އެމްޑީޕީގެ ނައިބު ރައީސްކަމުގެ ދެވަނަ ދައުރަކަށް އެދި މެމްބަރުންގެ ކިބައިން ވޯޓަށް އެދިވަޑައިގަންނަވަނީ އެމަގާމުގައި ހުންނަވައިގެން މުހިންމު މަސައްކަތްތަކެއް ކޮށްދެވިފައިވާތީކަމަށް އެމްޑީޕީގެ ނާއިބު ރައީސްގެ މަގާމު ދިފާއު ކުރައްވަން ނުކުމެވަޑައިގެން ހުންނެވި ރައީސް އޮފީހުގެ މިނިސްޓަރ މުޙައްމަދު ޝިފާޒް ވިދާޅުވިއެވެ.
ހުޅުމާލެގައި ދިރިއުޅޭ އެމްޑީޕީގެ ޢާންމު މެމްބަރުންނާއެކު ބޭއްވި ބައްދަލުވުމުގައި ޝިފާޒް ވަނީ އޭނާ އެމަގާމަށް ކުރިމަތިލެއްވި ސަބަބުތަކުގެ މައްޗަށް ވާހަކަ ދައްކަވާފައެވެ.
ޝިފާޒް ވިދާޅުވީ އިންތިޚާބެއްގައި ވޯޓަކަށް މީހުންގެ ގާތު ބުނަން ޖެހޭނީ މަސައްކަތްކޮށްފައި ކަމަށާއި ނައިބު ރައީސްގެ މަގާމަށް ދެވަނަ ފަހަރަށް ވާދަކުރައްވަނީ އެމަގާމުގައި ހުންނަވައިގެން އަދާކުރައްވަންޖެހޭ އެންމެހައި މަސްއޫލިއްޔަތުތައް އަދާކުރެވުނުކަން ފުރިހަމައަށް ގަބޫލު ކުރައްވައިގެންކަމަށެވެ. އަދި އެ މަގާމު ފުރިހަމައަށް އަދާކުރިކަމަށް ޕާޓީގެ މެމްބަރުންވެސް ދެކޭކަމަށް ގަބޫލު ކުރައްވާ ކަމުގައިވެސް އޭނާ ވިދާޅުވިއެވެ.
"ފާއިތުވި ފަސް އަހަރުގެ ތެރޭގައި ތިޔަ ބޭފުޅުންނަށް އަޅުގަނޑު ފެނިފައިވާނީ ޕާޓީގެ ކެންޑިޑޭޓުނަށް ތާއީދު ހޯދުމުގެ ކެމްޕެއިންތަކުގައި މުޅިންވެސް. އެއީ ކައުންސިލް އިންތިހާބުކަމުގައި ވިއަސް އަދި ރައްޔިތުންގެ މަޖިލިސް އިންތިހާބުކަމުގައި ވިއަސް ރިޔާސީ އިންތިހާބުކަމުގައި ވިއަސް. އެތެރޭގެ އިންތިހާބެއްގައި އަޅުގަނޑު ތިޔަ ބޭފުޅުން ގާތު ވޯޓަކަށް އެ ދޭ ފުރަތަމަ ފަހަރު މިއީ. ނަސީބު ދިމާކުރި ގޮތުން ވޯޓަކަށް އެހޭއިރުގައި ތިޔަ ބޭފުޅުންނަށް މިއީ ކާކުކަން އަދި ކޮންއިރަކު ކޮންކަމެއްކުރި މީހެއްކަން އެނގިފައިވަނީ،" ޝިފާޒް ވިދާޅުވިއެވެ.
ޝިފާޒް ވިދާޅުވީ އެމްޑީޕީގެ ޙަޔާތުގައި އައި އެންމެ އުނދަގޫ ދަތި ވަގުތުގައި ޕާޓީގެ މެމްބަރުން ހިތްވަރާއެކު މަސައްކަތްކުރިއިރު ޕާޓީގެ ނައިބު ރައީސްގެ މަގާމުގައި ހުންނެވީ އޭނާކަމަށެވެ. އެ ދުވަހު އެމަސައްކަތް ނުކުރެއްވިނަމަ އަދިވެސް ރައްޔިތުންނަށް މިނިވަންކަމާއެކު ސިޔާސީ ހަރަކާތް ނުހިންގޭނެ ކަމަށް ޝިފާޒު ވިދާޅުވިއެވެ. ޝިފާޒް ވިދާޅުވީ އޭނާއަށް ދޭ ވޯޓު ދޭންވީ އޭނާ ކުރި މަސައްކަތަށްކަމަށެވެ.