ޚަބަރު

ރައިސް ޞާލިޙުވަނީ ރައްޔިތުންގެ ބޭނުންތައް ބައްލަވައި އެކަންކަމަށް ޙައްލު ގެނެސްދެއްވާފައި - ނައިބު ރައިސް


ރައިސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙުވަނީ ރައްޔިތުންގެ އަޑުއައްސަވައި ރައްޔިތުން އެންމެ ބޭނުންވާ ބަދަލުތައް ވޭތުވެދިޔަ އަހަރުދުވަހުގެތެރޭގައި ރައީސް ގެންނަވާފައިކަން ރާއްޖޭގެ ހުރިހާ ސަރަޙައްދަކުން ފެންނަމުންދާކަމަށް ނައިބު ރައިސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

ހއ.މޮޅަދޫ ބަނދަރު ހެދުމުގެ ޢަމަލީ މަސައްކަތް ފެށުމުގެ ރަސްމިއްޔާތު އިފްތިތާޙްކޮށްދެއްވައި ވާހަކަފުޅުދައްކަވަމުން ރައިސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމު ވިދާޅުވީ މިދިޔަ އަހަރުގެތެރޭގައި ރާއްޖޭގެ އެކިރަށްރަށަށް ރައީސުލްޖުމްހޫރިއްޔާ ކުރެއްވި ދަތުރުފުޅުތަކުގައި ރައްޔިތުންގެ ޙާލަތު އޮޅުން ފިލުއްވައި ކުރިމަތިވެފައިވާ ދަތިތަކުގެ ވާހަކަތައް އަޑު އައްސަވައި އެކަންކަމަށް އެކަށީގެންވާ ހެޔޮބަދަލުތައް ގެނެސްދެއްވާފައިވާކަން ވޭތުވެދިޔަ އެއް އަހަރުދުވަހުގެތެރޭ ރާއްޖޭގެ ކޮންމެ ހިސާބަކުންވެސް ފެންނިފައިވާކަމަށެވެ.

ސަރުކާރެއް އޮތުމުގެ ބޭނުމަކީ ރައްޔިތުންގެ މެދުގައި ހަމަހަމަކަން ޤާއިމުކޮށް ރައްޔިތުންނަށް ދިމާވެފައިވާ ދަތިތަކަށް ޙައްލު ހޯދުންކަމަށާ، އެކަން މިސަރުކާރުން މިހާތަނަށް ކުރައްވަމުން އައިސްފައިވާކަމަށް ނައިބު ރައީސް ވިދާޅުވިއެވެ. އަދި ކުރިއަށް އޮތް ތަނުގައިވެސް އެމަސައްކަތް ކުރައްވަމުންގެންދަވާނެކަމުގެ ޔަގީންކަން ނައިބު ރައިސްވަނީ ދިވެހި ރައްޔިތުންނަށް ދެއްވާފައެވެ.

ނައިބު ރައިސް ވިދާޅުވީ ރަށެއް ކުޑަވުމަކީ އެރަށަކަށް ބޭނުންވާ އަސާސީ ކަންކަން ފުރިހަމަކޮށްދިނުމަށް އޮތް ހުރަހެއްކަމަށް މިސަރުކާރުން ޤަބޫލުނުކުރައްވާކަމަށެވެ. އަދި އެއްވެސް ތަފާތު ކުރުމެއްނެތި ރާއްޖޭގެ ތަރައްޤީއަށް ބޮޑެތި މަޝްރޫޢުތައް އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުން ފެންނާނެކަމަށް ނައިބު ރައިސް ވިދާޅުވިއެވެ.

400 އެއްހައި މީހުންގެ އާބާދީއެއް އޮންނަ މޮޅަދުއަށް ލަފާފުރުމުގެ ދަތިތައް ކުރިމަތިވެ ވޭތުވެދިޔަ އެއްވެސް ސަރުކާރަކުން އެކަމަށް ޙައްލެއް ހޯއްދަވައިދެވިފައެއް ނުވެއެވެ. މިސަރުކާރުގެ ފުރަތަމަ އަހަރުދުވަހުގެތެރޭގައި މޮޅަދުއަށް ރައިސުލްޖުމްހޫރިއްޔާ ކުރެއްވި ދަތުރުގައި އެރަށު ރައްޔިތުން އެންމެ ބޮޑަށް ބޭނުންވެފައިވަނީ ލަފާފުރުމުގެ ދަތިކަމަށް ޙައްލެ ގެންނަވަން ނިންމަވައި ސަރުކާރުން މިވަނީ ފުރަތަމަ އަހަރުތެރޭގައި މިކަމުގެ ޢަމަލީ މަސައްކަތް ފަށްޓަވާފައެވެ. މިމަސައްކަތް ނިމިގެންދާއިރު މޮޅަދޫއަށް ތަރައްޤީގެ އެތައް ފުރުސަތުތަކެއް ފަހިވެގެންދާނެކަމަށް އެރަށު ރައްޔިތުން ޤަބޫލުކުރެއެވެ.