ދީން

ޤުރުއާނާއި ސައިންސް - މިޒަމާނަށް ފެތޭ ފޮތެއް ނޫންކަމަށް ބުނާ މީހުންނަށް ޤުރުއާނުން ރައްދު


1 ނޮވެމްބަރ (ހުކުރު) ދުވަހާއި ގުޅޭ

3- ކޮންމެ ޕްލެނެޓަކަށް ވަކިމަގެއް

ކީރިތި ﷲ އެއީ ދުވާލާއި ރޭގަނޑާއި، އިރާއި ހަނދު ހެއްދެވި ފަރާތް. އެހުރިހާ އެއްޗެއްވެސް ދައުރުވަމުންދަނީ އެ އެއްޗަކަށް ތައްޔާރުކޮށް ހެދިފައިވާ މަގެއްގައެވެ. ﷲ ހެއްދެވި ކޮންމެ އެއްޗަކީވެސް ޚާއްޞަ ގޮތްތަކަށް މަސައްކަތްކުރާ އެއްޗެހި. އިރު އަރަނީ ކަނޑައެޅިފައިވާ ވަކި ވަގުތެއްގައެވެ. އެންމެ މިނެޓެއް ސިކުންތެއްވެސް އިސް ފަސް ނުވެއެވެ.

އިރު އޮއްސުމުން ހަނދު އަރާއެވެ. އަދި ފަތިހުގެ ވަގުތު ތަކާ ޖެހެންދެން އެ ހަނދު ދެމިހުރެއެވެ. ކޮންމެ ރޭގަނޑަކަށްފަހު ދުވާލުވެއެވެ. ލޮލަށް ފެންނަ މިފަދަ ކަންތައްތަކުގެ އިތުރަށް ކާއިނާތުގެ އެހެން މަޑިކިލަނބުތައްވެސް މަސައްކަތް ކުރާނެ ޚާއްޞަ ނިޒާމެއް ކީރިތި ﷲ ލައްވަވާފައިވެއެވެ. މި ކާއިނާތުގައިވާ ކޮންމެ އެއްޗަކަށް ވަކި މަގެއް ހުރެއެވެ. އެއްވެސް އެއްޗެއް ދައުރުވާ މަގު ތަފާތުވެ އަނެއް އެއްޗެއްގެ މަގަށް އަރައިގެން ނުދެއެވެ.

މިއީ އެތައް ސަތޭކަ މިލިޔަން އަހަރަކުންސުރެ މި ކާއިނާތުގައި ތަކުރާރުކޮށް ހިނގަމުންދާ ކަންކަމެވެ. މިސާލަކަށް މި ކާއިނާތަށް ބަލާލިޔަސް ކޮންމެ ގުރަހައެއް ނުވަތަ ޕްލެނެޓެއް ދައުރުވަނީ އިރުގެ ވަށައިގެންނެވެ. މާސް ގޮސް ޕްލޫޓޯގެ ޖާގައެއް ނުހިފައެވެ. ކާއިނާތުގައިވާ މިފަދަ ކަންކަމަށް މިލިމީޓަރެއްގެ ބަދަލެއް އައި ނަމަވެސް މުޅި ދުނިޔެ ފަނާވެ ނެތި ހިނގައިދާނެއެވެ. ކޮންމެ އެއްޗެއްވެސް އެ އެއްޗަކަށް ކަނޑައެޅިފައިވާ މަގެއްގައި ކާއިނާތުގައި ދައުރުކުރާ ވާހަކަ ނުވަވަނަ ޤަރުނުގެ ކުރިން އިންސާނުންނަށް ހޯދިފައެއް ނުވެއެވެ.

މި ތިޔަރީއަކީ އިސްހާޤް ނިޔުޓަންގެ ދުވަސްވަރާ ޖެހެންދެންވެސް އެކި ގޮތްގޮތަށް ދިރާސާ ކުރެވެމުން ބަދަލު ކުރެވެމުންދާ ތިޔަރީއެކެވެ. މިހާރުވެސް ދިރާސާކުރާ ފަރާތްތަކުން ދަނީ މިކަން އިތުރަށް ދިރާސާ ކުރަމުންނެވެ. އެހެންނަމަވެސް ކީރިތި މޫރިތި ޤުރުއާނުގައި މި ވާހަކަތައް ދުނިޔެއަށް ޓެކްނޮލޮޖީއެއްގެ އަސަރުވެސް ނުފެންނަ ޓެލެސްކޯޕްފަދަ އެއްޗެތި އީޖާދު ނުވާ ޒަމާނެއްގައިވެސް ވަރަށް ފުރިހަމައަށް ގެނެސްދީފައިވެއެވެ.

