ތަޢުލީމު

ކްލިކް ކޮލެޖްގެ "ނެކްސްޓް ސްޓެޕް" އެކްސްޕޯ ފަށައިފި


ކްލިކް ކޮލެޖުން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ "ނެކްސްޓް ސްޓެޕް" ކެރިއަރ ގައިޑަންސް އެންޑް ހަޔަރ އެޑިއުކޭޝަން އެކްސްޕޯ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ހުޅުވައިދެއްވައިފިއެވެ.

ކްލިކް ކޮލެޖުން އިންތިޒާމުކޮށްގެން، ޖޭސީއައި މޯލްޑިވްސްއާ ގުޅިގެން ބާއްވާ "ނެކްސްޓް ސްޓެޕް" ކެރިއަރ ގައިޑަންސް އެންޑް ހަޔަރ އެޑިއުކޭޝަން އެކްސްޕޯއަކީ އޯލެވެލް އަދި އޭލެވެލް ނިންމާ ދަރިވަރުންނަށް އަމާޒުކޮށްގެން ކުރިއަށްގެންދާ ހަރަކާތެކެވެ. މި އެކްސްޕޯގެ ބޭނުމަކީ ސްކޫލު ނިންމާކުދިން މަތީ ތަޢުލީމީ މަރުޙަލާއަށް ދިއުމަށް ހުރި ފުރުޞަތުތަކާބެހޭ މައުލޫމާތު ދަރިވަރުންނަށް ދިނުމާއި ވަޒީފާގެ ބާޒާރުގައި ހުރި ފުރުޞަތުތަކާ އަދި ވަޒީފާއެއް ހޯދުމަށް އެހީތެރިވެދިނުންކަމަށް ކްލިކް ކޮލެޖުން ބުނެއެވެ.

ދެ ދުވަހުގެ މުއްދަތަކަށް އާރޓް ގެލަރީގައި ކުރިއަށްދާ މި އެކްސްޕޯ ރަސްމީކޮށް ހުޅުވައިދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދެވެ. އެކްސްޕޯ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ކްލިކް ކޮލެޖްގެ ރައީސް ޑރ. ނައުޝާދު މުޙައްމަދު ވިދާޅުވީ، މިފަދަ ހަރަކާތެއް އެ ކޮލެޖްގެ ފަރާތުން އިންތިޒާމްކޮށްގެން ކުރިއަށްގެންދިއުމުގެ އެންމެ ބޮޑު މަޤްޞަދަކީ ތަޢުލީމީ ހަޔާތް ނިންމުމަށްފަހު ނުކުންނަށް ޒުވާނުންނަށް ވަޒީފާގެ މައިދާނަށް އަޙުލުވެރިކޮށްދީ، ހުރި ފުރުޞަތުތަކާގުޅޭ މަޢުލޫމާތު ފޯރުކޮށްދިނުންކަމަށެވެ. އެގޮތުން މި އެކްސްޕޯއަށް ޒިޔާރަތްކުރާ ފަރާތްތަކަށް ޙާއްސަކޮށްގެން 12 ޕްރެޒެންޓޭޝަނެއް ދެއްކުމަށް ހަމަޖެހިފައިވާކަމަށާއި، ކެރިއަރ ގައިޑަންސް ދިނުމަށް ޙާއްސަ ޕެނަލް ޑިސްކަޝަންތަކެއް ކުރިއަށްދާނެކަމަށްވެސް ޑރ. ނައުޝާދު ވިދާޅުވިއެވެ.


"ނެކްސްޓް ސްޓްޕް" އެކްސްޕޯ ހުޅުވައިދެއްވުމަށްފަހު ރައީސްގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ވަނީ މައުރަޒުގައި ހުޅުވާފައިހުރި ސްޓޯލްތަކަށް ޒިޔާރަތްކުރައްވައި މައުރަޒުގައި ކުރިޔަށްގެންދާ ހަރަކާތްތަކާބެހޭ މަޢުލޫމާތު ހޯއްދަވާފައެވެ. އަދި ޝާކްސް މާޝަލް އާޓްސް އެކަޑަމީއިން ކުރިއަށްގެންދިޔަ މާޝަލް އާޓްސްގެ ހަރަކާތްތައް އެކަމަނާ ބައްލަވާލެއްވިއެވެ.

މި އެކްސްޕޯގައި، މަޝްހޫރު ބައެއް ކުންފުނިތަކުގެ ހިއުމަން ރިސޯސް މެނޭޖަރުން ބައިވެރިވެ، އިންޓަވިއުއާ ސީވީ ތައްޔާރުކުރުން ފަދަ މަޢުލޫމާތު ޙިއްޞާކުރަމުން ގެންދާނެއެވެ. އަދި މި ނޫންވެސް އެކިއެކި ދާއިރާތަކުން ކުދިންނަށް މުހިންމު މަޢުލޫމާތު ދިނުމުގެ ސެޝަންތަކާއި ބައެއް ދާއިރާތަކުން ޢަމަލީ ތަޖުރިބާ ހޯދުންފަދަ ފުރުޞަތުތައް މި މައުރަޒުގެ ތެރެއިން ފަހިވެގެންދާނެކަމަށް ކްލިކް ކޮލެޖުން ބުނެއެވެ.