކޯޓުގައި ނުބޭއްވުމަށް އަޒުމެއް ކަމަށް ކަނޑައަޅައިގެން މަސައްކަތް ފެށި އެވެ. އަދި ދެވަނަ ފިޔަވަހީގެ ތިން މަސްދުވަހުގެ ތެރޭގައި އެއް އަހަރަށްވުރެ ގިނަދުވަސްވެފައިވާ މައްސަލައެއް ނުބޭއްވުމަށާއި ތިން ވަނަ ފިޔަވަހީގެ ތިން މަސް ދުވަހުގެ ތެރޭގައި 8 މަސްދުވަހަށް ވުރެ ގިނަދުވަސްވީ މައްސަލައެއް ނުބޭއްވުމަށް ނިންމި އެވެ. ހަތަރު ވަނަ ފިޔަވަހީގައި ތިން މަސްދުވަހުގެ ތެރޭގައި އެއްވެސް ޤާޟީއެއްގެ އަތުގައި 40 މައްސަލައަށް ވުރެ ގިނައިން މައްސަލަ ނުހުންނާނެގޮތަށް 2016 މަސައްކަތް ކުރުމަށް ކަނޑައެޅި އެވެ.

ނަތީޖާއަކަށްވީ 2016 ވަނަ އަހަރުގެ ފުރަތަމަ ފިޔަވަހީގައި ނިންމުމަށް ކަނޑައެޅި ތިން އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ މައްސަލަތަކުގެ ތެރެއިން ދެމައްސަލައެއް ފިޔަވައި ހުރިހާ މައްސަލައެއް ނިމުނެވެ.

ސިވިލް ކޯޓުން ފާހަގަކުރާ ގޮތުގައި އެއީ ސިވިލް ކޯޓަށް، އެނަމެއް ނިސްބަތްވާ މަދަނީ ކޯޓު އުފެދުނު ހިސާބުން ފެށިގެން މިހާތަނަށް ޙާޞިލުވެފައި ނުވާވަރުގެ ބޮޑު ކާމިޔާބީއެކެވެ.
.
އިސް ކޯޓުގެ ގާޒީ ވިދާޅުވި ގޮތުގައި އެކަން ކުރުމަށް ސިވިލް ކޯޓުގެ އޮނިގަނޑަށް ބަދަލު ގެނެސް އެ ކޯޓުގެ ފަސް ޑިވިޜަނެއް ޤާއިމުކުރި އެވެ.

އަދި 2016 ވަނަ އަހަރުގެ ދެވަނަ ފިޔަވަހީގައި ނިންމުމަށް ކަނޑައެޅި އެއް އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ މައްސަލަތަކުގެ ތެރެއިން ތިން މައްސަލައެއް ފިޔަވައި ހުރިހާ މައްސަލައެއް ނިންމި އެވެ. އަދި އެ އަހަރުގެ ތިންވަނަ ފިޔަވަހީގައި ނިންމުމަށް ކަނޑައެޅިފައިވާ 8 މަހަށްވުރެ ގިނަ ދުވަސްވެފައިވާ މައްސަލަތަކުގެ ތެރެއިން ތިން މައްސަލައެއް ފިޔަވައި 8 މަހަށްވުރެ ގިނަދުވަސްވެފައިވާ ހުރިހާ މައްސަލައެއް އެ މުއްދަތުގެ ތެރޭގައި ނިންމި އެވެ. އޭގެ ފަހުން 2017 ވަނަ އަހަރު ނިމިނުއިރު ގިނަ ދުވަސްތަކެއްވީ މައްސަލަތައް މަދުވަމުން ގޮސް އެއް އަހަރު ވެފައިވާ އޮތީ އެންމެ ފަސް މައްސަލަ އެވެ. އަދި މިއަދު އެ ކޯޓުގައި މިއަހަރުގެ މިހާތަނަށް އައިއިރު ކުރީގެ އެއްވެސް މައްސަލައެކެވެ.

މައްސަލައެއްގައި އިންސާފު ނުލިބި ގިނަ ދުވަސްވުމަކީ ވެސް ވެސް އިންސާފު ނުލިބުން ކަމަށް ބަލާނަމަ އެކަމުގައި ސިވިލް ކޯޓުން އެވަނީ ރަނގަޅު މިސްރާބަކަށް ދަތުރުކުރަން ފަށާއިފައި ކަމަށް ބެލެވިދާނެ އެވެ.