4- ވާރޭ ވެހެނީ ކަނޑައެޅިފައިވާ ވަކި މިންވަރަށް

ހިމަފޮދުވާރޭ، ނުވަތަ ބޯކޮށްވެސް ވާރޭ ވެހޭ ފަހަރު އާދެއެވެ. އެކަމަކީ އެއީ އެއްވެސް ރޭވުމެއްނެތި ހިނގަމުންދާ ކަމެއް ކަމަށް އިންސާނުން ދެކުނަސް ކީރިތި ޤުރުއާނުގައި އެއީ ﷲ ގެ އިރާދަފުޅާއި އެކުގައި ހިނގަމުންދާ ކަމެއް ކަމަށް އަންގަވާފައިވެއެވެ.

ކީރިތި ﷲ އީ އެ އިލާހު ކަނޑައަޅުއްވާ މިންވަރަކަށް އުޑުތަކުން ވާރޭ ވެއްސަވާ ފަރާތެވެ. އަދި ވާރެއިން މަރުވެފައިވާ ބިންތަކަށް ދިރުންލިބެއެވެ. މިކަން ބަޔާންކުރައްވައި ސޫރަތުލް ޒުޚްރުފްގެ އެގާރަވަނަ އާޔަތުގައި މާތް ﷲ ވަޙީކުރެއްވި ބަސްފުޅުގެ މާނައިގައިވަނީ "އަދި އެކަލާނގެއީ، ކަނޑައެޅިފައިވާ މިންވަރަކަށް އުޑުން ފެން ވެއްސެވި ރަސްކަލާނގެއެވެ. ފަހެ، މަރުވެފައިވާ ރަށެއް ތިމަންރަސްކަލާނގެ އެފެނުން ދިރުއްވީމެވެ. ހަމައެފަދައިން، ތިޔަބައިމީހުން (ކަށްވަޅުތަކުން) ނެރުއްވާ ހުށްޓެވެ.".

އިންސާނީ ވަގުތުގެ ކޮންމެ ސިކުންތަކު 16 މިލިޔަން ޓަނުގެ ފެން ދުނިޔޭގެ ބިމުން އާތްވަށް ބަދަލުވެގެން ޖައްވުގެ ތެރެއަށް އަރައިގެންދެއެވެ. ހަމަ މި ޢަދަދުގެ ފެން ވާރޭގެ ގޮތުގައި ދުނިޔޭގެ ބިމަށް ކީރިތި ﷲ ވެއްސަވައެވެ. އެހެންކަމުން ދުނިޔޭގެ ފެން ދައުރުވުމުގެ ނިޒާމު ހަމަހަމަ ކަމާއި އެކު ހިފެހެއްޓިގެންދަނީ މި ފުރިހަމަ ނިޒާމުގެ ތަރުތީބު އުޞޫލުގެ ތެރެއިންނެވެ. މިއަށް ކިތަންމެ ކުޑަ ބަދަލެއް އައިނަމަވެސް ދުނިޔޭގެ ތިމާވެއްޓާއި ދިރޭތަކެތީގެ ނަސްލު ހަލާކުވެ ނެތި ފަނާވެގެން ހިނގައިދާނެއެވެ.

ވާރޭ ވެހޭނީ ކިހާ މިންވަރަކަށް ކަން ނިންމެވުމުގެ އިތުރަށް ވެހޭނެ ބާރުމިނެއްވެސް ކަނޑައަޅުއްވަނީ ﷲ އެވެ. ހިމަފޮދު ވާރެ އާއި ބޯކޮށް ވާރޭ ވެހޭއިރު، އޭގެ ތިކިތަކުގެ ބޮޑުމިނާއި ވާރޭ ވެހޭ ބާރުމިންވެސް ތަފާތުއެވެ. ބޯކޮށް ވާރޭ ވެހުމުން މީހުންނާއި ގެދޮރާއި މުދަލަށް ގެއްލުންވެއެވެ. އެހެނަސް ހިމަފޮދުކޮށް ވެހޭ ވާރެއިން އެފަދަ ބޮޑެތި ގެއްލުންތަކެއް ނުލިބޭއެވެ. އެހެންކަމުން ކީރިތި ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމް ވަނީ އެ ވާރެއަކުން ފައިދާކުރާނޭ ވާރޭ ވެއްސެވުމަށް މާތް ﷲ ގެ ޙަޟުރަތަށް ދުޢާކުރާނެގޮތް މި އުންމަތުގެ މީސްތަކުންނަށް ދަސްކޮށް ދެއްވާފައެވެ.

ވާރޭވެހޭ މިންވަރާއި ވެހޭ ވާރޭގެ ތިކިތަކުގެ ބޮޑުމިނާއި ބާރުމިން ހޯދުނީ ވަރަށް ފަހުންނެވެ. ދުނިޔޭގެ ފެނުގެ ނިޒާމު ދައުރުވަމުންދާ ގޮތުގެ ޙަޤީޤަތް ދެނެގަނެވުނީ 16ވަނަ ޤަރުނުގައި ފަރަންސޭސި އިންޖިނޭރެއް ކަމަށްވާ ބާރނަޓް އޯލިއްސީއަށެވެ. ދުނިޔޭގެ ބިމަށްވެހޭ ވާރޭ ތިކިތަކުގެ ބޮޑުމިނާއި ބާރުމިނާއި ކޮންމެ ވާރޭ ފެންފޮދެއްގައި ވާ ގުޅުންތައް ދެނެގަނެވުނީ ނަވާރަވަނަ ޤަރުނުގައި ޖަރުމަނުގެ ފިޒިކްސް ޢިލްމުވެރިއެއް ކަމަށްވާ ފިލިޕް ލެނާރޑަށެވެ.

5- ދުނިޔެ އަށް އަނބުރާ ގެންނެވުން

ކީރިތި ޤުރުއާނުގެ ބަޤަރާ ސޫރަތުގައި ބަޔާންވެގެންވާ ވާހަކައެއްގައި މީހަކު މަރާލެވުމުން އެމީހާ މަރާލި ފަރާތް ދެނެގަތުމަށް މަރުވި މީހާ އަލުން ދިރުއްވައި ފުރާނަ އަޅުއްވާފައިވެއެވެ. ﷲ ވަނީ ގެރިއެއް ކަތިލުމަށްފަހު އެ ކަތިލެވުނު ގެރީގެ ބަޔަކުން މަރުވެފައިވާ މީހާގެ ގައިގައި ޖެއްސެވުމަށް އަންގަވާފައެވެ. އެގޮތުން ކީރިތި ޤުރުއާނުގެ ބަޤަރާ ސޫރަތުގެ ހަތްދިހަ ދެވަނަ އާޔަތުގައި މާތް ﷲ ވަޙީކުރެއްވި ބަސްފުޅުގެ މާނައިގައި ވަނީ "ތިޔަބައިމީހުން މީހަކު މަރާލާފައި، އެ މަރާމެދު ދެބަސްވެ خلاف ވިހިނދު، ހަނދުމަކުރާށެވެ! ތިޔަބައިމީހުން ވަންހަނާކޮށް އުޅުނު ކަންތައް، ﷲ ހާމަކުރައްވައި، ނެރުއްވާހުށްޓެވެ. ދެން ތިމަންރަސްކަލާނގެ ވަޙީ ކުރެއްވީމެވެ. އޭގެ (އެބަހީ: އެ ކަތިލި ގެރީގެ) އެތިކޮޅަކުން، އެ (މަރުވެފައިވާ) މީހާގެ ގައިގައި ތިޔަބައިމީހުން ޖަހާށެވެ! (ދެން އެއުރެން ޖެހި ހިނދު، އެމީހާ އަލުން ދިރިއްޖެއެވެ.) މަރުވެފައިވާ ތަކެތި ﷲ އަލުން ދިރުއްވަނީ އެފަދައިންނެވެ. އަދި ތިޔަބައިމީހުންނަށް، އެކަލާނގެ ކުޅަދުންވަންތަކަމުގެ ހެކިތައް ދައްކަވަނީވެސް، އެފަދައިންނެވެ. (އެއީ) ތިޔަބައިމީހުން ވިސްނައި ދެނެގަތުމަށްޓަކައެވެ."

ކީރިތި ޤުރުއާނުން ސާބިތުވާ ގޮތުގައި ކީރިތި ﷲ މަރުވެފައިވާ އެއްޗެއް ދުނިޔެއަށް ގެނެސް ދެއްވާފައި އިންސާނުން އެއިން ޢިބުރަތް ޙާޞިލު ކުރުމަށްޓަކާ ކަންކަމުގައި އަމިއްލަ ބުއްދި ބޭނުން ކުރުމަށާއި އެކަލާނގެ ވޮޑިގެންވާކަމުގެ ހެކިތައް ހޯދުމަށް އަންގަވާފައިވެއެވެ. އެގޮތުން އިސްވެދިޔަ ޙާދިސާގައިވެސް ގެރިއެއް ކަތިލުމަށާއި، ކަތިލެވުނު ގެރީގެ އެތިކޮޅަކުން މަރުވެފައިވާ މީހާގެ ގައިގައި ޖެއްސެވުމަށް މިވަނީ އަންގަވާފައެވެ. މިއިން ޙާޞިލުވާ ޢިބުރަތަށް ބަލާއިރު، މަރުވެފައިވާ މީހާގެ ގައިގައި ޖެހުމަކީ މި ޒަމާނުގެ ސައިންސުން ޑަކުޓަރީ ޢިލްމުވެރިން ހޯދާފައިވާ ކަމެކެވެ. އަދި މިއީ މިހާރު ޢާއްމުކޮށް ކުރަމުންދާ ކަމެކެވެ. އިންސާނެއްގެ ހިތް ހުއްޓި މަރުވުމުން ނުވަތަ މީހަކު މަރުވަމުން ދާއިރު އޭނާގެ ހިތުގެމަތީގައި ވަކި ބާރުމިނެއްގައި ޖެހުމަކީ ހިތް އަލުން މަސައްކަތް ކުރަންފަށާ ކަމެއްކަން މި ޒަމާނުގެ ސައިންސްގެ ހޯދުންތަކުންވެސް ވަނީ ދެނެގަނެވިފައެވެ. އަދި މިއީ މިހާރު ކޮންމެ ދުވަހެއްގައިމެ ހަސްފަތާލު ތަކުގައި ތަކުރާރުކޮށް ކުރަމުންދާ ކަމެކެވެ.

އެހެންކަމުން ޙައްޤު ތެދު ޢިލްމަކީ ﷲގެ ޙަޟުރަތުން ލިބިދޭ އެއްޗެއްކަން ބުއްދީގެ ތަރާދުން ކިރާލުމުން މިއިން ދޭހަވެއެވެ.
( މިއީ އަމިއްލަ އިތުރުކުރުމެއް: މިފަދަ ގޮތަކަށް އާދަމްގެފާނުގެ ދަރިކަލަކު އަވަހާރަ ކޮށްލެވުނުހިނދު ވަޅުލާނެގޮތް އިންސާނިއްޔަތަށް ދައްކަވައިދެއްވީ މަރުވެފައިވާ ކާޅަކާމެދު އަނެއް ކާޅު ޢަމަލުކުރާ ގޮތް ދައްކަވައި ދެއްވައިގެނެވެ. އެޙާދިސާ އާއި މެދު ވިސްނައި ފިކުރުކޮށް އިންސާނުންގެ އަމިއްލަ ބުއްދީގެ ބޭނުން ކޮށްގެން މަރުވެފައިވާ އިންސާނުންނާމެދުވެސް އެގޮތަށް ކަންތައް ކުރެވޭނެކަން އިންސާނާ ދެނެގަތް ނަމަވެސް ޙަޤީޤީ ޢިލްމު އައިސްފައި މިވަނީ އިލާހީ ޙަޟުރަތުން ) އެހެންކަމުން އިންސާނުންނަކީ ކީރިތި ޤުރުއާނުގައި އަންގަވާފައިވާ ގޮތަށް މިފަދައިން ބުއްދީގެ ބޭނުން ކުރާ ބަޔަކަށް ވާނަމަ މިކަހަލަ އެތައް އެތައް ކަމެއް ހޯދުނީސްކަން ކަށަވަރެވެ.